ހަބަރު

ރޭގެ އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް

އައްޑޫސިޓީ މަރަދޫފޭދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސާ މުހައްމަދު ނަޖީބު މިއަދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ފިިރިހެން މީހާގެ ހާލު ސީރިއަސް ކަމަށާއި އެ މީހާއަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހާ އާއި އަނިޔާވި ދެ އަންހެނުންގެ ތެރެއިން އެކަކު މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި ފިިރިހެން މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި އޭނާގެ ދަތްދޮޅިވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ނަޖީބު ވިދާޅުވި އެވެ. އަދި އެއް އަންހެނެއްގެ ފައި ބިންދައިގެންގޮސް ކަށިގަނޑު ނުކުމެފައިވާތީ އޭނާވެސް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޖީބު ވިދާޅުވި އެވެ.

"ފިރިހެން މީހާގެ ހެޑް އިންޖަރީއަކަށް ސަސްޕެކްޓު ކުރެވޭތީ މިއަދު މެންދުރުގެ ފްލައިޓުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން މިދަނީ، އަދި އަންހެން މީހާވެސް މިއަދު ހަވީރު އިތުރު ފަރުވާއަށް މާލެ ފޮނުވާލާނަން، އަނެއް އަންހެން މީހާގެ ހާލު މިވަގުތު ސީރިއަސް އެއް ނޫން، ކްލެރިކަލް އިންޖަރީއެއް ލިބިފައި ވަނީ، މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮސްގެން ފަރުވާ ދެމުން ދަނީ، ނަޖީބު ވިދާޅުވި އެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ ދެ ސައިކަލު އޯވަޓޭކް ކުރަން އުޅެނިކޮށް ޖެހިގެން ކަމަށެވެ. އަދި އެ ސައިކަލު ވަނީ ކޮންޓްރޯލް ނުވެ އެތާ ކައިރީ ޕާކުކޮށްފައި އޮތް ކާރެއްގައިވެސް ޖެހިފައިވާ ކަމަށްވެ އެވެ.

އެ އެކްސިޑެންޓުގައި ސައިކަލުތަކަށާއި ކާރަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.