ހަބަރު

ލީޑަރުންނަށް ނަސްރުގެ ދުވަސް މުހިއްމެއް ނުވި

ރާއްޖެއަށް ފަހުގެ ތާރީހެއްގައި އައި އެންމެ ބިރުވެރި ދުވަހަކީ 1988 ވަނަ އަހަރު ކުރި ނާކާމިޔާބު ބަޣާވާތެވެ. ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ހަމަލާދިނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

އެދުވަހުގެ ހަމަލާގައި 19 ދިވެހިން ޝަހީދުވިޔަސް ބާޣީންނަށް ވީ ނާކާމިޔާބެވެ. އެކަމަކު ދިވެހިންގެ މި މިނަވަން އަތުން ބީވެގެން ނުދިޔައީ ހަމަ ކިރިޔަކިރިޔާ އެވެ. ދިވެހިންނަށް އެކަން ކަށަވަރު ކުރެވުނީ އަވަށްޓެރި އިންޑިއާއިން ވެސް މަދަދު ކޮށްގެން އެވެ.

އެބިރުވެރި ދުވަހުން މިންޖުވެވުމުގެ ރަމްޒެއްގެ ގޮތުން ރައީސް މައުމޫނު އަބުދުލް ގައްޔޫމު ނިންމެވީ "ރާއްޖޭގެ ނަސްރުގެ ދުވަހުގެ" ގޮތުގައި ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރުމަށެވެ. އޭގެ ފަހުން ފާއިތުވި 29 އަހަރުވެސް އެދުވަސް އައީ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޮޑު ރަސްމިއްޔާތެއް ބާއްވައި އެ ރަސްމިއްޔާތުގައި އޭރަކު ހުންނެވި ވެރިއަކު ތަގުރީރު ކުރައްވަ އެވެ. ގައުމަށް މުހިންމު މެސެޖްތަކެއް ދޫކުރައްވަ އެވެ.

ބައެއް އަހަރުތަކުގައި މެދު ކެނޑުނު ނަމަވެސް އެކަން އާއްމުކޮށް އޮތީ މިހެންނެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް އިއްޔެގައި ފާހަގަ ކުރި އިރު މަންޒަރު ފެނުނީ މުޅިން އެހެން ގޮތަކަށެވެ. ސަރުކާރުން އެދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރި ނަމަވެސް އެފަދަ ދުވަހެއްގައި އާލާކުރަން ޖެހޭ ފަދަ ގައުމީ ރޫހެއް ނުފެނެއެވެ. ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ ޑިފެން މިނިސްޓަރު ގިނިކަންޏާއެވެ. އެންމެ ފަހުން ރޭގައި ބޭއްވި ޖަލްސާގެ ކުރީ ސަރުން ވެސް ފެނުނީ ޔުނިފޯމް ތުރު ނުކުރައްވައި ތިއްބެވި އެންމެ ހަތަރު ބޭފުޅުންނެވެ. އެއީ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވި ބަހުގެ މާހިރު ޑރ. އަޝްރަފް އަބުދުއް ރަހީމާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މޭޖާ ޖެނެރަލް ރިޓަޔާޑް މުހައްހަމަދު ޒާހިރެވެ.

ދެން ތިއްބެވި ވަޒީރުން ކޮބައިތޯ އެވެ؟ ދައުލަތުގެ އެހެން ބާރުތަކުގެ ވެރިން ކޮބައިތޯ އެވެ؟ މި މަންޒަރު ދައްކުވައިދެނީ މި ސަރުކާރުގެ އިސްވެރިންނަށް ވެސް ނަސްރުގެ ދުވަހުގެ މުހިންމުކަމެއް ނެތް ކަމެވެ.

އިދިކޮޅު ފަރާތްތަކުން ކަންތައް ކުރީ އަދި ވަކިން ލަދުވެތި ގޮތަކަށެވެ. ގައުމޭ ރައްޔިތުންނޭ މިނިވަންކަމޭ ވިދާޅުވެ ހަޅޭފުޅު ލައްވާ އިދިކޮޅު ލީޑަރުންނަށް ނަސްރުގެ ދުވަސް އައީ ކަން އެނގިވަޑައިގެންނެވި ކަމަކަށް ނުވި އެވެ. އާއްމުކޮށް ދިގު ޚިތާބުތައް ނެރުއްވާ އަދި ނޮވެމްބަރު ތިނެއްގެ ބަޣާވާތުގެ މައިގަނޑު އަމާޒަކަށްވެ ވަޑައިގެންނެވި ކުރީގެ ރައީސް މައުމޫނު ވެސް ދުވަސް ފާހަގަ ކުރެއްވީ ވަރަށް ވަނދުކޮށެވެ. ނޮވެމްބަރުމަހުގެ ދެވަނަ ދުވަހު ޓްވީޓެއް ނުކުރައްވައެކޭ ނޫނެވެ.

