ރިޕޯޓް

ރައްޔިތުންގެ އެސްޓީއޯ އަޑިއަޅާލަނީ! މި ވަނީ ކިހިނެއް؟

  • މިފްކޯ ކޮޅަށް ނަގަން ޖެހުން ބޮޑު ބުރައަކަށް
  • އެސްޓީއޯގެ ހޮޓަލަށް ހަދާނެ ގޮތެއް ނޭނގިފައި
  • ފައިދާ ބޮޑުތަނުން ދަށްވެ ހިއްސާދާރުންނަށް ގެއްލުން

އެސްޓީއޯއަކީ ދިވެހިންގެ ފަހުރެ އެވެ. ސަތޭކަ ޕަސެންޓް ދިވެހި ކުންފުންޏެކެވެ. އެކަމަކު އެ ކުންފުނީގެ ވާހަކަ ދައްކާނަމަ ގިނަ މީހުން ހަނދާން ހުންނާނެ ކަމެއް އޮވެ އެވެ. އެއީ އެސްޓީއޯ އިން އަވަށްޓެރި ސްރީލަންކާއިން ގަތް ސައިފަތް ދަނޑެއްގެ ވާހަކަ އެވެ. އެ ކުންފުނިން 7.87 މިލިއަން ރުފިޔާ އަށް ގަތް ސައިފަތް ދަނޑު ވިއްކާލަން ނިންމީ 2007 ވަނަ އަހަރު އެވެ. މި ސައިފަތް ދަނޑު ވިއްކައިލީ، 1.4 މިލިއަން ރުފިޔާގެ ގެއްލުމާ އެކު 6.42 މިލިއަން ރުފިޔާ އަށެވެ. މި "ވިޔަފާރި" ވެގެން ދިޔައީ އެ ކުންފުނީގެ ތާރީހުގައި ޖެހުނު ކަޅު ލަށްގަނޑަކަށެވެ. އޭގެ ނުވަ އަހަރު ފަހުން އެސްޓީއޯގެ މިހާރުގެ ހާލަތަށް ބަލާއިރު ވެސް ހަމަ އެފަދަ "ޅަ އެއްޗިހި" ދަނީ ފެންނަމުންނެވެ. މީގެ ނަތީޖާއަކީ ކުންފުނީގެ މާލީ ހިސާބުތައް "މައިނަސް" ވާން ފެށުމެވެ. އެސްޓީއޯގެ މި އަހަރުގެ ހިސާބުތައް ދައްކާ ގޮތުން ފައިދާ ދަނީ އަހަރުން އަހަރަށް ދަށަށެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ހިއްސާދާރެއްގެ ހައިސިއްޔަތުން އެސްޓީއޯގެ ފައިދާ ދަށަށްދާ ސަބަބާ މެދު ކަންބޮޑުވޭ. މީގެ ހަގީގީ ސަބަބުން އެނގެން ޖެހޭ،" އެސްޓީއޯގެ ހިއްސާދާރެއް އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

ހިއްސާދާރުން ކަންބޮޑުވާނެ އެވެ. މޭވެސް ބޮޑުވާނެ އެވެ. ފިކުރުވެސް ބޮޑުވާނެ އެވެ. ބިރު ވެސް ގަންނާނެ އެވެ. އެކަންވާނީ ވެސް އެހެންނެވެ. އެތަށް ލައްކަ ރުފިޔާއެއް ހަރަދުކޮށް ހިއްސާ ގަނެގެން، ކުންފުނީގެ ހިއްސާދާރުގެ "ބެލްޓް އަޅައިގެން" ތިބެނީ ކަމެއްގަ އެވެ. ނަމަވެސް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެކަމާ ބެހޭ ގޮތުން އެޗެއް ވިދާޅު ނުވެ، ހަނު ހުންނެވީ އެވެ.

