ހަބަރު

އަޅުގަނޑުވެސް މިހާރު ރާއްޖެ ދިޔުން ރައްކާތެރިއެއް ނޫން: ފުއާދު

އިދިކޮޅު ފަރާތްތަކުން ނެރޭ އިންތިގާލީ ކެނޑިޑޭޓަކީ އިލެކްޝަން ކޮމިޝަންގެ ކުރީގެ މެންބަރު ފުއާދު ތައުފީގު ކަމަށް ވީނަމަވެސް މި ދުވަސްވަރު އެނބުރި މާލެ އައުމަކީ އެމަނިކުފާނަށް ރައްކާތެރި ކަމެއް ނޫން ކަމަށް ފުއާދް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ނެރޭނެ އިންތިގާލި ކެނޑިޑޭޓަކާއި ގުޅޭގޮތުން ސަންގު ޓީވީން ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ޕޯލަކުން އެންމެ ގިނަ ވޯޓު ލިބުމަށްފަހު ސްރީލަންކާގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް އެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ ކާނަލް މުހައްމަދު ނާޒިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ފަދަ ބޭފުޅުންނާ ދޭތެރޭ ސަރުކާރުން ކަންތައް ކުރަމުންދާ ގޮތުން ފުއާދަށްވެސް ރައްކާތެރިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އެބޭފުޅުންނާ ދޭތެރޭ ކަންތައް ހިނގާފައިވާ ގޮތުން އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އަމުދުން އަޅުގަނޑު މި ދަނޑިވަޅުގައި މާލެ ގޮސްފިއްޔާ ރައްކާތެރިވެދާނެ ކަމަކަށް،" ފުއާދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ސަރުކާރުން ފުއާދްގެ ރައްކާތެރިކަން ކަށަވަރުކޮށްދީފިނަމަ ރާއްޖެ އައުމަށް އެއްވެސް ހުރަހެއްނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުން ދައްކަފާނެ އެއްވެސް ބިރަކަށް ޖެހިލުން ނުވާ ކަމަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އިންތިގާލީ ކެނޑިޑޭޓެއްގެ ގޮތުގައި ފުއާދަށް ތާއީދު ލިބެމުން ދިޔަ ނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން އެވާހަކަ ދައްކާފައިނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން މަޝްވަރާކުރައްވަވާފައެއް ނުވޭ، އެކަމަކު އިސް ބައެއް ބޭބޭފުޅުން އަޅުގަނޑު ކުރެން އައްސަވާ މިސާލަކަށް ހަތަރު ލީޑަރުން އެއްބަސްވަވާ ބޭފުޅަކަށް ވެއްޖެއްޔާ އަޅުގަނޑު އެ ހުށަހެޅުން ގަބޫލުކުރާނަންތޯ، އެގޮތަށް އައްސަވާ ބޭފުޅުންނަށް އަޅުގަނޑު ޖަވާބުދެއްވަމުން މިގެންދަނީ އެބޭފުޅުން އެގޮތަށް ހުށަހަޅުއްވައިފިއްޔާ އަޅުގަނޑު ގަބޫލުކުރާނެ ކަމަށް، އެއީ ނުރަސްމީ ގޮތެއްގައި ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ދިވެހި ރައްޔިތުންނަށްޓަކާ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަންވެސް ތައްޔާރު ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އިންތިގާލީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭ ކެނޑިޑޭޓަކީ ފުއާދު ކަމަށް ވިދާޅުވެ ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހަސަން މަނިކުވެސް ވަނީ ޓުވީޓު ކުރައްވާފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންވަރު އަހްމަދު މަހުލޫފް ވަނީ އިދިކޮޅުން ނެރޭ ކެނޑިޑޭޓަކީ ސިޔާސީ ބޭފުޅަކަށްވުން މުހިންމު ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން އިއުލާންކުރެއްވުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ އަންނަ އިންތިހާބުގައި އެއް ކެނޑިޑޭޓެއް އިދިކޮޅުން ނެރެ އިންތިގާލީ ވެރިކަމެއް ގާއިމުކޮށް، މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ. އެ ގޮވާލެއްވުމަށް އެންމެ ފުރަތަމަ ތާއިދު ކުރައްވައި އެކަން އިއުލާން ކުރެއްވި ބޭފުޅަކީ މަހުލޫފެވެ.