ހަބަރު

ފޮރިންގެ މުވައްޒަފުން ގައުމީ ޔުނިވާސިޓީގައި ތަމްރީން ކުރަނީ

ފޮރިން މިނިސްޓްރީގެ މުވައްޒަފުން ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން އަދި ފޮރިން ސާވިސް އާ ގުޅޭގޮތުން ތަމްރީނުކުރަން ފޮރިން ސާވިސް އިންސްޓިޓިއުޓާ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން އިންސްޓިޓިއުޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން ސެކެޓްރީ އަހްމަދު ޒަރީރު އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މުވައްޒަފުން ތަމްރީނު ކުުރުމުގެ އިތުރުން ހާރިޖީ ދާއިރާއިން ރިސާޗުތައް ކުރިއަށް ގެންދާނެ ކަމަށެވެ. ފޮރިން މިނިސްޓްރީގެ ރިސާޗް ކެޕޭސިޓީ އިތުރުކޮށް އާއްމުންނަށް އެ ރިސާޗުތައް ނެރުމުގެ އިތުރުން ގައުމީ ޔުނިވާސިޓީ އަދި ފޮރިން އިންސްޓިޓިއުޓުގެ ލައިބްރަރީގައި ހުންނަ ވަސީލަތްތައް ދެ ފަރާތުގެ ދެމެދު ހިއްސާ ކުރަންވެސް ވަނީ ހަމަޖެހިފަ އެވެ.

ފޮރިން ސާވިސް އާއި ޑިޕްލޮމެޓިކް ދާއިރާއިން އާންމުން ހޭލުންތެރި ކުރުމަށް އިވެންޓު ތަކާއި ޕަބްލިކް ލެކްޗާތައް ދޭނެ ކަމަށްވެސް ޒަރީރު ވިދާޅުވި އެވެ.

"ގައުމީ ޔުނިވާސިޓީ އާ ގުޅިގެން ޕްރޮފެޝަނަލް ކޯސްތައް ކުރިއަށް ގެންދިއުމަކީ އެއް ބޭނުން، ގައުމީ ޔުނިވާސިޓީގެ ކޯސްތަކުގައި ފޮރިން އިންސްޓިއުޓު ބައިވެރި މުވައްޒަފުން ތަމްރީނުކުރުން ކުރިއަށް ދާނެ،" ޒަރީރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ފަވާޒްވެސް ވަނީ ހާރިޖީ ދާއިރާއިން ރިސާޗްތައް ކުރިއަށް ގެންދަން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ރިސާޗް ކަލްޗާއެއް އުފައްދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ގައުމީ ޔުނިވާސިޓީއިން މިހާރުވެސް ދަނީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑިގްރީ ކޯހެއް ކުރިއަށް ގެންދަމުންނެވެ. ފޮރިން އިންސްޓިޓިއުޓުންވެސް އަންނަނީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ހިންގަމުންނެވެ. އަދި މި އެއްބަސްވުމާއެކު މާސްޓާސް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އެވެ. އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާއި ކޯސްތަކުގައި ކިޔަވައިދޭން ފޮރިން މިނިސްޓްރީގެ މުވައްޒަފުން އެހީތެރިވެދޭނެ އެވެ.

ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރާނެ ޕްރޮފެޝަނަލް މުވައްޒަފުން އުފައްދަން ފޮރިން އިންސްޓިޓިއުޓް އުފައްދާފައިވަނީ ޖެނުއަރީ 2014 ގަ އެވެ. އެ އިންސްޓިޓިއުޓަކީ ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަކީ ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލުކޮށް ގިނަ ހަރަކާތްތެރިވާ މުވައްޒަފުންނަށް ވާތީ ވަރަށް ޕްރޮފެޝަނަލްކޮށް، ގާބިލްކަމާއެކު އަދި ހިކުމަތްތެރި ކަމާއެކީގައި މަސައްކަތް ކުރައްވާ ބަޔަކަށް ހެއްދެވުން، އެގޮތުން މުވައްޒަފުން ތަމްރީނުކޮށް އިތުރު ހުނަރުތަކެއް އެމީހުންނަށް ދިނުމުގެ މަގްސަދުގައި އުފެއްދާފައިވާ އިންސްޓިއުޓެކެވެ.