ރިޕޯޓް

ޑޮލަރު ވިއްކި އަދަދު އިތުރުވެ، ރިޒާވް ދަށަށް

  • ޔޫޒަބުލް ރިޒާވް ހަތް ޕަސެންޓް ވަނީ ދަށްވެފައި
  • ބޭނުން ކުރެވޭ ރިޒާވް ހުރީ 191.1 މިލިއަން ޑޮލަރު
  • މުޅި ދައުލަތުގެ ރިޒާވް ވަނީ ހަތް ޕަސެންޓް ދަށްވެފައި

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބޭރަށް ޑޮލަރު ވިއްކި އަދަދު އިތުރުވެ އެކަމުގައި ސަބަބުން ބޭނުން ކުރެވޭ ގޮތަށް ހުރި ދައުލަތުގެ ރިޒާވް ނޫނީ ޔޫޒަބަލް ރިޒާވް، އަށް ޕަސެންޓް ދަށްވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ މިދިޔަ މަހުގެ "އިގްތިސާދީ ރިވިއު" ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 191.9 މިލިއަން ޑޮލަރެވެ. ޖުލައި މަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 207.6 މިލިއަން ޑޮލަރެވެ. އެއީ ހަތް ޕަސެންޓްގެ ދަށް، 15.7 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މަހުން މަހަށް ބަލާއިރު ޔޫޒަބަލް ރިޒާވް ދަށްވިނަމަވެސް، އަހަރުން އަހަރަށް ބަލާއިރު މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

ޔޫޒަބަލް ރިޒާވް އަކީ ގްރޮސް އިންޓަރނޭޝަނަލް ރިޒާވްސް (ރާއްޖޭގެ ރަސްމީ ރިޒާވް) އިން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީ އުނި ކުރުމުން ބާކީވާ އަދަދެވެ. ޔޫޒަބަލް ރިޒާވްސް އިން ދައްކައިދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުން ކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 519.4 މިލިއަން ޑޮލަރެވެ. މިއީ މަހުން މަހަށް ބަލާނަމަ ހަތް ޕަސެންޓް ދަށްވުމެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު މި އަދަދު އުޅެނީ ހަތަރު ޕަސެންޓު ދަށުގަ އެވެ.