ލައިފްސްޓައިލް

ނައިފަރު މީހުންގެ ކައިވެނި، ލަވައިން ބޭޒާރުކޮށްލާނެ

ފުރާވަރަށް އަރައިގެން އަންނަ އިރު އާންމުކޮށް ހުރިހާ ކުދިން ކަހަލަ ގޮތަކަށް ލޯބިވެރިން ނުވަތަ ބިޓުން ނަގަން ފަށަ އެވެ. ބައެއް ކުދިންނަށް ލޯބިވެވި ސީރިއަސް ރލޭޝަންޝިޕްތަކަށް ދިޔަނަމަވެސް މަޖަލަކަށް ލޯބީގެ ގުޅުންތަކަށް ދާ ކުދިންވެސް އުޅެ އެވެ. އެ ވާހަކަތައް ގިނަ ފަހަރަށް މައިންބަފައިންނަށް އޮންނާނީ ސިއްރުވެފަ އެވެ. އެކަމަކު ގާތް ރަހުމަތްތެރިންގެ މެދުގައި އެ ވާހަކަތައް އެކަކު އަނެއްކަކާ ހިއްސާ ކުރާނެ އެވެ. އެ ވާހަކަތަކުގެ ތެރޭގައި އެ ދުވަސްވަރު ލޯބިވެރިންނާއެކު ދިމާވެފައިވާ މަޖާ ކަންތައްތައްވެސް ހިމެނޭނެ އެވެ. މިސާލަކަށް އަންހެން ކުއްޖާގެ ކޮޓަރީގެ އަލަމާރިއަށް ވަދެ ފިލާ އޮންނަން ޖެހިއްޖެ ނަމަ އެ ވާހަކަތައްވެސް އޮންނަނީ ސިއްރުކޮށްފަ އެވެ. ރައްޓެހިންގެ ތެރޭގައި މަޖަލަކަށް ކީ ނަމަވެސް އާއިލާ އާ ހިސާބަކަށް ނުދާނެ އެވެ.

އެންމެ ފަހުން ޒުވާން އުމުރަށް އަޅައިގެން އައިސް ކައިވެންޏަކާއި ހިސާބަަށް ދާއިރު ހައެއްކަ ލޯބިވެރިން ނެތް މީހަކު މަދުވާނެ އެވެ. އެ މީހުންގެ ކުރީގެ ލޯބިވެރިން ހާއްސަކޮށް މަޖަލަަކަށް "ރައްޓެހިވި" މީހުންގެ ވާހަކަތައް ދައްކާކަށް އަދި އަމުދުން ބޭނުމެއް ނުވެސްވާނެ އެވެ. ކައިވެނި ކުރާ މީހާއަށްވެސް ސީރިއަސް ނޫން ގުޅުންތަކުގެ ވާހަކަ ބައެއް މީހުން ކިޔައެއް ނުދެ އެވެ. ކިޔައިދިން ނަމަވެސް ވެނިމިފައި އޮތް ކަމަކަށްވުމުން އެކަމާ އަޅާލާ މީހަކު ނޫޅެ އެވެ. ފަހުން ކައިވެންޏާ ހަމައަށް ދާއިރު އެ ވާހަކަތައް ވަޅުޖެހި ފަސް އެޅިގެން ދަނީ އެވެ.

އެހެން ނަމަވެސް ޅ. ނައިފަރުގައި މިއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެއްކަލަ ވާހަކަތައް ސިއްރުވެފައި އޮންނާނީ ކައިވެނީގެ ދުވަހާއި ހަމަ އަށެވެ. އަލަތު ކައިވެނީގެ ދުވަހު އެންމެން ބޭނުންވާ ގޮތަށް ބާއްވާ ކައިވެނީގެ ހަފްލާގައި ކުރީގެ ލޯބިވެރިންނާއި އޭރުގައި ދިމާވެފައި ހުރި މަޖާ ކަންތައްތައް ކިޔައިދޭ، ވަރަށް ހާއްސަ ހަދިޔާއެއް ރަހުމަތްތެރިންގެ ފަރާތުން ދެ މަފިރިންނަށް އޮންނާނެ އެވެ.

ނައިފަރުގައި ކައިވެންޏަކަށް ހަދާފައިވާ ލަވައެއް. --

އެއީ ލަވަ އެކެވެ. އެންމެ ލަވައެއް ނޫނެވެ. ދެއެއް ނޫނީ ތިން ލަވަ ހަދާނެ އެވެ. ލަވަ ހެދުމުގެ މަސައްކަތުގައި އުޅޭނީ ރައްޓެހިންނެވެ. އެ ލަވައިގައި ލޯބީގެ ގޮތުން ގުޅުނު މީހުންގެ ވާހަކަތައް ކިޔާނެ އެވެ. ނަމާ އެކުގަ އެވެ. އަދި އެ ގުޅުންތަކުން ކެހި ލިބުންނަމަ އެ ވާހަކަތައްވެސް ކިޔާނެ އެވެ. އެއްވެސް މީހެއްގެ "މޫނަކަށް ކަނދުރާއަކަށް" ނުބަލާނެ އެވެ. މުއްސަންޖެއް ފަގީރެއް ނުބަލާނެ އެވެ. ރަށުގައި ކައިވެނީގެ ހަފްލާ އޮވެއްޖެނަމަ އެ ލަވަ އަޑު ނީވޭ ހަފްލާއެއް ވަރަށް މަދުވާނެ އެވެ. ރަށުން ބޭރުގައި ކައިވެނި ކުރާނަމަވެސް ރައްޓެހިން ލަވަ ހަދައިގެން ބައެއް ފަހަރަު އެ ރަށަކަށް ގޮސް ލަވަ ޖަހަ އެވެ. އެ ލަވަތަކުގައި އާންމުކޮށް ކިޔަނީ ފިރިހެން ކުއްޖާގެ ވާހަކަތަކެވެ. އަސްލު ވާގޮތަކީ ލަވަ ހެދުމުގައި އިސްކޮށް އުޅެނީ ފިރިހެން ކުއްޖާގެ ރައްޓެހިންނަށްވާތީ އަންހެން ކުއްޖާގެ އެ ވާހަކަތައް ނުވެސް އެނގެނީ އެވެ.

މި ލަވަ ހަދަން ފަށާފައިވާ ކަމަށްވަނީ ނައިފަރު ދޮހޮއްކޮބޭ މެންގެ ޒަމާނުގަ އެވެ. އެެހެން ނަމަވެސް އޭރުގައި މާބޮޑަކަށް ވަޔަކު ނުހިފަ އެވެ. ބޮޑަށް އޮތީ މަރުހަބާ ލަވައެއްގެ ގޮތުގަ އެވެ. އެ ފަހުން މަދު މަދުން ލަވަތައް ހަދަމުން އައިސް މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި އެ ލަވަޔާއި ނުލާ ކައިވެނި ޕާޓީ ފުރިހަމަ ނުވާ ހިސާބަށް ލަވަ ވަނީ ވައިގައި ހިފާފަ އެވެ.

"އެންމެ ފުރަތަމަ ލަވަ ހެދީ ޝާޒް ސައީދުމެން ބާސިތުމެން ތިމާގެ މީހެއްގެ ކައިވެނި ޕާޓީގައި، ޝާޒްމެންގެ ބައްޕަ އެ ލަވަ ހެދިކަމަށްވަނީ، ދެން އޭގެ ފަހުން އެމީހުންގެ ގާތް ރައްޓެހިންގެ ޕާޓީތަކުގައި، މިހާރު އެންމެންގެ ކައިވެނި ޕާޓީގަ ކަހަލަ ގޮތަކަށް ލަވަ ޖަހާނެ، އަޅުގަނޑުގެ ކައިވެނި ޕާޓީގައިވެސް އެ ލަވަ ޖެހި، އެންމެންވެސް ތިބޭނީ ބިރުން، ގިނަ ފަހަރަށް އެނގިފައި އޮންނާނީ ލަވަ އޮންނާނެކަން، އެކަމަކުވެސް ކުރެވޭނެ ކަމެއް ނޯންނާނެ،" ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ވިދާޅުވި އެވެ.

ޅެމުގެ ކަޑިތައް އެއްވަރު ކުރަން ބައެއް ވާހަކަތައް އިތުރު ކުރަން ޖެހެ އެވެ. އެހެން ނަމަވެސް ދޮގު މައުލޫމާތުތައް ނުހިމަނާނެ އެވެ. ލަވަތައް ހުންނަނީ ދިވެހި އަދި ހިންދީ ރާގު ތަކަށެވެ. ޕާޓީގައި ލަވަ ޖަހާލާފައި އެހާ ހިސާބުން ނިންމާލަނީކީ ނޫނެވެ. އެ ލަވަ ސޯޝަލް މީޑިއާ އަށްވެސް ދޫކޮށްލަ އެވެ. ސައުންޑު ކްލައުޑާއި ފޭސްބުކްގައި ދައުރުކޮށްލަ އެވެ. ފޭސްބުކް އަށް ދޫކޮށްލާ ލަވަތައް ބައެއް ފަަހަރަށް ވީޑިއޯ ލަވައިގެ ވީޑިއޯތައް ހިމަނާފައިވެސް ދޫކޮށްލަ އެވެ.

ލަވައިގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ ނައިފަރު މީހުންނެވެ. ކައިވެނި ކުރާ ދެ މީހުންގެ ގާތް ރައްޓެހިންނެވެ. ޅެން ހެދުމާއި މިއުޒިކާއި ލަވަ ކިޔާނީވެސް ނައިފަރު މީހުންނެވެ. އެ ރަށުގައި މިއުޒިކް ސްޓޫޑިއޯ ހުރުމަކީ ލަވަ ހެދުމަށް މާ އުނދަގޫ ކަމެއް ނޫނެވެ. އަނެއްކާ ލަވަޔާއި މިއުޒިކްގެ ދާއިރާގައި ނައިފަރު މީހުންނަކީ ނަން ހިނގާ ބައެކެވެ. ނައިފަހރު ދޮހޮއްކޮ، މުހައްމަދު އަބްދުލްގަނީ (ތޭރަވާ) މެން ފަދަ ކުޅަދާނަ ލަވަކިޔުންތެރިންނަކީވެސް ނައިފަރަށް އުފަން ނައިފަރު މީހުންނެވެ.

"ލަވަ ހަދަނީ އާންމުކޮށް ކައިވެނި ކުރަން ހަފްތާއަކަށް ވީމަ، ހުރިހާ ރައްޓެހިން އެއްވެލާ، ނުަވަތަ ވައިބާ ގްރޫޕެއް ނުވަތަ ކޮންފަރެންސް ކޯލެއްގައި ޕޮއިންޓުތައް ނޯޓުކޮށް އެމީހަކަށް އެނގޭ ވާހަކަތައް އެހެން މީހުންނާ ޝެއާ ކުރަނީ، ދެން ރާގު ތަކެއް ނަގާފައި އެންމެނަށް ކަމުދާ ރާގެއް ބަލާފައި ލަވަ ހަދަނީ، މިހާރު މީހުންނަށް އެންމެ ކަމުދަނީ ހިންދީ ރާގުތައް، ހިންދީ ވީޑިއޯތައް ލާފައި ފޭސްބުކަށް ލީމަ ވަރަށް ހިނގާ،" ނައިފަރު ޒުވާނަކު ކިޔައިދިނެވެ.

"ހިލޭ މި ހުރިހާ ކަމެއް ކުރާނީ، ރަށުގަ އެކަންޏެއް ނޫން، މާލޭގައި އޮންނަ ޕާޓީތަކަށްވެސް ރަށުގައި ލަވަ ހަދާފައި ފޮނުވާނެ، ޕާޓީ ފެށޭއިރު މިހާރު އިންނާނީ ލަވަ ސައުންޑް ކްލައުޑަށް ލާފައި، ލަވަ ޖަހާއިރުވެސް އެންމެ މީހުން ގިނަވާ ވަގުތަށް ބަލާނެ،"

އެ ޒުވާނާ ބުނި ގޮތުގައި ކައިވެނި ޕާޓީއަށް އެ ލަވަތައް ހަދައިގެން ޖެހި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ރުޅިއެއް ނާދެ އެވެ. އެ ލަވަތައް އަންނާނެކަން އެނގޭތީ އެވެ. އަނެއްކާ އެއިން ކައިވެންޏެއް މިހާތަނަށް ރޫޅިފައެއްވެސް ނެތެވެ. ނިކަން ކާމިޔާބެވެ.

އެގޮތަށް ލަވަ ހަދަން ބޭނުން ނަމަ އެކަން އެ ޒުވާނުން ކޮށްދެ އެވެ. "ނައިފަރު ވެޑިން ސޯންގްސް" ފޭސްބުކް ޕޭޖަށް މެސެޖްކޮށްލާށެވެ. ލަވައިގެ ހުރިހާ މަސައްކަތަކަށް 2،500 ރުފިޔާ އެވެ. ރަށު މީހުންނަށް ހިލެ އެވެ. މިހާރު އެ ލަވަ އޮތީ ނައިފަރުގެ ސަގާފީ ކަންކަމުގެ ތެރެއަށް ވަދެފަ އެވެ.

ނައިފަރު ފިރިހެނުން ސަމާލުވާން އެބަޖެހެ އެވެ. ކައިވެންޏާ ހަމައަށް އަންނައިރު ނަމަނަމަ ކަމެއް ސިއްރު ނުކުރައްޗެވެ. އެ ލަވައިގައި އެވާހަކަތައް އަންނާނެ އެވެ. ދޮގެކޭ ކިޔާފައި ސަލާމަތް ވެވޭކަށް ނޯންނާނެ އެވެ. ލަވަ ހަދާ އެކުވެރިންވެސް މި ނަސޭހަތް ދޭ ދޯ އެވެ.