އައްޑޫސިޓީ މަރަދޫފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެ އެކްސިޑެންޓުގައި ތިން މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.
ފުލުހުން ބުނީ މިރޭ ނުވައެއް ޖަހާކަށް ހާއިރު އައްޑޫ ސިޓީ މަރަދޫގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ ދެ ސައިކަލު އޯވަޓޭކް ކުރަން އުޅެނިކޮށް ޖެހިގެން ކަމަށެވެ. އަދި އެ ސައިކަލު ވަނީ ކޮންޓްރޯލް ނުވެ އެތާ ކައިރީ ޕާކުކޮށްފައި އޮތް ކާރެއްގައިވެސް ޖެހިފައިވާ ކަމަށްވެ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށާއި ތިން މީހުންނަށްވެސް އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއް ސައިކަލުގައި ތިބީ ދެ އަންހެނުން ކަމަށްވެ އެވެ. ހާލު ސީރިއަސްވެފައިވަނީ އެކްސިޑެންޓުވި ސައިކަލުގައި އިން ފިރިހެން މީހާ އެވެ. އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ އެކްސިޑެންޓުގައި ސައިކަލުތަކަށާއި ކާރަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.