ރިޕޯޓް

މެޑިކަލް ކޮލެޖް ގާއިމުކުރަން އިސްވެ ދުންޔާ: ގޮންޖެހުންތައް ބޮޑު!

ރާއްޖޭގައި އަލަށް އެމްބީބީއެސް ޑިގްރީ ކޯސްތަކެއް 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްތެރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ އޮކްޓޫބަރު 11 ވަނަ ދުވަހު އިއުލާންކުރައްވާފަ އެވެ. މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގައި ޕާކިސްތާނުގެ ސަރުކާރުގެ އެހީއާއެކު އެވެ.

ސަރުކާރުގެ ފަރާތުން ތަރައްގީއަށް އަމާޒުކޮށް ނެގި މި ބޮޑު ފިޔަވަޅަކީ ރާއްޖޭގެ އެތައް ޒުވާނުންނަކަށް އޭގެ މަންފާ ލިއްބައިދޭނެ ކަމެކެވެ. ރާއްޖޭގައި އެތައް ހުނަރުވެރި ނަރުހުންތަކެއް ތަމްރީން ކުރެވިފައިވާއިރު މި ފަދަ ޕްރޮޖެކްޓެއް އެހާ ފުޅާ ދާއިރާއެއްގައި އަދި މިހާތަނަށް ހިންގާފައި ނުވެއެވެ.

މިނިސްޓަރު ނާޒިމްގެ ބެއްލެވުމުގެ ދަށުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މި ޕްރޮޖެކްޓު ހިންގެވުމާ ހަވާލުވެ ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައޫމޫނެވެ. ހަމަމިއާއެކު ހެލްތު މިނިސްޓްރީ އިން ހިންގާ އިންޓަނޭޝަނަލް ހެލްތު ޕޮލިސީ ސެކްޝަންގެ މަސައްކަތްތައް ވެސް އެކަމަނާ ކުރައްވާ މަސައްކަތްތަކުގައި ހިމެނެއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާއަކީ އެތައް ފަހަރެއްގެ މަތިން ބައިނަލް އަގުވާމީ ފެންވަރުގައި ވެސް ރާއްޖެއަށް ވަކާލާތުކޮށް އަޑު އުފުލާ އަދި ރާއްޖެ ދިފާއު ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ދިރިއުޅޭ އަހުލުވެރިންނަށް އުފާވެރި ފާގަތި ތަނަކަށް ހެއްދެވުމަށް ފޮރިން މިނިސްޓްރީގައި އުޅުއްވިއިރު އެތައް މަސައްކަތްތަކެއް ކުރައްވާ އަދި ހެލްތު ރިސާޗް ޕޮލިސީ ވެސް ވަނީ ފައްޓަވާފަ އެވެ.

ދުންޔާ ވިދާޅުވީ، މި ސަރުކާރުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން ކަމަށެވެ. ރާއްޖެގައި މެޑިކަލެއް ކޮލެޖެއް ގާއިމު ކުރަން ނިންމީ، އެކަމުގެ މުހިންމު ކަމުގެ ސަބަބުން ކަމަށެވެ. ރާއްޖޭގައި މެޑިސިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ގިނަ ކުދިންތަކެއް ތިބި ނަމަވެސް ހަރަދު ބޮޑުވެ، އެ ފުރުސަތު ނުލިބި ތިބި ކުދިން ވަރަށް ގިނަ ކަމަށެެވެ.

