ވިޔަފާރި

އުރީދޫއަށް 136 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ދެވަނަ ކުއާޓަރަށްވުރެ އުރީދޫގެ ސާފު ފައިދާ އިތުރުވެ، ތިންވަނަ ކުއާޓަރުގައި 136 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

އުރީދޫގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި އެ ކުންފުންޏަށް މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 450 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 441 މިލިއަން ރުފިޔާ އެވެ.

އުރީދޫގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ހަރަދު އުޅެނީ 229.6 މިލިއަން ރުފިޔާ ގަ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާ އުޅެނީ 160.8 މިލިއަން ރުފިޔާގަ އެވެ. އަދި ތިންވަނަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފައިދާ އިތުރުވިކަމަށް ރިޕޯޓުން ދެއްކިއިރު، އެ ކުންފުނިން ވަނީ އާއްމުންނަށް ހިއްސާ ވިއްކާފަ އެވެ. ހިއްސާ ވިއްކަން ކުރިއަށް ގެންދިޔަ އައިޕީއޯ އިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. އަށެވެ.