ވިޔަފާރި

އާމްދަނީ އިތުރުވި ނަމަވެސް ކުންފުނިތަކުގެ ފައިދާ ދަށަށް

Apr 25, 2019

ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، އެ ކުންފުނިތަކަށް ލިބިފައިވާ ފައިދާ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދަށްވެފައިވާ ކަމަށް ކުންފުނިތަކުގެ ހިސާބުތަކުން ދައްކައިފި އެވެ.

ސަރުކާރު ހިއްސާވާ 18 ކުންފުންޏެއްގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ފަހު ކުއާޓަރުގައި 7.55 ބިލިއަން ރުފިޔާ އާމްދަނީ ގޮތުގައި ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރު އެ މުއްދަތުގެ ތެރޭގައި ލިބުނު 6.55 ބިލިއަން ރުފިޔާ އާ އަޅާބަލާއިރު 15 ޕަސަންޓުގެ އިތުރުވުމެކެވެ.

ނަމަވެސް، ގިނަ ކުންފުނިތަކުގެ ހަރަދުތައް އިތުރުވެގެން ދިޔުމުގެ ސަބަބުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު ސާފު ފައިދާވަނީ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރަށްވުރެ 12 ޕަސަންޓް ދަށްވެފަ އެވެ.

އެންމެ ބޮޑަށް ފައިދާވި ކުންފުނިތައް

  • އެމްއޭސީއެލް: 360 މިލިއަން ރުފިޔާ
  • ބީއެމްއެލް: 276 މިލިއަން ރުފިޔާ
  • ދިރާގު: 234 މިލިއަން ރުފިޔާ
  • އެމްޑަބްލިއުއެސްސީ: 176 މިލިއަން ރުފިޔާ

ތަފާސް ހިސާބުތަކަށް ބަލާއިރު، އެ 18 ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯ އަށެވެ. އާމްދަނީގެ ލިސްޓުގެ ދެވަނާގައި އޮތް އެމްއޭސީއެލް މައިގަނޑުގެ ގޮތެއްގައި ތެޔޮ ވިއްކައިގެން 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުއާޓަރުގައި ހޯދާފައިވެ އެވެ.

މީގެ އިތުރުން ބީއެމްއެލާއި ދިރާގާއި އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ އާއި އެމްޑައިބްލިއުއެސްސީ އާއި އެމްޓީޓީސީގެ އިތުރުން ފެނަކަ ފަދަ ކުންފުނިތަކުން ވަނީ 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ހަތަރު ވަނަ ކުއާޓަރުގައި ހޯދައިފަ އެވެ.

ސާފު ފައިދާ އެންމެ ދަށްވި ކުންފުނިތަކަށް ބަލާއިރު، ހަރަދުތައް އިތުރުވުމުގެ ސަބަބުން ސްޓެލްކޯގެ ފައިދާވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 31.8 ޕަސަންޓް ދަށްވެފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ފިނޭންސް މިނިސްޓްރީއިން ލަފާދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ކުންފުނިތަކަށް ލިބިފައިވާ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި، ރަނގަޅަށް ރޭވިގެން އަންނަ ދުރު ރާސްތާގެ ޕްލޭންތަކުގެ ދަށުން ކުންފުނިތަކުގެ ވިޔަފާރިތައް ކުރިއަށް ގެންދިޔުން ހިމެނެ އެވެ.