ރިޕޯޓް

މުވައްޒަފުން މަޖުބޫރެއްގައި! އެކަމަކު ކޮމިޝަން ހިމޭނުން

ކޮރަޕްޝަނާއި ފަސާދައާ އެންމެ ދުރު އަދި އެއާ ދެކޮޅަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރު ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އަބަދުހެންމެ އެންމެ ހަރު އަޑުން ވިދާޅުވެ އެވެ. ހުދު ރައީސް ޔާމީން ވެސް ވިދާޅުވަނީ ކޮރަޕްޓް ކޮންމެ މީހަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިބޭފުޅުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނުގެ އަޑުތައް ގަދަވަނީ ވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އެވެ. އެއްގޮތަކަށް ވެސް ކޮރަޕްޝަން ހިންގާ މިންވަރު އިތުރުވީއެއް ނޫނެވެ. މިއީ "ޕީޕީއެމް ލޮޖިކް" އެވެ. އެކަމަކު އާންމު މީހާގެ ވިސްނުމަށް މި ލޮޖިކް އަދި ނަގައެއް ނުގަނެވެ އެވެ.

ކޮރަޕްޝަންގެ އާއި ނާޖާއިޒު ފައިދާ ހޯދުމުގެ ވާހަކަ މިވީ ހަތަރު އަހަރު ގިނަވެފައިވަނީ އެކަން ކުރުން ވެސް އިތުރުވެފައިވާތީ އެވެ. ސަރުކާރުގެ އެތެރޭގައި ކޮރަޕްޝަންގެ ނުބައި އާދަ އަށައިގެންފައިވަނީ އިންތިހާއަށް ބޮޑަށެވެ. އިސް ފަނޑިން އެންމެ ދަށް ހިސާބަށް އެ ނުބައި ވަބާގެ އަސަރު ވަނީ ކޮށްފަ އެވެ. ހުދު ރައީސް ޔާމީން ވެސް މިވަނީ މިނިސްޓްރީއެއްގެ މުވައްޒަފުންތަކެއް ލައްވައި ސިޔާސީ މަސައްކަތެއް ކުރުވި ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

ޕީޕީއެމްއިން މާލޭގައި މިފަހުން ހުޅުވި، ތިންވަނަ ޖަގަހަ ކަމަށްވާ "ފިޔާތޮށި ޖަގަހަ" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ނުރައްކާތެރި ވާހަކައެއް ހާމަކުރައްވާފަ އެވެ. އެ ޖަގަހަ ހެދުމުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބައިވެރިކޮށްފައިވާ ކަމާއި އެ މުވައްޒަފުން މިހާރު ޕީޕީއެމްއަށް ސޮއިކޮށްފައިވާ ކަމަށް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

"ފިޔާތޮށި ޖަގަހައަކީ ވަރަށް ފުރިހަމަ ޖަގަހައެއް، މި ޖަގަހަ މިހާ ފުރިހަމަކޮށް ތައްޔާރުކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރު މުއިއްޒަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން، އަދި މުއިއްޒުގެ ކުޅަދާނަ ކަމަކީ މި މަސައްކަތުގަ (ޖަގަހަ ތައްޔާރުކުރުމުގައި) އުޅުއްވި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން އަޅުގަނޑުމެން ޕާޓީއާ ގުޅުމުގެ ހިތްވަރު ވެސް ދެއްވައިފި، އެކަމަށްޓަކައި ވެސް މަނިކުފާނަށް ޝުކުރު ދަންނަވަން،" އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެއީ ގާތްގަނޑަކަށް 40 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ތިބޭނެ ކަމަކަށް ނުބެލެ އެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކާ ގުޅުމުގެ ހައްގު އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުން ލައްވައި އަމިއްލަ ޕާޓީގެ މަސައްކަތްތައް ކުރުވުމަކީ ހުދު ރައީސްއަށް ވެސް ލިބިވަޑައިގަންނަވާ ބާރެއް ނޫނެވެ. ނަމަވެސް ޕީޕީއެމްއަށް ސޮއިކުރުމުގެ ވެސް ކުރިން ރައީސްއަށް އެނގިވަޑައިގެން ހައުސިން މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީ އިން މުސާރަ ދޭ މުވައްޒަފުންތަކެއް ބޭނުންކޮށްގެން އެ ވަނީ ޕާޓީގެ ޖަގަހައެއް ނުލާހިކު ރީއްޗަށް ތައްޔާރުކޮށްފަ އެވެ.

މިއީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ގޮޅިއަށް ފެތޭނެ ކަންކަމެވެ. ދައުލަތުގެ ބައިތުލްމާލުން މުސާރަ ދޭ މުވައްޒަފުންތަކެއް ބޭނުންކޮށްގެން އެ ވަޒީފާގައި ބައިތިއްބައިގެން ވަކި ސިޔާސީ ޕާޓީއެއްގެ މަސައްކަތް ކުރުވުމަކީ ނާޖާއިޒު ފައިދާއަށް ނުވާނެ ހަމަ އެއްގޮތް ވެސް އޮތް ހެނެއް ހިއެއް ނުވެ އެވެ. މިއީ މި ސަރުކާރުން ފާޅުގައި ހިންގި ޖަރީމާއެއް ނޫން ހެއްޔެވެ؟

ޕީޕީއެމްއަށް އަބަދުމެ ކުރެވެމުން ދިޔަ ތުހުމަތުތަކަކީ ތެދު ތުހުމަތުތަކެއްކަން ރައީސް ކަށަވަރުކޮށްދެއްވާފައިވާއިރު މިކަމުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ ސިވިލް ސާވިސް ކޮމިޝަނުން އެއްޗެއް ނުބުނެ އޮތީ ހިމޭނުންނެވެ. ޕީޕީއެމްގެ ޖަލްސާތަކަށް ދާން މަޖުބޫރުކުރާ ވާހަކަތަކުގެ އަޑުގަދަވާ އިރުވެސް އެ ކޮމިޝަނަށް ކަމެއްވާާހެން ހީވެސް ނުވެ އެވެ.

ޕީޕީއެމްއިން އެންމެފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ވެސް މަޖުބޫރުން އެތައް ސަރުކާރުގެ މުވައްޒަފުންނެއް ދިޔަކަމަށް އެތައް މުވައްޒަފުންނެއް އަމިއްލައަށް ވަނީ ބުނެފަ އެވެ. އެ ޖަލްސާއަށް މުވައްޒަފުން ގެންދަން ބައެއް އޮފީސްތަކުން ހާއްސަ މެމޯތަކެއް ވެސް ނެރުނެވެ. އޯޓީ ދޭނެ ކަމަށް ވެސް އެންގި އެވެ. ހާޒިރީ ބެލި އެވެ. ޖަލްސާއަށް ނުދާ މުވައްޒަފުންނަށް ސުވާލު ކުރެވޭނެ ކަމަށް އެންގި އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް ވެސް ފާޅުގައި ވިދާޅުވީ ޖަލްސާއަށް ނުދާ މުވައްޒަފުންނާ ސުވާލު ކުރާނެ ކަމަށެވެ. މިއީ ބިރުދެއްކުމުގެ އިންޒާރަކަށް ނުވާނެ ހަމައެއް ނެތެވެ.

މިއީ އާދައިގެ ކަންކަމެއް ނޫނެވެ. މިހާރު ރާއްޖޭގައި މިއޮތް ނިޒާމުން މިއީ ތަންދޭ ކަންކަމެއް ވެސް ނޫނެވެ. ސިޔާސީ ޕާޓީއެއްގެ ޖަލްސާގައި ހޭދަކުރާ ވަގުތަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުވައްޒަފުންނަށް އޯޓީގެ ފައިސާ ދޭނަމަ އެއީ މައްސަލައެކެވެ. އެއީ ރައްޔިތުންނަށް ވެރިންވާ ބޮޑު ހިޔާނާތެކެވެ. ސިވިލް ސާވިސް މުވައްޒަފުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ކޮށްފައިވާ ތިބެންޖެހޭ ބަޔެކެވެ. އެއީ އެއްވެސް ސަރުކާރެއްގެ "އަޅުންނެއް" ނޫނެވެ.

ތިން ބާރު ވަކިކޮށް ނިޒާމެއްގެ ތެރެއިން ދައުލަތް ހިންގަން ފެށުމުގެ ކުރިން އަދި ރައްޔިތުންގެ އަތުން ޓެކްސް ފައިސާ ނުނަގާއިރު ވެސް މިއީ އާންމުކޮށް ފެނުނު މަންޒަރުތަކެއް ނޫނެވެ. މިނިވަން އެތައް މުއައްސަސާއެއް ހަދައި، ފާރަވެރިވާން ބައިތިއްބި ނަމަވެސް އެ މުއައްސަސާތައް މިހާރުވެފައި އޮތީ "ދަތް ނެތް ސިންގާ"އަކަށެވެ. ވާކަމެއް ނޯންނައިރު ފެންނަ ކަމެއް ވެސް ނޯވެ އެވެ.

ސިޔާސީ ކަންކަމުގައި ސިވިލް ސާވިސް މުވައްޒަފުން ބޭނުންކުރާ ކަމަށް ސަރުކާރުގެ ވެރިން ބިރެއްނެތި ފާޅުގައި ވިދާޅުވަމުން އަންނައިރު، ސިޔާސީ ކަންކަމާ ގުޅުވައި ބޮޑެތި ފިޔަވަޅުތައް ވެސް އެ މުވައްޒަފުންނަށް ދަނީ އަޅަމުންނެވެ. އާދައިގެ ގޮތެއްގައި ކުޑަ މުސާރައެއް ލިބޭ ސިވިލް ސާވެންޓުންނަށް މުސާރައިގެ ގޮތުން އެކި ފިޔަވަޅުތައް އަޅަ އެވެ. ބަޖެޓަށް ތާއްޓެއް އަރާ ކޮންމެ ފަހަރަކު އެ މުސާރައިން ބައެއް އުނި ކުރެވޭނެ ކޮންމެވެސް އުކުޅެއް ސަރުކާރުން ހޯދައި އެ މުވައްޒަފުންގެ ކަރަށް ނިކަން ރަނގަޅަށް ބާރުކޮށްލަ އެވެ.

