ރާއްޖެއަށް އެކި ގޮތް ގޮތުން ރީތި ނަން ހޯދައިދީފައިވާ އެތައް ބަޔަކު އެބަތިއްބެވެ. އެފަދަ މީހުންނާމެދު ގައުމު އަބަދުވެސް ފަހުރުވެރިވާނެ އެވެ. އެމީހުންގެ ހަނދާން އާ ކުރާނެ އެވެ. މިއީ ހަމަ އެ ފަދަ މޫނެކެވެ. ތަފާތު ދާއިރާ އަކުންނެވެ. ކެޕްޓަން އާދިލް ރަޝީދު، އޭ ބުނުމުން ނޭނގޭނެ މީހަކު ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަދުވާނެ އެވެ.
އައްޑު އަތޮޅަށް އުފަން އާދިލް ބޯޓު ދަތުރު ކުރަން ފެއްޓެވީ ތަފާތު ގޮތަކަށެވެ. އޭނާއަށް ބޯޓަކަށް އަރަން ޖެހި ވަޑައިގަތީ އާއިލާގެ އަތްމަތި ދަތިވެ ހުސްވެގެނެވެ. އާއިލާގެ އަތްމަތި ތަނަވަސް ކުރަން ބެލި ބެލުމުން އެންމެ ރަނގަޅު ކަމަކީ ބޯޓު ދަތުރު ކުރަން ދިއުން ކަމަށް ފެނިވަޑައިގެން އެ ނޫން ގޮތެއް ނެތިގެންނެވެ. އެހެންވެ އުމުރުން 19 ވަރަކަށް އަހަރުގައި އާދައިގެ ސީމޭންގެ ގޮތުގައި އާދިލް ބޯޓަށް އަރާ ވަަޑައިގެންނެވި އެވެ. އެވެ.
"މަންމަމެނާއި ކޮއްކޮމެނަށް އެންމެ ރަނގަޅު ގޮތަކީ ބޯޓު ދަތުރު ކުރަން ދިއުން ކަމަށް ފެންނާތީ ބޯޓަށް ދިޔައީ،" އާދިލް ވިދާޅުވި އެވެ.
އެހެން ޖޫނިއަރުން ފަދައިން ބޯޓުގައި ހުރިހާ މަސައްކަތެއް ކުރަން ޖެހިވަޑައި ގަންނަވަ އެވެ. ދަބަރުތަަޅައި ފެން ފޮތިލައި، ދަވާދުލާން ޖެހެ އެވެ. ތަންތަން ސާފު ކުރަން ޖެހުނެވެ. ފާހާނާ ވެސް ސާފު ކުރަންވެސް އުޅުއްވި އެވެ.
"އެ އަށްފަހު އެޕްރެންޓިސްޝިޕް ހަދާފައި ދިޔައީ ބޮންބޭ އަށް ކިޔަވަން. ކިޔަވައިގެން އައިސް އެއް އަހަރު ތަޖުރިބާ ހޯދާފައި އަނެއްކާ ވެސް ދިޔައީ ލައިސަންސަށް ކިޔަވަން. ބޮމްބޭގައި ދޮޅު އަހަރު ކިޔަވާފަ އަނެއްކާ ބޯއްޓަށް ޖޮއިން ކުރީ އެމްއެންއެސްއެލްގެ ތެރެއިން. އެތަނަށް ޖޮއިން ކޮށްފަ، ކުންފުނި އުވިދާން ކައިރިވުމުން ޖަރުމަނުގެ ބޯޓު ދުއްވާ ކުންފުންޏެއް ކަމަށްވާ އޯލްޑްއެންއޮފްގެ ބޯޓު ފަހަރަށް ދިޔައީ،" އާދިލް ވިދާޅުވި އެވެ.
