މިއުޒިކް

ދަންމާނު ބޮޑުބެރު ގްރޫޕުން ހިތާނީ މޫސުމުގައި ސަޕްރައިޒްތަކެއް

ސްކޫލްތަކުގެ ކިޔެވުން އަހަރަށް ނިމި ބޮޑު ޗުއްޓީ އާ އެކު ހިތާނީ މޫސުމަށް ތައްޔާރުވަމުން އަންނަ އިރު ބޮޑުބެރު ގްރޫޕްތަކުންވެސް އެންމެ ފޯރި ނަގާފައި ކުރާ އެއް ކަމަކީ ހިތާނީ މޫސުމަށް ތައްޔާރުވުމެވެ. އެއިން އެއް ބޭންޑަކީ ދަންމާނު ބޮޑުބެރު ގްރޫޕެވެ. ބޮޑުބެރުގެ ފޭނުންނަށް އެއީ އާ ގްރޫޕަކަށް ނުވާނެ އެވެ. ބޮޑުބެރުގައި ރާއްޖޭގައި އެންމެ ފޯރި ނަގާ އެއް ގްރޫޕަށް އެ ގްރޫޕްވާނެ އެވެ.

ކޮންމެ އަހަރެއްގެ ހިތާނީ ސީޒަނަށް ވަކިން އެ ގްރޫޕް ތައްޔާރުވި ނަމަވެސް މި އަހަރު އެހެން އަހަރުތަކާއި ވަރަށް ބޮޑަށް ވަނީ ތަފާތުކޮށްލާފަ އެވެ. މި ފަހަރު ދަންމާނުން ނުކުންނާނީ ބޮޑު ޕެކޭޖަކާ އެކުގަ އެވެ. ހިތާނު ކޮށްގެން އުޅޭ ގޭގެއަށް ގޮސްފައި ފޯރި ގަދަ ކުރާނީ ހަމައެކަނި ބޮޑުބެރަކުން ނޫނެވެ. ބޮޑުބެރުގެ އިތުރުން ބޭންޑު މިއުޒިކްވެސް އޮންނާނެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުވެސް ހިތާނީ މޫސުމުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ރޮބޯމޭންވެސް ޕެކޭޖުގެ ތެރެއަށް އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭރަށް ރޮބޯމޭން ގެންނަން ބޭނުންވާ ގެތައް އެކަމަށް އެދުމުން ދަންމާނު ގްރޫޕުން ދާނީ ރޮބޯމޭންވެސް ގޮވައިގެންނެވެ. ބޭންޑުގެ ގޮތުގައި، މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި އިބްރާހިމް އަމާންގެ "އަޕްޓައުން" ބޭންޑު ލަވަ ކިޔާނެ އެވެ.

އަދިވެސް އިތުރު ވަރަށް ވަރަށް ހާއްސަ ސަޕްރައިޒްތަކެއް އެބަ އޮތެވެ. އެ ގްރޫޕުން ހަދިޔާ ދިނުންވެސް އެބައޮތެވެ. އެހެން ނަމަވެސް ދަންމާނު ގްރޫޕުން ބޭނުންވަނީ އެކަން ސަޕްރައިޒެއްގެ ގޮތުގައި ބާއްވާށެވެ.

ހަދިޔާގެ ތެރެއަށް އެ ގުރޫޕުން އިތުރުކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި އެއް ޝޯ އަށްވުރެ ގިނަ ޝޯ އަށް އެދޭ ގެ ތަކަށް ހާއްސަ ޑިސްކައުންޓެއް ދޭނެ އެެވެ. އަދި ހިތާނީ ޝޯތަކުގެ ތެރެއިން އެންމެ ފޯރި ނަގާ ޝޯއެއް ކުޅޭ ގެއަކަށް އަންނަ އަހަރު ހިލޭ ޝޯއެއް ކުޅެދޭން ވަނީ ނިންމާފަ އެވެ. އެހެންވީމަ އެވަރު ރަނގަޅެއް ނޫން ހެއްޔެވެ؟

ދަންމާނު ބޮޑުބެރު ގްރޫޕު މަޝްހޫރުވެގެން އައީ ޓީވީއެމް އިން ގެެނެސްދިން ބޮޑުބެރު މުބާރާތުންނެވެ. އެ ގްރޫޕު ވަނީ އޭރުއްސުރެ ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ. އަދި ބޮޑުބެރުގައި ފާހަގަކޮށްލެވޭ ބެރުޖެހުންތެރިންނާއި ނެށުންތެރިން އެ ގްރޫޕްގައި އެބަތިއްބެވެ.