މި ވާހަކަ ބާއްވާށެވެ. ފައިދާ ދަށްވުމުގެ ވާހަކަ ދައްކާއިރު ކުންފުނިން އަހަރުން އަހަރަށް ހިއްސާދާރުންނަށް ދޭ "ފައިދާކޮޅު" ވެސް ދަނީ ހަމަ ދަށަށެވެ. ތެލުގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ކުރާ ކުންފުނިން 2014 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 76ރ. އެވެ. އަދި ޖެހިގެން އައި އަހަރު ހިއްސާއަކަށް 57ރ. ދިނެވެ. އަދި މިދިޔަ އަހަރު ފައިދާ އިން ހިއްސާއަކަށް ބެހީ 51ރ. އެވެ.

އެސްޓީއޯގެ މާލީ ހާލަތުގެ ސަފުހާތަށް

އެސްޓީއޯގެ މާލީ ހާލަތުގެ ވާހަކަ މިއީ އެވެ. އެސްޓީއޯގެ ފައިދާ އެންމެ ބޮޑަށް ދަށަށް ދާން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެންނެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 53.1 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2015 ވަނަ އަހަރުގެ އެ ކުއާޓަރުގައި ލިބިފައި ވަނީ 134 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނުއިރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 301.4 މިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާނަމަ 85 މިލިއަން ރުފިޔާ ދަށްވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 61 މިލިއަން ރުފިޔާ ސާފު ފައިދާއެއް ލިބުނެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބުނީ 54 މިލިއަން ރުފިޔާ އެވެ. އަދި އެންމެ ފަހުން މިދިޔަ ކުއާޓަރުގައި މިވަނީ ފައިދާ 45 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

މިފްކޯގެ "ބުރަ" އެސްޓީއޯ ކޮނޑުގައި

އެސްޓީއޯގެ ފައިދާ ދަށަށް ދިއުމުގައި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، އެ ކުންފުނީގެ ދަށަށް "ބޮޑު ދަރަނި ބޮނޑިއެއް" ގެނެސް "އެއްލައިލުމެވެ" އެކި މީހުންނަށް ދަރާ ވިކިފައި އޮތް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ބަގްރޫޓްވުމުން ސަލާމަތް ކުރަން އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަދާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ނަވާރަ ސަތޭކަ ނުވަދިޔަ ތިންވަނަ އަހަރު އުފެއްދި ކުންފުނި މިފްކޯގެ ދަށަށް ގެނައިއިރު 300 މިލިއަނެއްހާ ރުފިޔާގެ ދަރަނި އޮތެވެ. އަދި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރިއިރު، އެކި ފަރާތަކަށް ވަނީ އެ ކުންފުނި ދަރާ ވިކިފަ އެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަނަށް ކޮންމެހެން ބޭނުންވާ ތަންތަން ވަނީ ހަލާކުވެފަ އެވެ. ހާއްސަކޮށް ކަނޑުއޮތްގިރި ފަދަ ތަންތަން އޮތީ ވަރަށް ހާލުގަ އެވެ. މަސް ކިރުވާފައި މަސްވެރިންނަށް ދޭން ދެ މިލިއަނެއްހާ ރުފިޔާ އޮތެވެ. މި ހުރިހާ ކަމަކާއެކު "ކަރުތާ ފެނުގައި އޮތް" މިފްކޯ އެސްޓީއޯގެ ދަށަށް ގެނައީ އެވެ. މި ހުރިހާ ބުރައެއް އުފުލަން އަދިވެސް ޖެހިފައިވަނީ އެސްޓީއޯއަށެވެ. އެ ކުންފުނި ކޮޅަށްނަގަން އެސްޓީއޯއިން އެތައް މިލިއަން ރުފިޔާ މި ވަނީ އަންދަން ޖެހިފަ އެވެ.

