ވިޔަފާރި

އެސްޓީއޯގެ ފައިދާ ދުވަހެއް ދުވަހަކަށް ދަށަށް!

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސާފު ފައިދާ މިދިޔަ ކުއާޓާގައި ވެސް ދަށަށް ގޮސް 45 މިލިއަން ރުފިޔާއަށް ވެއްޓިއްޖެ އެވެ. މިފަހަކަށް އައިސް އެސްޓީއޯގެ ފައިދާ ދަށްވަމުން އަންނަ އިރު އެ ކުންފުނީގެ މުވައްޒަފުންގެ އިނާޔަތްތަކަށް ވެސް ވަނީ މިފަހުން ބަދަލު ގެނެސްފަ އެވެ.

އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާ އެވެ. އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ލިބުނީ 54 މިލިއަން ރުފިޔާ އެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 61 މިލިއަން ރުފިޔާ ލިބުނެވެ.

މާލި ހިސާބުތައް ދައްކާ ގޮތުގައި އެސްޓީއޯއިން ތިންވަނަ ކުއާޓަރުގައި ކުރި ވިޔަފާރިވެސް ވަނީ ދަށްވެފަ އެވެ. އަދި މި ކުއާޓަރުގައި 1.4 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، 1.6 ބިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ލިބުނެވެ. ދެވަނަ ކުއާޓަރުގައި 1.9 ބިލިއަން ރުފިޔާ އަދި ފުރަތަމަ ކުއާޓަރުގައި 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުގައި ގްރޮސް ޕްރޮފިޓްގެ ގޮތުގައި މި ކުއާޓަރުގައި 226 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ވަނަ ކުއާޓަރުގައި ލިބިފައިވަނީ 249 މިލިއަން ރުފިޔާ އެވެ.

ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިން މި ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 40.20ރ. އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 48.46ރ. އެވެ.