ހަބަރު

ކުޅި ހިއްކަނީ ގަވައިދާ ހިލާފަށް: ޖަމިއްޔާތައް

އެއާޕޯޓު އަޅަން ހދ. ކުޅުދުއްފުށީގެ މަށި ކުޅި ހިއްކަން ފަށާފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގަވައިދާ ހިލާފަށް ކަމަށް ބުނެ ހަތް ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް ރަށު ކައުންސިލަށް ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީ ފޮނުވާފައިވަނީ ކުޅުދުއްފުށީގެ ވޮއިސް އޮފް ވުމަން، އީކޯކެއާ މޯލްޑިވްސް، އުތެމާ، ބްލޫ ޕީސް މޯލްޑިވްސް، ބިލީފް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އަދި ފްރެންޑްސް އެއިޑް އެވެ.

އެ ސިޓީގައި ބުނެފައިވަނީ ކުޅިއަކީ ރާއްޖޭގެ ގައުމީ ތަރިކައެއް ކަމަށާއި، ކުޅި ހިއްކައިގެން އެއާޕޯޓެއް ތަރައްގީ ކުރުމަކީ ކުރު ރާސްތާގެ ތަރައްގީއެއް ކަމަށެވެ. އެހެން ކަމުން ރަށާ ރަށުގެ ރައްޔިތުން އޭގެ މަންފާއާއި ފައިސާއިން އަގު ނުކުރެވޭ ވަރުގެ މުހިއްމު ކުޅި ގުރުބާން ކުރުން ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ ކުޅި ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ގާނޫނާ ގަވާއިދުތަކާއި ހިލާފަށް ކަމަށެވެ. އެގޮތުން ކުޅިހިއްކަން ފަށާފައިވަނީ ކުޅި ހިއްކުމާ ބެހޭ ތިމާވެށީގެ ރިޕޯޓުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ކަމަށާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަރުހަލާއަށް ތަންނުދީ ކަމަށެވެ. ކުޅިއަކީ ގުދުރަތީ ކާރިސާތަކުން ކުޅުދުއްފުށި ރައްކާތެރި ކޮށްދޭނެ މުހިންމު ވަސީލަތެއް ކަމަށާއި ރަށުގެ ސާފު ފެން ފަށަލަ ދެމެހެއްޓުމަށްވެސް ކުޅި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ކުޅުދުއްފުއްޓަކީ އެ ރަށް އޮތް ތަނުގެ ގޮތުން ސުނާމީއެއް އަތުވެއްޖެނަމަ "ހައި ރިސްކް" ޒޯނެއްގައިވާ ރަށެއްކަންވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ކުޅި ހިއްކަން ފެށުމުން އެސަރަހައްދުގެ ޑައިވް ޕޮއިންޓްތަކަށް އަސަރު ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. ކުޅި ހިއްކާ އެއާޕޯޓު ތަރައްގީ ކުރުމުން އުފެދޭނީ 100 އެއްހާ ވަޒީފާއެއް ކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި އަދު ކުޅުދުއްފުށީ އެއާޕޯޓުން އުފެދޭ ވަޒީފާގެ އަދަދު އެއަށްވުރެ މަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

އެ ސިޓީގައި ކުޅި ހިއްކުމުގެ މަސައްކަތް ގާނޫނާ ގަވާއިދުގެ ތެރެއިން ކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން އެ ރަށު ކުޅިން 30 ޕަސަންޓު ހިއްކަން ވަނީ ނިންމާފަ އެވެ.