ހަބަރު

ގުރައިދޫ ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ އަޑިއަށް

ކ. ގުރައިދޫ ފަޅުގައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވެ އަނދައި ހުލިވެ، އަޑިއަށް ހިނގައްޖެއެވެ.

ގުރައިދޫން ވާހަކަ ދެއްކި މީހަކު އަވަސް އަށް ބުނީ މިއަދު ހެނދުނު 10.00 އެހާކަށް ހާއިރު ހިނގި އެ ހާދިސާގައި ރޯވި ދޯންޏަކީ ބަނދަރުގައި އޮތް ސަފާރީއެއްގެ ޑައިވިން ދޯނި ކަމަށެވެ. އެއީ ގާތްގަނޑަކަށް 30 ފޫޓު ދިގު ލަކުޑި ދޯންޏެއް ކަމަށާއި އަލިފާން ގަނޑު ކޮންޓްރޯލް ނުވެ ދޯނި މުޅިން އަނދައި އަޑިއަށް ގޮސްފަައިވާ ކަަމަށެވެ.

" ދޯނީގައި ތިބީ ތިން މީހުން ، އެމީހުން ބުނި ގޮތުން ރޯވީ ޕަމްޕަކަށް ޕެޓްރޯލު އަޅަނިކޮށް، ޕެޓްރޯލް ހަމެއްގައި. އެމީހުން ވަނީ މޫދަށް ފައިބައިގެން އެއް ގަމަށް އަރާފައި. ގިނަ އިރުތަކެއް ވަންދެން ފެން ޖެހި ނަމަވެސް އަލިފާން ކޮންޓްރޯލެއް ނުވިޔޯ،" ގުރައިދޫން ވާހަކަ ދެއްކި މަންޒަރު ދުށް މީހާ ބުންޏެވެ.

އޭނާ ވެސް ވަނީ އަލިފާން ނިއްވޭތޯ ކުރި މަސައްކަތުގައި ބައިވެރި ވެފައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްްއެންޑީއެފް) އިން ބުނީ ގުރައިދޫ ފަޅުގައި އޮތް ދޯންޏެއްގައި ރޯވި ކަމުގެ ރިޕޯޓެއް 10.00 ގައި ލިބުނު ކަމަށާއި ފަޔަޓީމުން މިހާރު އެތަނަށް ދަތުރުކުރަމުންދާ ކަމަށެވެ.