ވިޔަފާރި

އެމްޓީޑީސީއަށް ވިޔަފާރި ނުކުރެވި މާލީ ހާލަތު ދަށަށް!

ޓޫރިޒަމް ވިޔަފާރިއަށް ސަރުކާރުން އުފެއްދި ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވިޔަފާރި ނުކުރެވި، މާލީހާލަތު ދަށްވެއްޖެ އެވެ.

ހިއްސާދާރުންނަށް ފައިދާ ނުބަހާތާ ގިނަ ދުވަސްވެފައިވާ ކުންފުނި، އެމްޓީޑީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 434,655 ޑޮލަރު (ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާ) އެވެ. ނަމަވެސް މިދިޔަ ކުއާޓަރުގައި ލިބުނީ 301,638 ޑޮލަރު (ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ) އެވެ.

މި އަހަރު އެ ކުންފުނީގެ މާލީހާލަތު އިތުރަށް ގޯސްފައިވާއިރު، އެމްޓީޑީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 69.72 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 ޕަސެންޓު ދަށް އަދަދެކެވެ.

އެމްޓީޑީސީއިން ވިޔަފާރި ނުކުރާތާ ގިނަ ދުވަސްވެފައިވާއިރު، މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ އެ ކުންފުނީގެ ދަށުގައި ހުރި ހުރިހާ ރަށެއް ސަރުކާރަށް ނަގާފަ އެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހު ވަނީ އެ ކުންފުނީގެ އަތުން އަތުލި ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް އަނެއްކާވެސް އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. ހދ. ގައި ހުޅުވާ ފުރަތަމަ ރިސޯޓު ކަމަށްވާ ނާގޯށި ތަރައްގީ ކުރަނީ ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލުންނެވެ. އެ ކުންފުނިން އެ ރިސޯޓުގެ 50 ޕަސެންޓް މަސައްކަތް ވަނީ ކޮށްފަ އެވެ. މި ރިސޯޓަކީ 600 އެނދުގެ ރިސޯޓެކެވެ.