ހަބަރު

ޓޫރިޒަމް ތަރައްގީގައި ދުނިޔެ ބަދަލުކޮށްލީ ރާއްޖެއިން: އަފީފް

ލަންޑަނުން: Mundoo Adam Halym
Nov 6, 2017
9
  • ޓޫރިޒަމްގެ ބޮޑު ބަދަލު ގެނައީ ދިވެހިން
  • ރާއްޖޭގެ ޓޫރިޒަމް އަނެއްކާ ވެސް ދަނީ ބަދަލަށް
  • ޑަބްލިޔޫޓީއެމުން ފުރުސަތުތަކެއް ލިބިގެންދާނެ

ކުޑަކުޑަ ގޮތަކަށް ދިވެހިރާއްޖެއިން ފެށި ޓޫރިޒަމް ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ދުނިޔެ ހީނުކުރާހާ ހިސާބަށް ދަތުރުކޮށް ތަރައްގީކޮށްފައިވާ ކަމަށާއި އެއީ ދުނިޔެ ހައިރާންވާފަދަ ތަރައްގީއެއް ކަމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ 1972 ގައި ފަށައި ތަރައްގީ ކުރެއްވުމުގައި ބުރަ އަދި އިސް ރޯލެއް އަދާ ކުރެއްވި ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

ލަންޑަން އެކްސެލްގައި މިއަދު ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔޫޓީއެމް)، ފެއާ ފެށުމަށް ފަހު މިއަދު ހެނދުނު އެކްސެލް މީޑިއާ ހޯލް 7 ގައި ބޭއްވި ރާއްޖެއާ ބެހޭ އިންޓަނޭޝަނަލް ނިއުސް ކޮންފަރެންސްގައި 100 އަށްވުރެ ގިނަ ނޫސްވެރިންނާ ކުރިމަތިލައްވާ އަފީފު ވިދާޅުވީ ދިވެހި ރާއްޖޭގެ ޓޫރިޒަމަކީ "ޔުނީކް ޕްރޮޑަކްޓެއް" ކަމަށާއި އެ ޕްރޮޑަކްޓް 45 އަހަރު ދުވަހުގެ ތެރޭގައި ތަރައްގީކޮށްފައި ވަނީ އިންޑަސްޓްރީ އާއި ދިވެހި ސަރުކާރާއި ގައުމުތަކުގެ މެދުގައި އޮތް ހަރުދަނާ ޕާޓްނާޝިޕް ގުޅުމުގެ ސަބަބުން ކަމަށާއި އެއީ ދުނިޔެ ހައިރާންވާރުގެ ތަރައްގީއެއް ކަމަށެވެ.

"އަޅުގަނޑުމެނަށް ވަރަށް ކުޑަކޮށް ފެށުނު ކަމެއް ރާއްޖޭގެ ޓޫރިޒަމަކީ އިޓަލީ ވިލާތުގެ މީހަކު އައިސްގެން ފަށައިގަނެވުނީ އާދައިގެ ގޮތަކަށް. އެކަމަކު ތިޔަބޭފުޅުންނާއި ދުނިޔެ ހައިރާންވާހާ ބޮޑަށް ރާއްޖޭގެ ޓޫރިޒަމް ކުރިޔަށް ދަތުރުކޮށްފި. ޓޫރިޒަމްގެ އާ ހިޔާލާއި މުއްސަނދިކަން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓަށް ލިިބިއްޖެ، މިއީ ނޫންތޯ ތަރައްގީއަކީ؟ ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓަކީ ދިވެހިންގެ ބުރަ މަސައްކަތް،" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަކީ ބަދަލުވެފައިވާ މުޅި އާ މަރުހަލާއެއްގައި އަދި އާ ވިސްނުމެއްގައި އޮތް ޓޫރިޒަމެއް ކަމަށާއި ދުނިޔޭގެ އެންމެ މަތީފެންވަރުގެ ހިދުމަތް ރާއްޖޭގެ ކަނޑުގެ އަޑި އާއި ވައިގެ ތެރޭގަ އާއި ފަސްގަނޑުން ލިބޭ ގޮތަށް ޓޫރިޒަމް ތަރައްގީވެފައިވާ ކަމަށާއި ތިމާވެށި ޓޫރިޒަމްގައި ވެސް ރާއްޖެ މިހާރު ކާމިޔާބު ހޯދައިފި ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި މިހާރު ޓޫރިޒަމްގެ އެންމެ ބޮޑު ބަދަލުއޮތީ، އަޅުގަނޑުމެން އެންމެ ބޮޑު ބަދަލު ގެނައީ ވެސް، މިހާރު މިވަނީ ޓޫރިޒަމް ތަރައްގީގެ މުޅިން އާ މަރުހަލާއެއްގައި، ޓޫރިޒަމާ ގުޅުންހުރި އެތައް އާ ކަމެއް ރާއްޖޭގައި މިހާރު އަންނަނީ ތަރައްގީވަމުން،" އަފީފު ވިދާޅުވި އެވެ.

ޑަބްލިޔޫޓީއެމަށް އިޝާރާތް ކުރައްވާ އަފީފް ވިދާޅުވީ ފެއާގެ ސަބަބުން ކޮންމެ އަހަރަކު ވެސް ފުރުސަތުތައް ލިބި، ހުޅުވިގެން އަންނަ ކަމަށާއި މި އަހަރު ވެސް އެ ފައިދާ ރާއްޖޭ ޓޫރިޒަމް އިންޑަސްޓްރީއަށް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މިއަދު ލަންޑަން އެކްސެލްގައި ޑަބްލިޔޫޓީމް ކުރިޔަށްދާއިރު ދުނިޔޭގެ ގައުމުތަކުން 4،500 އަށް ވުރެ ގިނަ މީހުން ސީދާ ފެއާގައި ބައިވެރިވެ އެވެ. ރާއްޖެއިން 70 ޕާޓީއެއް، 170 އަށް ވުރެ ގިނަ ބައިވެރިން ހިމެނޭގޮތަށް ބައިވެރިވެއެވެ. ޑަބްލިޔޫޓީއެމް މިއަދު ހުޅުވި ހިސާބުން ފެށިގެން ރާއްޖެ ވެގެން ގޮސްފައި ވަނީ ފެއާގައި އެންމެ މަގުބޫލް އެއް ސްޓޭންޑަށެވެ.