"ރާއްޖޭގައި މެޑިސިން ކިޔަވަން ބޭނުންވާ ކުދިން ފުރުސަތު ހޯދުން ދަތިވެފައި މި އޮންނަނީ، ވަރަށް ބޮޑެތި ހަރަދުތައް ކޮށްގެން އެކި ގައުމުތަކަށް އެބަދޭ، ފުރުސަތު ނުލިބޭތީ އެހާ ފެންވަރު ރަނގަޅު ނޫން ގައުމުތަކުން ވެސް ކިޔަވައިގެން އެބަ އާދޭ، އެހެންވެ އަޅުގަނޑުމެން ލިބެން ބޭނުންވާ ކޮލިޓީގެ ޑޮކްޓަރުން ނުލިބި ވެސް އެބަދޭ، އެހެންވީމަ އެގޮތަށް ބަލާއިރު ވެސް ރާއްޖޭގަ ތިބެގެން އެ ކުދިން އާއިލާއާއެކު ތިބެގެން ކިޔަވަން ފުރުސަތު ލިބުމަކީ ވަރަށް މުހިންމު ކުރިއެރުމެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ރާއްޖޭގައި ނަރުހުން ތަމްރީނުކުރާތާ ވެސް އެތައް އަހަރުތަކެއްވެއްޖެ ކަމަށާއި ރާއްޖޭގެ ނަރުހުންނަކީ ފެންވަރު ރަނގަޅު ބައެއްކަން އެހެން ގައުމުތަކުން ވެސް ފާހަގަކުރާ ކަމަށެވެ. އެހެންކަމަށްވާއިރު ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ކުރުމަކީ ނުކުރެވޭނެ ކަމެއް ނޫން، އެއީ އަޅުގަނޑުމެންގެ ތެރޭގައި ބޭފުޅުން އެބަ ތިއްބެވި ކިޔަވައިދެއްވަން، ދިވެހި ޑޮކްޓަރުން ވެސް އެބަ ތިއްބެވި މިހާރު ވަރަށް ރަނގަޅު ހިދުމަތް ދެއްވާ، އަޅުގަނޑުމެން ބޭނުން ވަނީ ވަސީލަތްތަކާއި ކަރިކިއުލަމް އެކުލަވާލައި އެކީ އެކައްޗަކަށް ރަނގަޅު ބޭފުޅެއްގެ ބެލުމުގެ ދަށުން މިކަން ފަށައިގަތުން،" ދުންޔާ ވިދާޅުވި އެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމަށް ޕާކިސްތާން ސަރުކާރުން ފަސް މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. ދުންޔާ ވިދާޅުވީ، އެއީ ފަށައިގަތުމަށް ވަރަށް ރަނގަޅު ފައިސާގެ އަދަދެއް ކަމަށެވެ. މުސްތަގުބަލުގައި ވަކި އިމާރާތެއް އަޅައި މި ތަމްރީނު ކުރިއަށް ގެންދިޔުމަކީ ވެސް ދެކޭ އުއްމީދެއްކަން ދުންޔާ ފާހަގަކުރެއްވި އެވެ.

މެޑިކަލް ކޮލެޖްގެ މަސައްކަތުގައި ދުންޔާ އިސްކޮށް އުޅުއްވާއިރު އެކަމަނާއަށް އެތައް ބައެއްގެ ފާޑު ކިޔުންތަކާ ކުރިމަތިވީ ކަމުގައިވިއަސް ދުންޔާގެ މަސައްކަތް ވަނީ މީގެކުރިން ވެސް އިދިކޮޅު ޕާޓީތަކުން ވެސް ބަލައިގަނެ ގަބޫލުކޮށްފައެވެ.

ޖުލައި 2016 ވަނަ އަހަރު ދުންޔާ ފޮރިން މިނިސްޓަރުގެ މަގާމުން އަމިއްލަފުޅަށް ވަކިވެވަޑައިގެންނެވީ މަރުގެ ހުކުމާމެދު ދެބަސްވުންތަކެއް އުފެދުމުގެ ސަބަބުންނެވެ. އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާ ދެމެދު ބައިބައިވެގެން ދިޔަ އެވެ.

މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުންގެ ތެރެއިން އެންމެ ދޮއްޓަށް ހުންނެވީ ދުންޔާއެވެ. ދުންޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮމެން، ޔުމްނާ އަދި ފާރިޝް ނެންގެވި ނިންމުންތަކާއި ދުންޔާގެ ނިންމުންތައް ވަރަށް ތަފާތުވީކަމުގައިވިއަސް، ދުންޔާއާ އެބޭފުޅާގެ އާއިލާއާ މެދު ގާތް ގުޅުމެއް އޮވެ އެވެ.

އެގޮތުން 2007 ވަނަ އަހަރު އ.ދ ގެ ބައިނަލްއަގުވާމީ މަގާމެއް ދުންޔާ ދޫކޮށްލެއްވީ 2008 ވަނަ އަހަރުގެ ރައީސް ކަމުގެ އިންތިހާބުގައި އެބޭފުޅާގެ ބައްޕާފުޅު ކުރިމަތިލެއްވި އުނދަގޫތަކުގައި އެހީވުމަށެވެ. އޭރު ރައީސް ކަމުގެ އިންތިހާބު ގެއްލި އަދި ބައްޕާފުޅުގެ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީވެސް ބައިބައިވެގެން ޕީޕީއެމް އަށް ބެހިގެން ދިޔައެވެ. ރައީސް ޔާމީން ވެރިކަމަށް އަރުއްވަން ކުރެއްވި މަސައްކަތްޕުޅުގައި ތާއިދު ކުރައްވާ އަދި އެކަމުގައި އެހީވެވަޑައިގަންނަވަން ދުންޔާ ހުންނެވިއެވެ. ފޮރިން މިނިސްޓަރުގެ މަގާމަށް ދުންޔާ އަރާވަޑައިގެންނެވީ އޭރުއެވެ.

ދުންޔާގެ ކޮއްކޮ، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ޖަލަށް ގެންދެވުމާ ގުޅިގެން ކަންބޮޑުވެ ދެރަވާ ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ދުންޔާއަށް ލިބިފައިވާ ތައުލީމާއި، ހުނަރާއި ތަމްރީން ރާއްޖޭގެ ރައްޔިތުންނަށް އެހީވުމަށާއި، އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނީ މި ސަރުކާރާއެކު މަސައްކަތްކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.