ހަބަރު

ރައީސް ޔާމީންގެ ވައުދުގެ 80 ޕަސަންޓު ފުރިހަމަކޮށްފި: ނިހާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަަބްދުލް ގައްޔޫމްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން 80 ޕަސަންޓުހާ ވައުދު ފުރިހަމަކޮށްފި ނަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތައް ރައްދުދެއްވާ ސަންގު ޓީވީއަށް ދެއްކި އިންޓަވިއުއެއްގައި ނިހާން ވަނީ އެފަރާތްތަކަށް ރައްދު ދެއްވާފަ އެވެ. ނިހާން ވަނީ ރައީސް ޔާމިންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްފައިވާ ތަރައްގީ ފާހަގަކޮށް ވާހަކަ ދައްކަވާފަ އެވެ.

"މަސް ބާނާ މީހުން މަސް ބާނާ، ދިވެހި ރައްޔިތުންނަށް ރައީސް ޔާމީނު އެގެންދަވަނީ ފަތުއަޑު ކިޔާފައި ތަރައްގީ ގެންނަވަމުން، ރާއްޖޭގެ ތާރީހު ނުދެކޭ ހަތަރު އަހަރެއްގެ ތެރޭގައި މިހާ ގިނަ ހިދުމަތްތަކެއް މިވަނީ ގެނެސްދީފައި، އެންމެ ދިމާއަކުން ނޫން، ތައުލީމް ވިޔަސް، ސިއްހަތު ވިޔަސް، އެތެރެ އާއި ބޭރުގެ ތަރައްގީގެ މަޝްރޫއުތައް ކަމަށް ވިޔަސް، ރާއްޖޭގައި ވަޅު ޖަހާފައި ހުރި އިންޑަސްޓްރީތައް އެދަނީ އަލުން ބަލުން ނަގާ ކޮޅަށް ޖަހަމުން، އެންމެ މިސާލެއް ދައްކާއިރު ރާއްޖޭގެ އިމާރާތް ކުރުމުގެ އިންޑަސްޓްރީއަކީ 2008 ވަނަ އަހަރުން ފެށިގެން މަޑުމަޑުން މައިނަސް އަށް ދިޔަ ދާއިރާއެއް، 2012 ނިމުނުއިރު މައިނަސް 33 ޕަސަންޓު ހިސާބުގައި އިންޑަސްޓްރީގެ ހާލަތު އޮތީ، އެއީ 2008ގައި ވެރިކަމާ ހަވާލުވި ފަރާތުން އަމަލު ކުރި ގޮތުން އެހާ ބޮޑަށް އަޑި އަޅާލީ، މުޅިން ގެއްލިފައި އޮތް އިންޑަސްޓްރީއެއް އަލުން ބަލުން 40 ވަރަކަށް ޕަސަންޓުގައި ނަގާފައި އެއޮތީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން ނެރޭނެ ކެނޑިޑޭޓަކާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ހިމަނައިގެން މެނިފެސްޓޯއެއް އެކުލަވާލާ އޭގެ ވާހަކަތައް ރައްޔިތުންނަށް ފޯރުކޮށްދީގެން ކެންޕޭން ކުރެއްވުން މާބޮޑަށް ރަނގަޅުވާނެ ކަމަށެވެ.

"ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ގާނޫނުގެ ތެރެއިން ކަންކަން ބަދަލުކުރުމަކީ ގަޑުބަޑު ކުރުން ކަމަށްވަންޏާ ޑިމޮކްރަސީގެ ބާބުން އެއްވެސް މިންވަރެއް އެބޭފުޅުންނަކަށް ނޭނގޭ،ރައީސަށް މެޖޯރިޓީ ލިބިފައި އޮތުމަކީ ގަޑުބަޑު ކުރުމެއް ނޫން،" ނިހާން ވިދާޅުވި އެވެ.

އެ ރޭގެ ޖަލްސާގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ދެއްކެވި ވާހަކަތަކަށްވެސް ނިހާން ވަނީ ރައްދު ދެއްވާފަ އެވެ. ސައުދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަން އަދި އިއުލާނު ނުކުރައްވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ނިހާން ވިދާޅުވީ ސައުދަކީ ޕީޕީއެމްގެ ކުރީގެ މެންބަރެއް ކަމަށާއި ސައުދު އިންނެވި އެތައް މީޓިން އެއްގައި އެ ވާހަކަތައް ދައްކާފައިވާ ކަމަށެވެ. އަދި ރަސްމީކޮށް ކެނޑިޑެސީ އިއުލާނުކުރައްވާނީ އިލެކްޝަން ކޮމިޝަނުން އެކަމަށް ހުޅުވާލީމަ ކަމަށެވެ.

ބޮޑު ތިލަދުންމަތިން ރައީސް ޔާމީނަށް ވޯޓު ނުލިބޭނެކަމަށް ވިދާޅުވެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ނިހަން ވިދާޅުވީ ރިޔާޒް ދެއްކެވި ވާހަކައިގެ ތެދު ދޮގު އެރޭގެ ޖަލްސާއަށް ދިޔަ މީހުންގެ އަދަދަށް ބަލާފައި އެނގޭ ކަމަށެވެ.