ދެން އެދުވަހުގެ ވާހަކަ ދެއްކެވީ ހއ. ދިއްދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ފޮނުުއްވި ހިތާބެއްގައެވެ. އެދުވަހަށް ހާއްސަކޮށް އާއްމު ހިތާބެއް ނުނެރުއްވަ އެވެ.

އިދިިކޮޅު އެމްޑީޕީން ވެސް ދުވަސް ފާހަގަ ކުރުމަށް ބަޔާނެއް ނުނެރެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ގައުމީ އަދި ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ނަމަވެސް ބަސް ވިދާޅުވާ ބޭފުޅެކެވެ. އެކަމަކު ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަސް ފާއިތުވެ ދިޔައިރު އެމަނިކުފާނުގެ ޓްވީޓެއް ނުފެނުނެވެ. އެހެން ނަމަވެސް އެމަނިކުފާނު އިނގިރޭސިވުލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއަށް މިހާރު ކުރައްވާ ދަތުރުގެ އުސްއަލިތައް އެމަނިކުފާނުގެ ޓްވިޓާގައި ލިޔުއްވަމުން އެބަ ގެންދަވަ އެވެ.

އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ނަސްރުގެ ދުވަސް ފާހަގަ ކުރަން ނެރުނު ބަޔާނެއް ވެސް އަދި ނުފެނެއެވެ. އެހެންވީމާ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ނަސްރުގެ ދުވަސް އެހާ މުހިއްމު ކަމަކަށް އެބޭފުޅުންގެ އަމަލުފުޅުތަކަކުންް ނުފެނުނެވެ.

މިހެން ވުމުގެ އެއް ސަބަބަކީ ގައުމީ އެއްބައިވަންތަކަން ދައްކަން ޖެހޭ އެ ދުވަސް ވެސް މާ ބޮޑަށް ސިޔާސީ ކޮށްލާފައި ވުން ކަމަށް ވެދާނެއެވެ. އެކަމުގެ އެންމެ ސާފު މިސާލެއް ފެނުނީ ޓެކްސް ޕޭޔަރުންގެ ފައިސާއިން ހިންގާ ދައުލަތުގެ މީޑިއާއިންނެވެ. ނަސްރުގެ ދުވަހަށް ހާއްސަކޮށް ކުރިން އުފައްދާފައި ހުރި ވީޑިއޯ ލަވަތައް ވެސް މިއަހަރު ދައްކައިލި އިރު މުޅި އެތީގައި އޮތީ ރައީސް ޔާމީނުގެ ދެކަނބަލުންނެވެ.

ތިނެއް ނޮވެމްބަރުގެ ޝަހީދުންގެ ފޮޓޯތައް ދެއްކުމަށް ފަހު ދެން ދައްކަނީ ރައީސް ޔާމީނުގެ ދެކަނބަލުންނެވެ. ދެން އެއާޕޯޓް މަޝްރޫއެވެ. ދެން ހުޅުލެޔާ މާލެއާ ދެމެދު އަޅާ ބްރިޖެވެ. ތިނެއް ނޮވެމްބަރުގައި ބަޣާވާތާ ކުރިމަތިވެވަޑައިގެންނެވި އޭރުގެ ރައީސް މައުމޫނު ގެ ފޮޓޯފުޅެއް އަމުދުން ނުދައްކައެވެ.

ދެވަނަ ސަބަބެއް ކަމަށް ބެލެވެނީ އެދުވަހު ނުހަނު ހިތްވަރު ކުރެއްވި ބައެއް ބޭފުޅުންނާ މެދު ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި އަމަލުކުރެވިފަައިވާ ގޮތް ކަަމަށް ވެދާނެއެވެ. އެދުވަހުގެ އެއް ބަތަލު މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ މައްޗަށް ކޯޓުގައި ދައުވާއެއް ކުރިއެވެ. އޭނާ ޗީފް އޮފް ސްޓާފަކަށް ހުންނެވި އިރު ރައީސްކަމުގައި ހުންނެވި ބޭފުޅާ އެޅުއްވި ކަތި ފިޔަވަޅަކާ ގުޅުވައިގެންނެވެ.

ތިނެއް ނޮވެމްބަރުގައި ހަތިޔާރު ގުދަނުގެ ތަޅުދަނޑި ހޯއްދަވައިގެން ގެންނެވުމަށް ބިރުވެރިކަމާ ކުރިމަތި ލެއްވި ފަހުލަވާނުގެ މައްޗަށް ވެސް ވަނީ ހަމަ އެމައްސަލައިގެ ދައުވާ އުފުލާފައެވެ.

އޭގެ އިތުރުން އެ ބޭބޭފުޅުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަތުމުގެ ސަބަބުން ރައްޔިތުން ކުރަމުން އައި ގަދަރަށް ވަނީ ނައިސް ނުދާނޭ ހީނަރުކަން އައިސްފައެވެ. ލީޑަރުންނަށާއި އެކްޓިވިސްޓުންނަށް ވެސް ނަސްރުގެ ދުވަސް މުހިއްމު ނުވީ މިހެންވެ ކަަމަށް ވެދާނެއެވެ.