ހަދާނެ ގޮތް ނޭނގުނު ހޮޓާ

އެސްޓީއޯ އިން ޓޫރިޒަމް ދާއިރާ އަށް ނުކުތުމުގެ އަޒުމުގައި ހުޅުމާލޭގައި ހޮޓަލެއް އަޅަން ނިންމައި، އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު ސޮއިކުރީ 2008 ވަނަ އަހަރު އެވެ. އެއިރު ނިންމީ، މި ހޮޓާ 2012 ވަނަ އަހަރު ހުޅުވާށެވެ. ހުޅުމާލެގައި ހޮޓާ އަޅަން ތައިލެންޑްގެ އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް ތައިލެންޑުން (އޭއެކުސްއައިއެމް) އިން 32 މިލިއަން ޑޮލަރު (493 މިލިއަން ރުފިޔާ) ލޯނެއް ވެސް ނެގި އެވެ. އަދި އެ ކުންފުނިން ހުޅުމާލެ ހޮޓާ ވިއްކާލަން ވެސް ނިންމި އެވެ. ހޮޓާ ވިއްކާލަން ނިންމުމާއެކު ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ކުރާ މަޝްރޫއު ބްރޭންޑުތަކުންވެސް ހޮޓަލަށް ޝައުގުވެރިވި ކަމަށްވެއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާގައިވަނީ އެ ހޮޓާ ބަޔަކާ ގުޅިގެން އަލުން ހިންގަން ނިންމާފަ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ހުޅުމާލެ ހޮޓާ ހިންގަން ބަޔަކާ ހަވާލު ކޮށްފިނަމަ، މީގެ ފައިދާ އެސްޓީއޯއަށް ބޮޑުވާނެ އެވެ. ނަމަވެސް މިހާރުގެ ހާލަތުން އެސްޓީއޯ އަމިއްލައަށް އެކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ އަމިއްލައަކަށް ހޮޓަލެއް ނުހިންގޭނެ. ކިތަންމެ ދުވަހަކު ހުއްޓަސް އެކަމެއް ނުވާނެ. ކުންފުންޏަށް ގެއްލުން ވުން ކަމެއް ނުވާނެ. އެއްގޮތަކަށްވެސް ނޭނގެ އެސްޓީއޯއިން މި ހޮޓާ ބަޔަކާ ހަވާލު ނުކުރަން އުޅޭ ސަބަބެއް؟ ހަގީގަތުގައި މިކަން އެސްޓީއޯއަށް ބޮޑު ގެއްލުމެއް ވާނެ،" ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން ވިދާޅުވި އެވެ.

އެސްޓީއޯގެ "ބޭކާރު" ހަރަދުތައް މައްޗަށް

އެސްޓީއޯއިން މިފަހުން ވަނީ ހަރަދުތައް ކުޑަކުރަން ފިޔަވަޅު އަޅަން މަޖުބޫރުވެފަ އެވެ. ކުންފުންޏަށް ލިބެމުން އަންނަ ފައިދާ ދަށަށް ދާން ފެށުމުން އެސްޓީއޯގެ މެނޭޖްމަންޓަށް ފެނުނީ ހަރަދު ކުޑަކުރަންމުވައްޒަފުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމެވެ. އެސްޓީއޯއިން ބުނާ ގޮތުން މި ބަދަލުގެ ސަބަބުން މުވައްޒަފުންގެ މުސާރަ އިތުރަށް ވާނީ ރަނގަޅެވެ. މިހާރު ދޭ ގިނަ އިނާޔަތްތަކެއް ކަނޑާލުމުން މުވައްޒަފުން ބުނާ ގޮތުން އިނާޔަތުގެ ގޮތުގައި ލިބޭ އަދަދު ގާތްގަނޑަކަށް ހާހެއްހާ ރުފިޔާ މަދުވެގެން ދެ އެވެ. ގާތްގަނޑަކަށް 1،000 ވުރެ ގިނަ ދިވެހި މުވައްޒަފުން ތިބި ރައްޔިތުންގެ ކުންފުނިން މިގެނައި ބަދަލުގެ ސަބަބުން އަސަރު ކުރާނީ މިހާރުވެސް ލިބޭ ކުޑަކުޑަ މުސާރައިން ފުއްދާލައިގެން އުޅޭ އާންމު މިހާއަށެވެ.

