ލައިފްސްޓައިލް

ދިވެހި ޑިޒައިނަރެއްގެ ބުރުގާ ހެދުންތައް ދުނިޔޭގެ ފެޝަން ޝޯއަކަށް

ދުނިޔޭގެ އެންމެ މޮޅެތި ފެޝަން ޑިޒައުނަރުންނާ އެކު ބާއްވާ މާސިޑީޒް ބެންޒް ފެޝަން ވީކަކީ ރީތި އެތައް ހެދުންތަކެއް ފެނިގެންދާ ޝޯ އެކެވެ. އެ ޝޯގައި މި އަހަރު ރާއްޖެއިންވެސް ބައިވެރިވެފައިވާ އިރު ރާއްޖެ ތަމްސީލު ކުރީ ޑިޒައިނަރު ރާއިދާ އިސްމާއިލް ޝަފީގުގެ "ރައިދާސް ޑިޒައިން" އެވެ.

މާސިޑީޒް ފެޝަން ވީކަކީ ދުނިޔޭގެ އެންމެ މޮޅެތި ޑިޒައިނަރުން އެ މީހުންގެ އެންމެ ފަހުގެ އަދި އެންމެ ރީތި ޑިޒައިންތައް ދައްކާލާ އިންޓަނޭޝަނަލް ޕްލެޓްފޯމެކެވެ.

ރާއިދާގެ ޑިޒައިންތައް ވީ ފުރަތަމަ ފަހަރަށް އެ ޝޯގައި ބައިވެރި ކުރި ބުރުގާ ހިމެނޭ ހެދުންތަކެވެ. ރައިދާގެ ހުރިހާ ހެދުންތައްވެސް ހުރީ ބުރުގާ ހިމަނާފައި ގަޔަށް ދޫކޮށް އަދި ދިގުކޮށެވެ.

އަބޫދާބީގެ ޝެއިހް ޒައިދު މިސްކިތުގެ މުށިގަނޑުތަކުން އިންސްޕަޔާވެގެން ރައިދާ ތައްޔާރުކޮށްފައިވާ ހުރިހާ ހެދުންތަކުގައި މިހާރު އެންމެ މަޝްހޫރުވެފައިވާ ޓްރެންޑް އެމްބްރޮއިޑަރީވެސް ވަނީ ހިމަނާފަ އެވެ. އެ ހެދުންތައް ތައްޔާރުކޮށްފައިވަނީ ހުދު ކުލަޔާއި، މަޑު ނޫ އަދި މަޑު މުށި ކުލައިންނެވެ. ހެދުންތައް ފަހާފައިވަނީ ޝިފޯން އަދި ޖޯޖެޓް ފޮތިންނެވެ.

ރައިދާގެ އެ ހެދުންތައް ގިނަ ބަޔަކަށްވަނީ ކަމުގޮސްފަ އެވެ. ރައިދާ ބުނީ ޝޯ ނިންމާލުމަށްފަހު ގިނަ ބަޔަކު އެ ހެދުންތަކަށް ތައުރީފްކޮށްފައިވާ ކަމަށެވެ.

ހަ ހެދުމެއް ރައިދާ ދައްކާލިއިރު އެކަމަށް ހަތަރު މަހާއި ބައި ހޭދަވި ކަމަށް ރައިދާ ބުންޏެވެ. ރައިދާ ބުނީ ޑިސެމްބަރު މަހުގެ ފަހުކޮޅު މާލެއިން އެ ހެދުންތައް ލިބެން ހުންނާނެ ކަމަށެވެ.