ދުނިޔެ

މަރާލާފައި އެއްލާލާ ކުދިން އެޑޮޕްޓްކުރާ "މަންމައެއް" ގެ އާދަޔާހިލާފު ވާހަކަ

ބާނާޑާ ގަލާޑޯ ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ހަޔާތުގެ އެންމެ ހިތި އަދި އެންމެ ބޮޑު އަނިޔާއާ ކުރިމަތިލީ އުމުރުން 16 އަހަރުގަ އެވެ. އެއީ 1976 ވަނަ އަހަރުގެ ޗިލީ އެވެ. އޭނާ އޭރު ދިރިއުޅުނު ނެއިބަހުޑްގައި އުޅުނު ފިރިހެނަކު އެއްވެސް ރަހުމެތް ނެތި އޭނާގެ ހިތްފަތް ފޭރިގަތީ އެވެ.

އެއަށް ފަހު ދެން އަޅައިގަތީ ނުވަ މަސް ދުވަހުގެ ގަދަ ވޭނެވެ. ރޭޕްކުރި މީހާގެ ދަރިފުޅު ވައްޓާލުމުގެ ބަދަލުގައި ގަލާޑޯ ނިންމީ އެ ކުއްޖާގެ ބައްޕަ ފަދަ އަނިޔާވެރިއަކަށް މަންމަ ނުވުމަށާއި މަންމަވަރުގެ ބަދުނަސީބު އަންހެނަކަށް އެ ދަރިފުޅު ނެހެދުމަށެވެ.

ގަލާޑޯ އަށް ލިބުނީ އަންހެން ކުއްޖެކެވެ. ނިކަން ލޯބިން މިހާރު އެހުރީ ބޮޑުކޮށްފަ އެވެ.

އެއަށް ފަހު ދެން މި އަންހެން މީހާ ރޮއްވާލީ މީގެ 12 އަހަރުކުރިން ނޫހަކުން ފެނުނު ސުރުހީއެކެވެ. މިއީ ބާނާޑާ ގަލާޑޯގެ ހަޔާތް ތާ އަބަދަށް ބަދަލުކޮށްލި ސުރުހީ އެވެ. 

"ތުއްތު ކުއްޖަކު މަރާލުމަށް ފަހު ކުނިކޮތަޅަކަށް ލައި ގޮނޑަށް އެއްލާލާފައި ވަނިކޮށް ފެނިއްޖެ،" ނޫހުގެ ސުރުހީގައި އޮތީ މިހެންނެވެ.

މި ސުރުހީ ކިޔާފައި ގަލާޑޯގެ ހިތް ވިރިގެން ފޭބީ އެވެ.

އެއީ 4 އެޕްރީލް، 2003 އެވެ. ޗިލީގެ ދެކުނު ބިތުގައި އޮންނަ އަވަށެއް ކަމުގައިވާ ޕޯޓޯ މޮންޓްގެ ކުނި ގޮނޑުން މި ކުއްޖާގެ ގަބުރު ފެނުނީ ގޮނޑު ހާވައިގެން ކުނިބުނި ރީސައިކަލްކުރުމުގެ މަސައްކަތުގައި އުޅުނު މީހަކަށެވެ.

މި ޚަބަރު ކިޔުމަށް ފަހު ލޮލުން ހިލިގެން ދިޔަ ކަރުނަތައް ފޮހެލުމަށް ފަހު ގަލާޑޯ އަވަސްވެގަތީ މަރުވެފައި އޮތް ކުއްޖާ އަށް "ފުރިހަމަ ޖަނާޒާއެއް" ތަނަވަސްކޮށްދިނުމަށެވެ. ނަމަވެސް ޗިލީ ފަދަ ގައުމެއްގައި އެއީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑާ ހަވާލުވާނެ އާއިލާގެ މީހަކު ނެތް ނަމަ ޗިލީގައި އެ މީހެއްގެ ހަށިގަނޑު ގުނަނީ "ހިއުމަން ވޭސްޓް" ގެ ގޮތުގަ އެވެ. ނުވަތަ އޮންނަނީ ސާޖަރީއެއްގައި ވަކިކޮށް ބާކީކޮށްލާ މަސްގަނޑު ނައްތާލާ އުސޫލެވެ.

ކުނިގޮނޑުން ފެނުނު ކުއްޖާއާ ހަވާލުވާނެ މީހަކު ވެސް ނުވި އެވެ. އަދި އެންމެފަހުން ގަލާޑޯ އެ ކުއްޖާގެ މައްސަލަ ކޯޓަށް ވައްދައި އޭނާގެ "ހަށިގަނޑު" އެޑޮޕްޓްކުރަން ނިންމުމުން މައްސަލަގަނޑެއްގެ ތެރެއަށް އޭނާ ވެއްޓުނީ އެވެ.

އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔަ ފަނޑިޔާރުގެ ތުހުމަތުގެ އިނގިލި، ކުއްޖާ މަރާލި މީހާ ކަމަށް ބުނެ ދިއްކުރީ ގަލާޑޯ އަށެވެ. ފަނޑިޔާރު ހީފުޅުކުރެއްވީ އަމިއްލަ ދަރިފުޅު މަރާލެވުމުގެ ދެރަ އާއި މޮޔަ ހީވެގެން "މަންމަ" އަލުން ދަރިފުޅު ބޭނުންވެގެން އުޅެނީ ކަމަށެވެ.

ނަމަވެސް އެންމެފަހުން މެޑިކަލް ޓެސްޓްތަކެއް ހަދައިގެން އެތައް މަހެއްގެ ދިގު އިންތިޒާރަކަށް ފަހު، ގޮނޑުން ހޮވި ތުއްތު ކުއްޖާގެ ހަށިގަނޑު ގަލާޑޯ އަށް ލިބުނީ އެވެ. އެ "ކުއްޖާ" އެޑޮޕްޓްކޮށް ގަލާޑޯ އޭނާ އަށް ދިން ނަމަކީ އަރޯރާ އެވެ.

ޗިލީގައި ގަވާއިދުތައް ހަދާފައި ހުންނަގޮތުން "ފުރިހަމަ ޖަނާޒާއެއް" ބޭނުން ނަމަ ސިއްހީ އެތައް މަރުހަލާއެއްގެ އިތުރުން އިތުރު އެހެން ލިޔެކިޔުންތައް ވެސް ފުރައިގެން ދިގު މަރުހަލާއެއް ހުރަސްކުރަން ޖެހެ އެވެ. އަދި މަރުވެފައި އޮތް ކުއްޖާއާ ހަވާލުވަނީ އޭނާގެ މަންމަ ނުވަތަ އާއިލާގެ މީހެއް ނޫން ނަމަ ކުއްޖާއާ ހަވާލުވާ މީހާ، އެ ކުއްޖާ މަރުވެފައި އޮތަސް، އެ ކުއްޖަކު އެޑޮޕްޓްކުރަން ޖެހެ އެވެ.

އެންމެފަހުން އަރޯރާގެ ނަން ދިން ކުއްޖާ އެޑޮޕްޓްކޮށް ގަލާޑޯގެ އަމިއްލަ ދަރިއަކަށް އޭނާ ހަދައިގެން ހާއްސަ ޖަނާޒާއެއް ބޭއްވީ އެވެ. އެ ޖަނާޒާ އަށް 500 އެއްހާ މީހުން ގޮސް ތިއްބެވެ. ކުޑަކުދިންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ނޫސްވެރިންނާއި ފަނޑިޔާރުން ވެސް ތިއްބެވެ.

"މަރާލާފައި އެއްލާލުމުގެ ބަދަލުގައި އެޑޮޕްޝަނަށް ވެސް ދަރިފުޅު ދޫކޮށްލެވިދާނެ."

ޗިލީގައި އެބޯޝަން މަނާކޮށް އަދަބު ކަނޑައެޅިފައިވާއިރު ދަރިފުޅު އެއްލާލި ކަމުގެ ކުށް ސާބިތުވާ މަންމައިންނަށް ވެސް ޖަލު ހުކުމް ވަނީ ކަނޑައަޅައިފަ އެވެ. ހޮސްޕިޓަލަށް ވިހެއުމަށް ފަހު ދަރިފުޅު ދޫކޮށް ފިލިޔަސް ފަސް އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ.

ނަމަވެސް ދަރިން އެބޯޓްކުރުމާއި ދަރިފުޅު ވިހެއުމަށް ފަހު އޭނާ މަރާލާފައި ކޮތަޅަކަށް ލައި ކުނިގޮނޑަށް އެއްލުމަކީ ޗިލީގައި އަދިވެސް އާންމު ކަމެކެވެ. އަރޯރާ ކަހަލަ އިތުރު ކުދިން އެޑޮޕްޓްކުރަމުން ގަލާޑޯ މިހާރު ވެސް އެ ގެންދަނީ މި ސަބަބާ ހެދި އެވެ.

މަރާލުމަށް ފަހު ގޮނޑަށް އެއްލާލާފައި އޮތް އެހެން ކުއްޖަކު ފެނުނީ އަރޯރާގެ ޖަނާޒާ ގަލާޑޯ ނިންމާލި ދުވަހު އެވެ. މިފަހަރު ފިރިހެން ކުއްޖެކެވެ.

މި ކުއްޖާގެ ޚަބަރު ކަންފަތުގައި ޖެހުމުން ގަލާޑޯ އަށް ރޮވުނީ އެވެ. އޭނާގެ މަސައްކަތް ފޫނެތްފަޔަކަށް ފެން ފުރުމާ އެއްވަރުގެ ކަމެއް ކަމަށް އިހްސާސުކުރެވުނީމަ އެވެ.

