ހަބަރު

ބަންގްލަދޭޝްގަައި މަރުވި މީހާގެ ހަށިގަނޑު ރާއްޖެއަށް ގެނެސްފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކަގައި މިދިޔަ އަންގާރަދުވަހު ނިޔާވި ސ. މަރަދޫފޭދޫ، ކަލަރުމާގެ، އަބްދުﷲ ފަތުހީ، 65އ. ގެ ހަށިގަނޑު ރާއްޖެއަށް ގެެނެސްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފަހުމީގެ ހަށިގަނޑު އާއިލާއާ ހަމައަށް މިހާރު ގެނެސްފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ގެނައީ އާއިލާއިން އެދިގެން ކަމަށެވެ. ފަހުމީގެ އާއިލާއަށް ތައުޒިޔާ ކިއުމާ އެކު އެކަމުގައި އެހީތެރިވި ފަރާތްތަކަށް މިނިިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

"އަވަސް"އަށް އެނގިފައިވާ ގޮތުގައި ފަތުހީގެ މަރާގުޅިގެން ފޮރިން މިނިސްޓްރީއަށް އެންމެ ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ނަމަވެސް ބަންގްލަދޭޝަށް މީހަކާ އިންނަން ގޮސް ހުރި ފަތުހީ ގުދުރަތީ މަރަކުން މަރުވީ ނޫން ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ ކަމަށް އާއިލާއިން ކުރިން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ވެސް ބުނެފައި ވަނީ އެމީހާ މަރާލި ކަމަށް ޝައްކު ކުރެވިގެން އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

"އަވަސް"އާ ވާހަކަދެއްކި އޭނާގެ އާއިލާގެ މީހަކު ބުނެފައި ވަނީ ފަތުހީ ބަންގްލަދޭޝްއަށް ދިޔަ ފަހުން ކޮންމެ ދުވަހަކު ވެސް އާއިލާއާ ގުޅައިގެން ފޯނުން ވާހަކަ ދައްކާ ކަމަށެވެ. އޭނާ މަރުވީ އެއްވެސް ކަހަލަ ބައްޔެއް ވެގެން އުޅެފައި ކަމަށް ނުވާތީ އޭނާ މަރުވި ގޮތާ މެދު ޝައްކު އުފެދޭ ގިނަ ކަންކަން ހިނގާފައި ހުރި ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނެފަައިވާ ގޮތުގައި މި މަހުގެ ކުރީ ކޮޅު ފަތުހީ ބަންގްލަދޭޝަށް ދިޔައީ އޭނާ ލޯބީގެ ގޮތުން ގުޅުން އޮތް އެ ގައުމުގެ މީހަކާ ކައިވެނި ކުރާށެވެ. އަދި ދިޔައީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހިފައިގެންނެވެ. ގާތްގަނޑަކަށް ލައްކައެއްހާ ދިވެހި ރުފިޔާ (ބަންގްލަދޭޝް ރުފިޔާއިން ފަސް ލައްކައެއްހާ ޓާކާ) ގެންދިޔަ ކަމަށްވެ އެވެ. ބަންގްލަދޭޝަށް ފަތުހީ ގޮސް އެ އަންހެން ކުއްޖާއާ ކައިވެނި ކޮށްގެން އުޅުނީ އެ އަންހެން ކުއްޖާގެ ގޭގަ އެވެ. ނަމަވެސް މަރުވުމުގެ ދެ ދުވަސް ކުރިން އަންހެން ކުއްޖާއާ މައްސަލައެއް ޖެހިގެން އަނބުރާ ރާއްޖެ އަންނަން އޮތީ ނިންމައިފަ އެވެ. ވިހައެއް ކަހަލަ އެއްޗެއް ދީގެން ފަތުހީ މަރާލީ ކަމަށް އެ މީހުން ތުހުމަތު ކުރި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފަތުހީ އިނދެގެން އުޅުނު އަންހެން ކުއްޖާ ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.