ވިޔަފާރި

ބީއެމްއެލްގެ ފައިދާ ތިންވަނަ ކުއާޓަރުގައި 35 ޕަސެންޓް މައްޗަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާ 35 ޕަސެންޓް އިތުރުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، ބީއެމްއެލްގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 247 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބީއެމްއެލްއިން ބުނީ މި ކުއާޓަރގައި އަތޮޅުތެރޭގައި ތިން ސެލްފް ސާވިސް ބޭންކިން ސެންޓަރު މި ކުއާޓަރުގައި ހުޅުވައި، މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމާ ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މި އަހަރު ބޮޑުބައި ކާމިޔާބު ވެފައިވާ ކަމަށެވެ.

""މި އަހަރު ފެށުނުއިރު އަޅުގަނޑުމެން މަސައްކަތްކުރަމުންދިޔަ ކާމިޔާބު ދުވެލީގައި އަހަރުގެ ބޮޑު ބައިގެ ވިޔަފާރި ކުރިއަރައިދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކުއާޓަރގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އަޒުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. މިދަނޑިވަޅުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ދެއްވާ އިތުބާރަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީވާގި ކަމާއި އަދި މަސައްކަތަށް އަހުމިއްޔަތުކަން ދީގެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. މި އަހަރު ކާމިޔާބު ކަމާއެކު ނިންމާލުމަށް އަޅުގަނޑުމެން ގަދަ އަޅާ މަސައްކަތް ކުރަމުންދާނަން،" ހީލީ ވިދާޅުވި އެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ބީއެމްއެލްއަށް ކާމިޔާބު ފާހަގަކޮށް ބޭރުގެ އެވޯޑެއް ލިބިފައިވެ އެވެ. ވޯލްޑް އެޗްއާޑީ ކޮންފަރެންސް އަދި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، އެކަން ފާހަގަކޮށް "އޭޝިޔާސް ލީޑިން އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ދީފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސާވިސް ބޭންކިން ސެންޓަރު 90 އޭޓީއެމް، 4600 ޕީއޯއެސް މާޗަންޓުން 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.