މަރާލާފައި އޮތް ފިރިހެން ކުއްޖާ އަށް ހަދާނެ ގޮތަކާ ބެހޭ ގޮތުން އާންމު ގަލާޑޯއާ ސުވާލުކުރަން ފެށި އެވެ. އެ ކުއްޖާގެ ހަށިގަނޑު ވެސް އެޑޮޕްޓްކޮށް ގަލާޑޯގެ އަމިއްލަ ދަރިއަކަށް ހެދީ އެވެ. ނަމަކަށް ދިނީ މެނުއެލް އެވެ.

މެނުއަލްގެ މަރާ ގުޅިގެން އޭނާ ކުޑަކުދިންގެ ހައްގުގައި ހާއްސަ ޕޯސްޓަރުތަކެއް ތައްޔާރުކޮށް ކުނިގޮނޑުތަކުގައި ތައްކުރުމުގެ ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ ޕޯސްޓަރުތަކުގައި ގޮވާލާފައި ވަނީ "އޭނާގެ ފުރާނަ ތިޔަ ގޮތަށް އެއްލައިނުލުމަށެވެ."

ނަމަވެސް މެނުއެލް އަށް ފަހު ވެސް އިތުރު ދެ ކުއްޖަކު ހަމަ މިގޮތަށް އޭނާ އެޑޮޕްޓްކޮށް ވަޅުލައިފި އެވެ. އެއީ ވިކްޓާ އާއި ކްރިސްޓޮބާލް އެވެ.

މިހާރު ވެސް ގަލާޑޯ އެ ދަނީ މަރާލާފައި އެއްލާލާފައި އޮތް އެހެން ކުއްޖަކު އެޑޮޕްޓްކޮށްގެން އޭނާ ވަޅުލުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. މިފަހަރު އަނެއްކާވެސް އަންހެން ކުއްޖެކެވެ. ނަމަކަށް ދީފައި ވަނީ މާގަރީތާ އެވެ.

އޭނާގެ އިސްނެގުމުގެ މަތިން މިގޮތަށް ވަޅުލާފައިވާ ކުދިންގެ މަހާނަތަކަށް އާންމުންގެ ގިނަ ބަޔަކު ޒިޔާރަތްކުރާކަން ވެސް އޭނާ ފާހަގަކުރެ އެވެ. މީހުން ބަހައްޓާފައި ހުންނަ މާބޮނޑިތައް ވެސް ފެނެ އެވެ. ފަހަރެއްގައި އޭގެ ތެރެއިން ބައެއް މާބޮނޑިތަކަކީ އެ ކުދިންގެ އަސްލު މަންމަމެން ޒިޔާރަތްކޮށް ހަދިޔާކޮށްފައިވާ މާބޮނޑިތަކެވެ.

ގަލާޑޯ ބުނަނީ ޗިލީގައި މަރާލާފައި އެއްލާލާ ކުދިންގެ މައްސަލަ ބޮޑުވެފައި ވަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް މަދުވެފައި ދިރިއުޅުމުގެ މަގުސަދުތައް އާންމުންނަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.

"މީގެ ތެރޭގައި ގިނައީ ރޭޕްކޮށްގެން ބަނޑުބޮޑުވެފައިވާ ކުދިންނާއި ގޭތެރެއިން އާއިލާގެ މީހަކު ޖިންސީ އަނިޔާކޮށް ރޭޕްކޮށްގެން ބަނޑުބޮޑުވެފައިވާ ކުދިން. ބައްޕަ ނުވަތަ ދޮންބައްޕަގެ ފަރާތުން އަނިޔާއެއް ލިބިއްޖެ ނަމަ ގިނަ ކުދިންނަކަށް އެ ވާހަކަ ދައްކާކަށް ނުކެރޭނެ. ގިނަ ކުދިންނަނީ ފަގީރު ކުދިން. އަހަރެންގެ ނަސީބަކީ އަހަރެން ރޭޕްކޮށްގެން ބަނޑުބޮޑުވިއިރު އެކުގައި ރައްޓެހިން ތިބިކަން،" ގަލާޑޯ ކިޔައިދިނެވެ.

އޭނާގެ މިއާދަޔާހިލާފު ހިތްވަރުން ހިތްވަރު ލިބިގެން ޗިލީގެ ފިލްމު ޑައިރެކްޓަރެއް ކަމުގައިވާ ރޮޑްރިގޯ ސެޕަލްވީދާ މިހާރު ވަނީ ގަލާޑޯގެ މި ވާހަކަ އަށް ފިލްމެއް ވެސް ހަދައިފަ އެވެ. ފިލްމުގެ ނަމަކީ "އަރޯރާ" އެވެ.

މި ފިލްމަކީ ނިމިގެން ދިޔަ ސަންތިއާގޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ފިލްމެވެ.