ހަބަރު

ގުދުރަތީ ތަރިކަ ރައްކާތެރިކުރަން އިސްކަންދެން: މިނިސްޓަރު

ރާއްޖޭގެ ތާރީހާއި ތަރިކަ އަދި ސަގާފަތް ރައްކާތެރިކުުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ. ހާއްސަ ގޮތެއްގައި ގުދުރަތީ ތަރިކައަށް އިސްކަން ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔުނެސްކޯގެ 39 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަރިކަ ރައްކާތެރި ކުުރުމުގައި ހާއްސަކޮށް ކަނޑުއަޑީގެ ދިރުންތައް ދިރުވާ އާލާކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މިނިސްޓަރު ވަނީ ޔުނެސްކޯއިންވެސް މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ދިރުންތައް ރައްކާތެރި ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ބ. އަތޮޅުގައި އޮންނަ ބަޔޯސްފެޔާ ރިޒާވް މިހާރު ވަނީ ދުނިޔޭގެ ބަޔޯސްފިޔާ ރިޒާވް އިން ޖާގަ ހޯދާފަ، އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ރާއްޖޭގެ އާސާރީ އެއް ބިނާ ކަމަށްވާ ހުކުރު މިސްކިތް ވޯލްޑް ހެރިޓޭޖް ލިސްޓަށް އިތުރުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތައުލީމީ ގޮތުން ރާއްޖެ ހޯދަމުންދާ ކާމީޔާބީތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން ޕްރީ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދެން ފެށުމާއެކު އާބާދީގެ 99 ޕަސަންޓު ކުދިންނަށް ޕްރީ ސްކޫލް ތައުލީމް ލިބެމުންދާކަމަށެވެ. އަދި 2009 އަހަރާއި އަޅާބަލާއިރު ޖީސީއީ އޯ ލެވެލް އިމްތިހާނުގެ ފަސް މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް މިހާރު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އީ ލާނީން ފަދަ ތައުލީމީ ދާއިރާއަށް ޒަމާނީ ގޮތުން ހޯދާފައިވާ ކުރިއެރުންތައްވެސް ފާހަގަކުރެއްވި އެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތާއެކު މި ސަރަހައްދުގައި ޕްރީ ސްކޫލް ތައުލީމާ އެކު 14 އަހަރުގެ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދޭ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.