ވިޔަފާރި

ސަރުކާރުން މިފްކޯއަށް 46.3 މިލިއަން ރުފިޔާގެ ލޯނެއް ދީފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ހަމައަކަށް އަޅުވަން، ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް 46.3 މިލިއަން ރުފިޔާގެ ލޯނެއް މިއަދު ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި މިފްކޯގެ ފަރާތުން، ސޮއިކުރެއްވީ މިފްކޯގެ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ލޯނު ބޭނުން ކުރާނީ މަސްވެރިންނަށް މިހާރު ދިމާވެފައި ހުރި މައްސަލަތަކާއި މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ގަތުމަށް ކަމަށް ފިނޭންސުން ބުންޏެވެ.

ސަރުކާރުން މިފްކޯއަށް ލޯނެއް ދިންއިރު، އެ ކުންފުނީގެ ދަރަނި ބޮޑުވުމުގެ ސަބަބުން ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. މި ބަދަލު ގެނައިއިރު، މިފްކޯ އޮތީ ގިނަ ފަރާތްތަކަށް ދަރާފަ އެވެ. އަދި އޭރު އެ ކުންފުނިން ދިޔައީ، އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރަމުންނެވެ.