ހަބަރު

ކޮރަޕްޝަނުގެ ތުހުމަތަކާ ހެދި ޕީޕީއެމްގައި ހައިޖާނެއް

ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލަތަކެއްގެ ވާހަކަ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އާންމު ކުރުމުން އެކަމާ ގުޅިގެން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ތެރޭގައި ހައިޖާނެއް އުފެއްދިއްޖެ އެވެ.

ސޯޝަލްމީޑިއާގައި ލިއުނު ބައެއް ވާހަކަތަކާ ގުޅިގެން ކުރިން ހައްޔަރު ވެސް ކޮށްފައިވާ ތޮއްޔިބު ޝަހީމް ކުރި ޓްވީޓްގައި ތުހުމަތުކޮށްފައި ވަނީ "ހެލްތު ސެންޓަރުތަކަަށް މެޝިންތަކަކާއި ކެމިކަލްތަކެއް ގެނައުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާހާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުﷲ ހަލީލު ކޮރަޕްޝަން ހިނގަވާފައިވާ" ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން މެމްބަރު ފަލާހު ވަނީ ޕީޕީއެމްގެ ވައިބާ ގްރޫޕުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ތޮއްޔިބު އެ ވާހަކަ އާންމު ކުރުމުގެ ކުރިން ޕީޕީއެމްގެ އެތެރޭގައި ބަޔަކު އެވާހަކަ ދައްކާފައިވާ ކަމަށެވެ.

"އަހަރުންތަ މި ވައްކަން ކުރަނީ؟،" އެއަށް ފަހު ފަލާހު ވައިބާ ގްރޫޕްގައި ސުވާލު ކުރައްވާފައި ވެއެވެ.

ފަލާހުގެ އެ ވާހަކަފުޅަށް އެހެން ބޭފުޅަކު ޖަވާބު ވެސް ނުދެއްވަނީސް އޭނާ ވަނީ ޕާޓީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ގްރޫޕްގައި ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ހުރިހާ މަގާމެއްގައި ތިއްބެވީ ވޯޓުލައިގެން ހޮވިފައި ތިއްބެވި ބޭފުޅުންތޯ ވެސް ސުވާލުކޮށްލަން ޖެހޭ ކަަމަށެވެ. ދެން ވެސް އެހެން ބޭފުޅަކު ރައްދެއް ނުދެއްވަނީސް ފަލާހު ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވަން ވެސް ކެރިވަޑައިިގެން ހުންނެވި ކަމަށެވެ.

" ... އަޅުގަނޑުމެންނަށް ކެރިދާނެ އިސްތިއުފާ ދޭން ވެސް. ޖެހިލުމެއް ނުވޭ،" ފަލާހު ވިދާޅުވެފައި ވެއެވެ. ދެން ވިދާޅުވެފައި ވަނީ ތިމާ އަމިއްލައަށް ވައްކަން ކޮށްފައި އެހެން މީހުންގެ ބޮލުގައި އަޅުވަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. މީގެ އިތުރަށް ލީޑަޝިޕްގެ ބޭފުޅުންތަކަކަށް އިޝާރާތް ކުރައްވާ ފަލާހް ވިދާޅުވީ، އެންމެ ދެ މީހަކު ބޭނުންވާ ގޮތަށް ޕީޕީއެމްގެ ކަންތައްތައް ނުކުރެވޭނެ ކަމަށެވެ.

އެއަށް ފަހު ފަލާހު ވެސް ވަނީ ޕީޕީއެމްގެ ބޭފުޅުންތަކަކަށް ބޮޑު ތުހުމަތެއް ކުރައްވާފަ އެވެ. ނަމެވެސް އެއީ ވަކި މިވެނި ބޭފުޅުންތަކޭ ވިދާޅުވުމުގެ ބަދަލުގައި ސުވާލު ކުރައްވާފައި ވަނީ އެއީ ކޮން ބަައެއްތޯ އެވެ. އެގޮތުން ބައެއް ކުންފުނިތަކަށް ފައިސާ ދައްކަން ޖެހިގެން ބަޔަކު ލިއުންތަކެއްގައި ރޯކޮށްލިކަން ފަލާހަށް އެނގިވަޑައިގަންނަަވާކަމަށް ދޭހަވާ މޭރުމަކުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެއީ ކޮންބައެއް ކުރިކަމެއްތޯ އޭނާ ސުވާލު ކުރައްވާފައި ވެއެވެ.

"މިފަހަރު ރަނގަޅަށް ހަނގުރާމަކޮށްލަން ހިނގާ،" ފަލާހު ލިޔުއްވާފައިވެ އެވެ.

ވައިބާ ގްރޫޕުގައި ފަލާހުގެ ލިއުއްވުންތައް ފުލުފުލުގައި އައި ވަގުތު މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވައްޓަވައިލެެއްވީ ވަރަށް ރީތި މަލެއްގެ ފޮޓޯއެކެވެ. ނަމަވެސް އެކަމާ ވެސް ފަލާހު ވަނީ ނުރުހުން ފާޅުކުރައްވައި "މަޑުން ހުންނެވުމަށް" އަސްމާއަށް ދަންނަވާފަ އެވެ.

ތޮއްޔިބުގެ ޓްވީޓުގައި ތުހުމަތު ރައްދުކޮށްފައިވާ ދެވަނަ ބޭފުޅާ ކަމަށްވާ ނިލަންދޫ ދާއިރާ މެމްބަރު އަބުދުﷲ ހަލީލު ވާހަކަފުޅެއް ވިދާޅުވީ ފަލާހު މުޅި ގްރޫޕް ފްލަޑް ކުރެއްވި ފަހުންނެވެ. ޚަލީލު ވިދާޅުވެފައި ވަނީ ބާރު ހުރިކަން ދެއްކެވުމަށް ބައެއް ހުތުރު އަމަލުތައް ބައެއް މަދު އެމްޕީންގެ ފަރާތުން ފެންނަ ކަމަށެވެ. ރައީސަށް ވަފާތެރި މެމްބަރުންގެ އަގު ވައްޓައިލަން އުޅެނީ ކޮށްފައިވާ ހުތުރު އަމަލުތައް ފޮރުވަން ވެގެން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިވާހަކަތަކާ ގުޅިގެން ހަލީލާއި ފަލާހުގެ ބަހެއް ހޯދުމަށް އަވަސް އިން އެބޭފުޅުންނަށް ގުޅައި މެސެޖްކުރި ނަމަވެސް އޭގެ ތެރެއިން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.