ހަބަރު

މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ނުކުރާ ވާހަކަ ސީއެސްސީއިން ދޮގުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ޒިންމާތައް އަދާނުކުރެވޭ ކަމަށްބުނެ ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ރިޕޯޓުތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާތާ އެތައް އަހަރެއްވެފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވާތީ ސީއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިދިޔަ ތިން އަހަރުގެ ތެރޭގައި ސިވިލް ސާވިސްގެ ތަފާތު ފަންނީ އޮނިގަނޑުތައް ތައްޔާރުކޮށް މުސާރަ އާއި އެލަވަންސްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާނެ ކަމަށެވެ. ޓީޗަރުންނާއި، ޑޮކްޓަރުންނާއި، މީޓްރޮލޮޖިކަލް ސާވިސްގެ މުވައްޒަފުންނާއި، އިމިގްރޭޝަންގެ އޮފިސަރުންނާއި، ވަކީލުން އަދި އޭވިއޭޝަން ކޮމާންޑުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެއީ ސިވިލް ސާވިސް މުވައްޒަފުންގެ 47 އިންސައްތަ އެވެ. އޭގެ އިތުރުން ސިވިލް ސާވިސްގެ އިދާރީ އާންމު އޮނިގަނޑުގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސީއެސްސީގެ މުވައްޒަފުންގެ ހައްގުގައި އެ ކޮމިޝަނުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ދޭހަވާގޮތަށް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ވެސް ހަގީގަތާއި ހިލާފަށް ކަމަށް ކޮމިޝަނުން ބުންޏެވެ. ސީއެސްސީގެ ކުރިއެރުމަށް މިހާރުވެސް އެތައް މަސައްކަތެއްކޮށް އަދި ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން މުވައްޒަފުންގެ މަސައްކަތުގެ ވަގުތަށް ބަދަލު ގެނެސް "ފްލެކްސީ އަވާސް" ތައާރަފްކޮށް މާބަނޑު މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

"2016 އިން 2020 އަށް ކަނޑައަޅާފައިވާ ސްޓްރެޓެޖިކް ޕްލޭނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސްގައި ހަމަހަމަ ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ޓާގެޓް ތަކެއް ކަނޑައަޅައި، އެކަންތައްތައް ހާސިލް ކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ." ސީއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސިވިސް ސާވިސް މުވައްޒަފުން އަމިއްލައަށް މަތީ ތައުލީމު ހާސިލްކޮށް މަސައްކަތުގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހާއްސަ ލޯން ސްކީމެއް ތައާރަފްކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް މަލްޓި ސްކިލްޑް އަދި މަލްޓި ޓާސްކް މުވައްޒަފުންތަކަކަށް ބަދަލު ކުރުމަށް "ހައިބްރިޑް މޮޑެލް" އެކުލަވާލާ ތަމްރީނު ދޭން ފަށާފައިވާ ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

ސީއެސްސީން އަބަދުވެސް މަސައްކަތް ކުރަނީ ސިވިލް ސާވިސްގެ ހިދުމަތް ދުވަހުން ދުވަހަށް ތަރައްގީކޮށް ކުރިއަރުވަން ކަމަށާއި މުވައްޒަފުން ތަމްރީނު ކުރުމުގެ ސިޔާސަތެއްވެސް ފަށާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. ސީއެސްސީ އަކީ އައިއެސްއޯ 9001 ސެޓްފިކެޓް ލިބިފައިވާ އަދި ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭގޮތަށް ހިންގަމުންދާ ކޮމިޝަނެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.