ހަބަރު

ފާރިސްއާ ދެކޮޅު އޯޑިއޯ ހެކި ރިކޯޑްކުރީ ފުލުހުނެއް ނޫން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅި ވީޑިއޯއަކާއި އޯޑިއޯއެއް ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ހެކިތައް ބަލައިނުގަތުމަށް މިއަދު ކުރިމިނަލް ކޯޓުގައި ފާރިސްގެ ފަރާތުން އެދިއްޖެ އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމެއް ބޭއްވީ އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށެވެ. މީގެ ކުރިން ވެސް މިކަމަށް ދެ އަޑުއެހުމެއް ބޭއްވި އެވެ. އެ ދެ އަޑުއެހުމުގައި ޖުމްލަ ނުވަ ކަމެއް ހުށަހަޅާފައިވެ އެވެ. މިއަދުގެ އަޑުއެހުމުގައި އިތުރު ފަސް ކަމެއް ފާރިސްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. ފާރިސްގެ ފަރާތުން ޖުމްލަ 23 ކަމެއް ހުށަހަޅާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ފާރިސްގެ ފަރާތުން ހުށަހެޅި އެއް ހުށަހެޅުމުގައި އެދިފައިވަނީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކި ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެދުނު ސަބަބު ބަޔާންކޮށް ފާރިސްގެ ވަކީލް އިބްރާހިމް ޝަމީމް ވިދާޅުވީ، ދޭދޭ މީހުންގެ ދެމެދު ދެކެވޭ ވާހަކަތަކީ ކޯޓު އަމުރަކާ ނުލައި އަޑުއަހާއި ރެކޯޑުކުރުން ގާނޫނުގައި މަނާކުރާ ކަމެއް ކަމަށެވެ.

ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ މެންބަރު، ލ. ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއުއާ އެހެން މީހަކާ ދެމެދު ދެއްކި ވާހަކައެއްގެ ވޯޑިއޯ އާއި އޭގެ އޯޑިއޯ ސްކްރިޕްޓާއި އެ އޯޑިއޯ އެނަލައިޒްކުރި ފުލުސް އޮފިސަރެވެ.

ޝަމީމް ވިދާޅުވީ، ޝާފިއުގެ ވާހަކަތައް އަޑުއަހައި ރިކޯޑްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ކޮން އުސޫލަކުން ކަމެއް ދައުލަތުން ބުނެދީފައި ވެސް ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ހެއްކަކީ ޝަރީއަތަށް ބަލައިނުގަނެވޭނެ ހެއްކެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ، އެ ރިކޯޑިންއަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ރިކޯޑިންއެއް ކަމަށެވެ. އަދި ތަހުގީގު ޓީމަށް އެ ފޯރުކޮށްދީފައިވަނީ އިންޓެލިޖެންސުން ކަމަށެވެ. އިންޓެލިޖެންސަށް މައުލޫމާތު ލިބޭ ގޮތާއި ލިބޭ މައުލޫމާތަކީ އާންމުކޮށް ހާމަކުރާ އެއްޗެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ކޯޓު އަމުރެއް ނެތި ފުލުހުން ޝާފިއުގެ ޒާތީ ވާހަކަތަކެއް ރިކޯޑްކޮށްފައިވާ ކަމަށް ކުރާ ތުހުމަތަށް އައިޝަތު ވިދާޅުވީ، އެ ރިކޯޑިންއަކީ ފުލުހުން ތަހުގީގަށް ރިކޯޑްކޮށް އަޑުއަހާފައިވާ އެއްޗެއް ނޫން ކަމަށެވެ.

ދައުލަތަށް ރައްދު ދެއްވަމުން ވަކީލް ޝަމީމް ވިދާޅުވީ، އެ ރިކޯޑިންއަކީ ކޯޓު އަމުރެއް ނެތި ހޯދާފައިވާ އެއްޗެއް ކަމަށް ދައުލަތުގެ ވަކީލް އިއުތިރާފުވެފައިވާތީ އެ ހެކި ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ. ޒާތީ ވާހަކަތައް އަޑުއެހޭނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެއާ ހިލާފަށް ހޯދާފައިވާ އެއްޗެއް ހެކީގެ ގޮތުގައި ބަލައިގަނެގެން ނުވާނެ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް އައިޝަތު އިތުރަށް ވިދާޅުވީ، އެކަމުގައި ދެން ގޮތެއް ނިންމާނީ ޝަރީއަތުން ކަމަށެވެ.

