ހަބަރު

އެމެރިކާ އާއި ޗައިނާ ކުންފުންޏެއް ގުޅިގެން ޓީއެމްއޭ ގަންނަނީ

އެމެރިކާގެ ބާއިން ކެޕިޓަލް އެލްޕީ ނަމަކަށް ކިޔާ ކުންފުންޏަކުން ރާއްޖޭގެ ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް ޕްރައިވެޓް ލިމިޓެޑް(ޓީއެމްއޭ)ގެ ކޮންޓްރޯލް ނެގުމުގެ އެންމެ ފަހު މަރުހަލާގައިވާ ކަަމަށް ބްލޫމްބާގް ނޫހުންް ބުނެފި އެވެ.

ބްލޫމްބާގުން މިއަދު ބުނީ ބާއިން ގްރޫޕުން ޓީއެމްއޭ ގަތުމަށް މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏެއް ކަަަމަށްވާ ޓަމްޕަސް ގްރޫޕާއެކު އުފަައްދާ ޖޮއިންޓް ވެންޗާއަކުން ހިންގަން ކަން އެ ނޫހަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ކަމަށެވެ. އަދި ބުނީ ޓްރާންސް މޯލްޑިވިއަންއަށް ބާއިން ގްރޫޕުން ހުށަހަޅާފައިިވާ އަގަކީ 500 މިލިޔަން ޑޮލަރު ކަމަށެވެ. ނަމަވެސް އަގަކާ މެދު ކުރާ މަޝްވަރާތައް އަދި ވެސް ކުރިއަށް ދާ ކަަމަށް ވެސް ބްލޫމްބާގްގެ ހަބަރުގައި ވެއެވެ.

ޓީއެމްއޭ މައިގަނޑު ހިއްސާ އޮންނަ ބްލެކް ސްޓޯން އިން އެކުންފުނި ވިއްކަން ވިސްނަމުންދާ ކަމަށް ފުރަތަމަ ބުނީ މިދިޔަ ސެޕްޓެމްބަރުމަހުއެވެ. ބްލޫމްބާގުން ބުނީ މިއަހަރު ނިމުމުގެ ކުރިން އެއްބަސްވުމަަކަށް އައުމަށް ބްލެކް ސްޓޯން އިން އަމާޒުހިފާފައިވާ ކަމަށެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ، ބްލެކްސްޓޯން ގްރޫޕުން ހިންގާ ޓީއެމްއޭގައި ޖުމްލަ 44 ސީޕްލޭން ބޭނުން ކުރެ އެވެ. ޓީއެމްއޭ އާއި މޯލްޑިވިއަން އެއާޓެކްސީގެ ނަމުގައި ވަކިން ހިންގަމުން އައި ދެ ސީޕްލޭން އޮޕަރޭޓަރު އެއްކޮށްލައިގެން، ޓީއެމްއޭގެ ނަމުގައި ސީޕްލޭންގެ އޮޕަރޭޝަންތައް ފެށީ 2013 ވަނަ އަހަރު ބްލެކްސްޓޯން އިން އެދެކުންފުނީގެ ބޮޑު ހިއްސާއެއް ގަތުމަށް ފަހުގަ އެވެ.