ކުރިން ކުރެވުނީ ތުހުމަތެވެ. އެހެނަސް މިހާރު އެންމެ އިސްވެރިޔާ އެވަނީ ޕީޕީއެމްގެ މަސައްކަތަށް މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރި ކަމަށް ފާޅުގައި އިއުތިރާފުވެވަޑައިގެންފަ އެވެ. ތުހުމަތަށް މައްސަލަ ނުބެލި ނަމަވެސް އެންމެ ކުޑަމިނުން ވެވޭ އިއުތިރާފަށް މައްސަލަ ބަލާށެވެ. ފިޔަވަޅު އަޅަންޖެހޭނަމަ އަޅާށެވެ. ރާއްޖެ ދަތުރުކުރަމުން މިދާ "ހުތުރު" މަގަށް އެޅުން ހުއްޓުވޭނީ މިނިވަން މުއައްސަސާތައް ބިރު ފަހަނަ އަޅައި ގޮސް، ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަދީގެން އެތަނުގައި ބައިތިއްބާފައިވާ ވެރިން ވެސް ބިރު ފަހަނައަޅައި ގޮސްގެންނެވެ.

މުއައްސަސާތަކުގެ ވެރިން ބިރުން ތިއްބެވި ނަމަވެސް ސަރުކާރުގެ ވެރިން ތިއްބެވީ ވަރަށް ބޮޑަށް ބިރުފަހަނަ އަޅާފައިކަން އެ ބޭފުޅުންގެ ވާހަކަތަކުން ހާމަވެ އެވެ. އެ ބޭފުޅުންނާ ހަމައަށް އަންނާނެ އިންސާފުގެ އަތެއް ނެތްކަން އެ ބޭފުޅުންނަށް ކަށަވަރުވާ ކަހަލައެވެ. ކޮންމެ ކަމެއް ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް އެ ބޭފުޅުން ތިއްބަވަނީ ރައްކާތެރި ކިއްލާއެއްގެ ތެރޭގައި ކަމަށް އެ ބޭފުޅުންނަށް ޔަގީންވަނީތާ އެވެ. ބޭފުޅަކު ފައިސާ ގޯނި އުފުލި ވާހަކަ ވެސް ދެއްކެވީ ނޫން ހެއްޔެވެ؟ ވީ ކަމެއް އެބަ އޮތް ހެއްޔެވެ؟

ހައުސިން މިނިސްޓްރީގެ މުވައްޒަފުން ލައްވައި ޖަގަހަ ހެދި ކަމަށް ރައީސް އިއުތިރާފުވެވަޑައިގަތީ، އަމިއްލަ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަން ކަމަށް ވެސް އިއުތިރާފުވެވަޑައިގަތުމަށްފަހު އެވެ. އެކަމުގައި ވެސް އެއްވެސް މުއައްސަސާއަކަށް ބަހެއް ބުނަލަން ނުކުރުނެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ސަރުކާރެއްގެ އަމަލުތަކުން މި ފެންނަނީ މުޅިން ވެސް ބިރާއި މަޖުބޫރު ކަންކަން ކުރުވުމުގެ އުސޫލެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް ކަމަށް އިދިކޮޅު ބޭފުޅަކު ވިދާޅުވާއިރަށް ވަރަށް ހަރު އަޑުން ރައްދު ދެއްވައި ޕީޕީއެމްގެ ބޭފުޅުން ވިދާޅުވާ ވާހަކައެއް އޮވެ އެވެ. "ކޮރަޕްޝަން ފެށުނީ މި ސަރުކާރުގައެއް ނޫން، ކުރީ ސަރުކާރުތަކުގައި ވެސް ކޮރަޕްޝަން ހިންގި،" އެވެ. މިއީ މި ބޭފުޅުންނަށް ކޮރަޕްޝަން ހިންގަން ނިޒާމު ހަރާބުކުރަން އޮތް ލައިސެންސެއް ހެއްޔެވެ؟

ނޫނެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިނގާފައިވާ ބޮޑު ކޮރަޕްޝަންގެ ވާހަކައެއް ނަގަނަގައިގެން ދެއްކިޔަސް އެއީ އަދި މި ސަރުކާރު ހުދު ކާފޫރަށްވާނެ ކަމެއް ނޫނެވެ. އަދި އެއީ މި ސަރުކާރުން ގޯސް ކަމެއް ނުކުރާ ކަމަކަށް ވެސް ވާނެ ކަމެއް ނޫނެވެ. ކޮރަޕްޝަނާ ދެކޮޅު ހަދަނިއްޔޭ ވިދާޅުވެ، ފާޅުގައި ބޮޑެތި އިއުތިރާފުތައްވެ، ބިރު ދައްކަމުންދާއިރު މިތިބަ މާ ސިންގާ ކޮމިޝަންތައް ހަމަ ހިމޭނުން ތިބޭނީ ހެއްޔެވެ؟