ހަބަރު

އަލުން ބިޑަށްލީ ދިއްފުށި ފަޅު އޮތީ ހާމިދަށް ދީފައި: އާއިލާ

ކުއްޔަށް ދޭން ޓޫރިރަމް މިނިސްޓްރީން އިއުލާނުކޮށްފައިވާ ކ. ދިއްފުށި ފަޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއީލަށް ކުރިން 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ގަނޑުގެ ތެރޭގައި ހިމެނޭ ހިޔާނާތުގެ ކުށެއް ސާބިތުވެ ޖަލު ހުުކުމެއް ތަންފީޒު ކުރަމުންދާ ހާމިދުގެ ފަރާތުން އޭނާގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުންތަކާ ހިލާފަށް އަމަލު ކުރަމުންދާތީ ހާމިދުގެ ކުންފުނިތަކަށް ފޫނުބެދޭވަރުގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކ. ދިއްފުށިފަޅު އަލުން ބިޑަށްލުމާ ގުޅިގެން ރުނު އެ ބަޔާނުގައި ބުނެފައި ވަނީ އެ ފަޅަކީ ހާމިދާއި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން 50 އަހަރަށް ކުއްޔަށް ދިނުމާ ގުޅިގެން ހިއްކަމުން އަންނަ ފަޅެއް ކަމަށެވެ. އެތަން ކުއްޔަށް ހިފަން ހާމިދާއި ސަރުކާރާ ދެމެދު ކުރަން ޖެހޭ ހުރިހާ ފައިސާގެ މުއާމަލާތްތަކެއްކޮށް ނިމިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެއްބަސްވުމާ އެއްގޮތަށް ފަޅުގެ އެންމެހައި މަސައްކަތްތަކެއް ކުރިއަށް ދަނިކޮށް، ފަޅު އަލުން ވިއްކާލުމަށް ބިޑަށް ހުޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ސަރުކާރާއި ހާމިދު އިސްމާއިލާއި އޭނާ ހިއްސާވާ ކުންފުނިތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ގިނަ ތަންތަން އެއްބަސްވުމާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީން ތަކުރާރުކޮށް އަމަލު ކުރަމުންދާތީ ހާމިދު ހިއްސާވާ ކުންފުނިތަކަށް ފޫނުބެދޭ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަން ހިތާމަައާއެކު ފާހަގަ ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ހާމިދުގެ އެންމެހައި ވިޔަފާރިތައް ބިނާވެފައިވަނީ ގިނަ އަހަރުތަކެއްގެ ތެރޭގައި އޭނާގެ ބުރަ މަސައްކަތުން ހޯދާފައިވާ ހަލާލު ފައިސާގެ މައްޗަށް ކަމަށް ވެސް އާއިލާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދު ދަނީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމޭނީ 2019 ވަނަ އަހަރު އެވެ.