މިއީ އާދިލްގެ ކަނޑުމަތީގެ މަސައްކަތުގެ ދިރިއުޅުމުގެ ފެށުމެވެ. ބޭރުގެ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރަން ފުރުސަތު ލިބި ވަޑައިގެންނެވީ އޭގެ ސަބަބުންނެވެ. އެ ކުންފުނީގައި އެއް އަހަރު މަސައްކަތް ކުރެއްވުމަށްފަހު އޭނާ ދެން ވަޑައިގެންނެވީ މަތީ ތައުލީމް ހާސިލް ކުރެއްވުމަށް އިނގިރޭސިވިލާތަށެވެ. އެ ގައުމުގައި ކެޕްޓަން ލައިސަންސް ހޯއްދެވި އެވެ. އެއަށް ފަހު ޖަޕާނުގައި ބޯޓު ބަނުމުގެ ތަމްރީން ފުރިހަމަ ކުރެއްވުމަށްފަހުޖަރުނަމުގެ އޯލްޑްއެންއޮފް ކުންފުނީގެ ކެޕްޓަންކަމުގެ މަތީ މަގާމަށް ވަޑައިގެންނެވި އެވެ. މިއީ ދިވެހިން ރެކްރޫޓް ކުރާ އެފެންވަރުގެ ބޮޑު ކުންފުންޏެއްގައި ހުންނެވި ހަމައެކަނި ދިވެހި ކެޕްޓަނެވެ.
މި ވަރުން އާދިލްގެ މަސައްކަތް ނިމުނީ އެއް ނޫނެވެ. އޭގެ ފަހުން ބޭނުންފުޅުވީ މި ދާއިރާ އިން އިތުރަށް ކިޔަވާ ވިދާޅުވާށެވެ. އެހެންވެ މެރިޓައިމް ދާއިރާއިން އިނގިރޭސިވިލާތުގައި ޑިގްރީއެއް ހާސިލް ކުރެއްވި އެވެ.
"މި ހިސާބުން ދެން އަޅުގަނޑު ބޭނުންވީ މި މި ދާއިރާއިން މީހުން ތަމްރީން ކުރަން. އެހެންވެ ޔޫނިއަނެއް ހަދައިގެން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ފެށީ." އާދިލް ވިދާޅުވި އެވެ.
އާދިލް ކިޔަވައި ދެއްވަން ފެއްޓެވީ މި ހިސާބުންނެވެ. ބޭނުންފުޅުވީ މެރިޓައިމް ދާއިރާއިން މީހުން ތަމްރީން ކުރައްވާށެވެ. އެހެންވެ މެރިޓައިމް ސްކޫލްގެ ނަމުގައި ތަމްރީން ދޭ މަރުކަޒެއް ހުޅުވި އެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވަޑައިގެން ގިނަ އަދަދަކަށް މީހުން ތަމްރީން ކޮށްދެއްވައިފި އެވެ.
މީގެ އިތުރުން މެރިޓައިމް ދާއިރާއާއި ވިޔަފާރީގެ އެކި ދާއިރާ އިން މީހުން ތަމްރީން ކުރުމަށް ކޮލެޖެއް ވެސް އޭނާ ވަނީ ހުޅުވާފަ އެވެ. އެންއޭއެމް، ބިޒްނަސް ސްކޫލްގެ ނަމުގައި ހުޅުވާފައިވާ މި ސެންޓަރުން ދަނީ ވިޔަފާރީގެ ދާއިރާ އިން މީހުން ތަމްރީން ކުރަމުންނެވެ. މިތަން ހުޅުވުމުގެ ހިޔާލު އޭނާއަށް ލިބި ވަޑައިގަތީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި ލިބި ވަޑައިގެންނެވި ތަޖުރިބާއިންނެވެ.
މި ހިސާބަށް ވަޑައިގަތުމުގައި އެންމެ ބޮޑު އެހީތެރިކަމެއް މަންމަ އާއި ބޮޑުބޭބެ އާއި އާއިލާގެ ފަރާތުން ލިބި ވަޑައިގެންނެވި އާދިލްގެ މަސައްކަތުގައި މިހާރުގެ ވިސްނުންފުޅަކީ އެންއޭއެމް ބިޒްނަސް ސްކޫލުގެ ހިދުމަތް ފުޅާ ކުރެއްވުމެވެ.
"މި ކަމުގައި ކުރިއަށް ދިއުމުގައި އަންހެނުންގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. ކެޕްޓަނަކަށް ވުމާ ހަމައަށް ސެކްރިފައިޒް ތަކެއް ކުރެވިއްޖެ. ވަރަށް ދުވަހު ވަކިން އުޅެން ޖެހުނު. ވަރަށް ކެތްތެރި އަޅުގަނޑުގެ އަންހެނުން. ނަމަވެސް ކެޕްޓަނަކަށްވުމަށްފަހު އާއިލާ ވެސް ގެންދެވޭ. އަންހެނުން ވެސް އެވަނީ ބޯޓުގައި ދުނިޔެ ވަށައި ގާތްގަނޑަކަށް ބުރު ޖަހާފައި،" އާދިލް ވިދާޅުވި އެވެ.