އެކަމަކު އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ދުވަހެއް ދުވަހަކަށް ބައެއް ހަރަދުތައް އިތުރުވަމުން އެބަ އާދެ އެވެ. އެގޮތުން މާކެޓިން އާއި ސޭލްސްއަށް ކުރާ ހަރަދު ވަނީ މިއަހަރުގެ ދެވަނަ ކުއާޓާއާ އަޅާކިޔާއިރު ތިން ވަނަ ކުއާޓަރުގައި 5 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގެ އިތުރުވުމެއް ވަނީ އައިސްފަ އެވެ. އަބަދުވެސް އެސްޓީއޯއާ މެދު ކުރެވޭ ތުހުމަތުތަކަކީ މާކެޓިންގެ ނަމުގައި ސިޔާސީ އެކި ހަރަކާތްތަކަށް ހަރަދުކުރުމާއި އެއްވެސް ފައިދާއެއް ނެތް ބޭކާރު ކަންކަމަށް މިޒާތުގެ ހަރަދުތައްކުރުމެވެ. މާލީ ހިސާބުތަކަށް ބަލާ އިރު އެސްޓީއޯއިން އަދިވެސް މި ފެންނަނީ އެކަހަލަ މަންޒަރެކެވެ. ސީއެސްއާރުގެ ނަމުގައި އެތައް ބޭކާރު ހަރަދުތަކެއް އެބަ ހިނގާ ކަމަށް ގަބޫލު ކުރާ ހިއްސާދާރުން އެބަ ތިއްބެވެ. ނަތީޖާ ކިތަންމެ ހާވެސް ހިއްޗެވެ. އޭގެ އާހިރުގައި މި ބުރަ އުފުލަން ޖެހޭ ބަޔަކަށް މިވީ ކުންފުނީގެ ނިކަމެތި މުވައްޒަފުން ނޫން ހެއްޔެވެ؟ އެކަމަކު އެސްޓީއޯއިން ސްޕޮންސަކުރާ ފަސްޓްލޭޑީގެ ބަށިބޯޅަ މުބާރާތާއި އެހެން ވެސް ހަރަކާތްތަކުގެ ސުޕޮންސަޝިޕަށް ކުރާ ހޭދަ ހަމަ ކުޑަކޮށްވެސް މަދުކުރާ ތަނެއް ނުފެނެ އެވެ. އެކަމަކު މަދު ކުރަނީ ނިކަމެތި މުވައްޒަފުންނަށް ލިބޭ އެއްޗެކެވެ.

މީގެއިން އެއްވެސް ކަމަކަށް އެސްޓީއޯއިން ވާހަކަ ވެސް ދައްކާލަން ބޭނުމެއް ނުވެ އެވެ.

ކޮންމެއަކަސް އެސްޓީއޯއަކީ ރާއްޖޭގެ ގިނަ ބަޔަކު ހިއްސާވާ ކުންފުންޏެކެވެ. ހާއްސަކޮށް ދިވެހިންގެ ސިއްހީ ހިދުމަތުގެ މުހިންމު ބައިވެރިއެކެވެ. މުޅިރާއްޖޭގައި އެ ކުންފުނިން ބޭސް ފިހާރަ ހިންގައި، ހިދުމަތް ދެއެވެ. ދިވެހިންނަށް ބޭނުންވާ ތެޔޮ އެތެރެ ކުރަނީ ވެސް މި ކުންފުނިންނެވެ. ވީއިރު، އެސްޓީއޯގެ މާލީ ހާލަތަށް މި އަންނަ ބަދަލުގެ ސަބަބު އެނގެން ޖެހެ އެވެ. ހާއްސަކޮށް އެސްޓީއޯގެ ހިއްސާދާރުން މި ސުވާލުގެ ޖަވާބު ބޭނުންވާނެކަން ޔަގީނެވެ. އެސްޓީއޯއަށް ލިބޭ ކޮންމެ ގެއްލުމަކީ ހަމަ ސީދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.