ހަބަރު

ފުވައްމުލަކު ޕީޕީއެމްގެ އިސް މީހަކު ސަރުކާރަށް ކުރާ ތާއީދު ގެންގޮސްފި

ފުވައްމުލަކު ސިޓީގެ ދަނޑިމަގު އަވަށުގެ ކުރީގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސްކަން ކުރައްވާފައިވާ ހުސެން އިހުސާން ރައީސް އަބްދުﷲ ޔާމީންއަށް ކުރައްވާ ތާއީދު އަނބުރާ ގެންގޮސްފި އެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ޔާމީނަށް ކުރާ ތާއީދު އަނބުރާ ގެންދެވީ މި ސަރުކާރުގައި ނާއިންސާފާއި އަނިޔާވެރިކަން ހައްދުން ނައްޓައިގެން ދިޔައީމަ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުންނާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ނާއިންސާފުން ކުރާ ކަންތައްތައް ގަބޫލުނުކުރެވޭނެ ކަމަށެވެ.

"ލާ އިންސާނީ އަމަލުތަކާއި ނާއިންސާފު ހައްދުން ނައްޓައިގެން ދިޔައީމަ އަޅުގަނޑުގެ ތާއީދު އަނބުރާ ގެންދަން ނިންމީ، އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ހައްދުން ނައްޓައިގެން ދިޔައީ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ޕީޕީއެމަށް އެންމެ ތާއިދު ބޮޑީ ދަނޑިމަގު އަވަށުގައި ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް އިންތިހާބުތަކުގައި އެ އަވަށުން ޕީޕީއެމަށް މެޖޯރިޓީ ހޯދޭނެ ކަމަށް ލަފާނުކުރާ ކަމަށެވެ.

އިހުސާނަކީ ފުވައްމުލަކު ސިޓީއިން އެންމެ ފުރަތަމަ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ވަކިވެ ޕީޕީއެމް އާއި ގުޅުނު ކައުންސިލް މެންބަރެވެ. އަދި ޕީޕީއެމްއަށް މެޖޯރިޓީ ހޯދިފައިވާ ހަމައެކަނި އަވަށަކީ ދަނޑިމަގު އަވަށެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ޕީޕީއެމް އަށް ހޯދައިދިނުމަށް އިހުސާން ވަނީ ގިނަ މަސައްކަތްތަކެއްވެސް ކުރައްވާފަ އެވެ. އަދި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ޕީޕީއެމް އަށް އެ ސިޓީން މެޖޯރިޓީ ހޯދިފައިވަނީ ދަނޑިމަގު އަަވަށުން އެކަންޏެވެ.

ޕީޕީއެމުން ވަކިވެފައިވާ ފުވައްމުލަކު އުދުރު ދާއިރާގެ މަޖިލީހުގެ މެންބަރު، އަލީ ޝާހުވެސް ނިސްބަތްވަނީ ދަނޑިމަގު އަވަށަށެވެ.