ފާރިސްގެ ފަރާތުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ތިން ފުލުހެއްގެ ހެކި ބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުން ހުށަހެޅީ، ފާރިސްގެ ގެ ބަލައި ފާސްކޮށްފައިވަނީ ފުލުހުންގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާއާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ގެ ބަލައި ފާސްކޮށް ހޯދި ލިޔުމަކާ ގުޅޭ ގޮތުން ހެކި ބަސް ދިނުމަށް އެ ފުލުހުން ބަލައި ނުގަނެވޭނެ ކަމަށް ވަކީލް ޝަމީމް ވިދާޅުވި އެވެ. އެއަށް ރައްދުދީ ދައުލަތުގެ ވަކީލް ވިދާޅުވީ، އެ ގެ ބަލައި ފާސްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށެވެ. ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާއަކީ ގާނޫނެއް ނޫން ކަމަށެވެ.

މީގެއިތުރުން ފާރިސް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމުގެ ފަހުން ހުށަހަޅާފައިވާ ދައުވާއެއް ކަމަށް ބުނެ އެއީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފަ އެވެ. އަދި، އަސާސީ ހައްގުތައް ފާރިސްއަށް ލިބިދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އަމުރުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވެ އެވެ.

އެކަމަށް އެެދުނީ ދައުވާއަށް ޖަވާބުދާރީވެ ތައްޔާރުވުމަށް ވަކީލުންނާއެކު އެކަށީގެންވާ ވަގުތު ފާރިސްއަށް ނުލިބޭ ކަމަށް ބުނެ އެވެ. ފާރިސްގެ ވަކީލް މައުމޫން ހަމީދު އެދިވަޑައިގަތީ، އެކަމަށް މަގުފަހިކޮށްދީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އެ އަމުރު ނެރުމުގައި ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް ވަކީލް އައިޝަތު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ބޭނުންވަނީ ކިހާ ފުރުސަތެއް ހޯދަންތޯ އައްސަވާފަ އެވެ. މައުމޫން ހަމީދު ވިދާޅުވީ، ހަފުތާއަކު ހަތަރު ދުވަހު ފާރިސްއާ ބައްދަލުކުރަން ބޭނުންވާ ކަމަށެވެ.

ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ވެސް ހުށަހަޅާފައިވެ އެވެ. އެގޮތަށް ހުށަހެޅީ، ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު ޝާފިއު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. ޝާފިއު ބަންދުން ދޫކޮށްލި ކުރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، ޝާފިއުއާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ހެއްކަކީ މީހެއްގެ މިނިވަންކަން އިތުރަށް ހިފެހެއްޓުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލީ އެހެންވެ އެވެ. ފާރިސްއާ ދެކޮޅަށް ވެސް ހުށަހެޅީ، ޝާފިއުއާ ދެކޮޅަށް ހުށަހެޅި ހެއްކެވެ.

ދެން ފާރިސްގެ ފަރާތުން ހުށަހެޅީ، ދައުވާއަކީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މަސްއޫލިއްޔަތާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް އުފުލާފައިވާ ބާތިލް ދައުވާއެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމެކެވެ. އެގޮތަށް ހުށަހެޅި ސަބަބު ބަޔާންކޮށް މައުމޫން ހަމީދު ވިދާޅުވީ، ދައުލަތުން ފާރިސްގެ މައްޗަށް ދައުވާކުރީ ދައުވާ ކުރެވޭނެ ވަރުގެ ހެކި ފާރިސްއާ ދެކޮޅަށް ނެތްކަން އެނގިހުރެ ކަމަށެވެ. ޝާފިއު މައްސަލާގައި ހައިކޯޓުން އިއްވި ހުކުމުގައި ވެސް އެ ހެއްކަކީ މީހަކާ މެދު ތުހުމަތެއް ވެސް ކުރެވޭނެ ހެއްކެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ، ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ބަޔާނުގައި ބުނަނީ، ފާރިސް ބުނެގެން ޝާފިއު ރިޝްވަތު ހުށަހަޅަން މަސައްކަތް ކޮށްފައިވާކަން ކަމަށެވެ. ފާރިސްއަކީ އެ ވާހަކާގައި ހިމެނޭ ތިންވަނަ ފަރާތަށްވާއިރު ޝާފިއުއާ ދެކޮޅަށް އެ ހެކި ބޭނުން ނުކުރެވުނުއިރު، ފާރިސްއާ ދެކޮޅަށް އެ ހެކި ބޭނުން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ދައުލަތުގެ ވަކީލް އައިޝަތު ވިދާޅުވީ، ފާރިސް އާއި ޝާފިއުގެ ހައިސިއްޔަތު ތަފާތު ކަމަށެވެ. އަދި ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެއްކަކީ މަދަނީ މިންގަނޑުން ކޯޓުން ބަލައިގެންފައިވާ ހެއްކެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އަދިވެސް ފާރިސްގެ ފާރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކެއް ހުރުމުން، އަންނަ އަންގާރަ ދުވަހަށް ވެސް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.