ހަބަރު

ލާދީނީ ފިކުރަކީ ރާއްޖޭގައި މާކުރިންވެސް އޮތް ކަމެއް: ޑިފެންސް މިނިސްޓަރު

ލާދީނީ ފިކުރާއި ދީން ދޫކޮށްލުމަކީ ވެސް ރާއްޖޭގައި މާކުރިން ވެސް އަށަގެންފައި އޮތް ބައްޔެއް ކަމަށް ޑިފެންސް މިނިސްޓަރު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރައސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވިދާޅުވީ ރާއްޖޭގައި ކުރިން ރަސްކަން ކުރި ބައެއް މީހުން ވެސް ރާއްޖެ ދޫކޮށް ގޮސްފައިވާ ކަަމަށާއި ބައެއް ރަސްކަލުން ދީން ވެސް ދޫކޮށްލި ކަމަށެވެ.

" ލާދީނީ ފިކުރާއި ދީން ދޫކޮށްލުމާއި އަދި ހަމަ އެއާ އެކީގައި ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރަކީ މާކުރިން ވެސް ދިވެހިރާއްޖޭގައި އަށަގެންފައި އޮތް ދީނީ އިޖުތިމާއީ މައްސަލަތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ގަބޫލުކުރެވޭ އެއް ކަމަކީ ލާދީނީ ފިކުރު ފެތުރިގެން ދިއުމާއި އެކަމާއި އެކުގައި ހައްދުފަހަނަ އަޅައި ދިއުމުގެ ފިކުރު ފެތުރިގެން ދިއުން ކަމަށެވެ. އެ ދެ ފިކުރު ރާއްޖޭގައި ފަތުރަން ކުރާ މަަސައްކަތާ މެދު ހުޝިޔާރުވެ، ހުރިހާ މުއައްސަސާތަކަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ނުކުރާނަމަ އަމާންކަމާއި އޮމާންކަމާ އެކު ދިރިއުޅުމަަށް ދިވެހީންނަށް މިއަދު ލިބިފައި އޮތް ފުރުސަތު ކުޑަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސްޓެރަރިޒްމްގެ އަމަލުތައް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ހިންގަމުން ދާއިރު ރާއްޖެއަށް ވެސް އެކަމުގެ އަސަރުކުރާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އެފަދަ ކަމެއް ކުރިމަތިވިޔަ ނުދިނުމަށް ވަރަށް ހުށިޔާރުވެ ބަލަން ޖެހޭ ކަމަށެވެ.

" އަޅުގަނޑުމެން މިއަދު ދިވެހި އަަސްކަރިއްޔާއަށް ލިބިފައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ، އަޅުގަނޑުމެން ހުށިޔާރުކަމާ އެކު އަޅުގަނޑުމެންގެ ގައުމަށް އެފަދަ ނުރައްކަލެއް ކުރިމަތިވާނެ ފަދަ އެއްވެސް ކަމެެއް އަޅުގަނޑުމެންނަށް މެދުވެރިވަމުންދޭތޯ ބެލުމަަކީ ވަރަށް ހުށިޔާރުކަމާ އެކީގައި ކުރަން ޖެހިފައިވާ ކަމެއް،" ޝަރީފު ވިދާޅުވިއެވެ.


ނަސްރުގެ ދުވަަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ ދިވެހި ބަހުގެ މާހިރެއް ކަމަށްވާ ޑރ. އަޝްރަފް ޢަބުދުލް ޣަނީއެވެ. އޭނާގެ ވާހަކަފުޅުގައި ގައުމިއްޔަތު އާލާކުރުމަށް މާދަރީ ބަހުގެ މުހިއްމުކަން ވަރަށް ތަފުސީލުކޮށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ސިފައިންގެ އިސްވެރިންނާއި އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިރިވިއެވެ. އަދި ރިޓަޔާކޮށްފައިވާ ބައެއް އިއްޒަތްތެރިން ބައިވެރިވަޑައިގެންނެވިއެވެ.