ރިޕޯޓް

މިނިވަން މީޑިއާ ވަޅުލަން ސަރުކާރުން ކޮންނަ ކަށްވަޅު!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ މިނިވަންކަމާއި ހައްގުތައް ހިފެހެއްޓުމުގައި ކުރީގައި އުޅޭ ސަރުކާރެކެވެ. ގާނޫނު އަސާސީއިން ވަރަށް ފުޅާ ދާއިރާއެއްގައި ފަހިކޮށްދީފައިވާ ގިނަ ހައްގުތަކެއް އެކި ގާނޫނުތައް ހަދައިގެން ވަނީ މިހާތަނަށް ވެސް ހަނިކޮށްފަ އެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަކަން ވަނީ އެންމެ ހަނި ގޯޅިއަށް ވައްދާފަ އެވެ. ދެން ސަރުކާރުން އެންމެ ޖެހިލުންވާ ހައްގެއްގެ ގޮތުގައި އޮތީ ނޫސްވެރިކަމުގެ ހައްގެވެ. މީގެ ކުރިން ކުޑަނަމަވެސް މިިނިވަންކަމެއް އޮތް ނޫސްވެރިކަން މިހާރު ވެސް ވަނީ އިންތިހާއަށް ހަނިކޮށްފަ އެވެ. އެވަރުން ވެސް ނުރުހިގެން މިނިވަން ނޫސްވެރިކަން "ވަޅުލަން" ސަރުކާރުން މި ވަނީ ތައްޔާރުވެފަ އެވެ.

އެއް ކަމެއް ކުރަން ދައުލަތުން ހަރަދުކުރާ ދެ ބަޔަކު ބޭއްތިއްބުމަކީ އެއްވެސް ގޮތަކަަށް ރަނގަޅު ކަމެއް ނޫނެވެ. މިކަމާ ހަމަ ސަތޭކައިން ސަތޭކަ އެއްބަހެވެ. ބޭކާރު ކަމެކެވެ. މީޑިއާތައް ރެގިލޭޓްކުރުމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އޮވެ އެވެ. ދެ ކޮމިޝަނުގައި ވެސް މެންބަރުންތަކެއް ތިބޭއިރު ކުރަނީ ގާތްގަނޑަކަށް އެއް މަސައްކަތެކެވެ. އެމްއެމްސީ އުފެދިފައި އޮންނަ ގޮތުން މާބޮޑު ބާރެއް، މާބޮޑު ބޭނުމެއް ވެސް ނެތެވެ.

މިއީ ނޫސްވެރިން ވެސް ރުހޭ ގޮތެއް ނޫނެވެ. ބަދަލުކުރުން ރަނގަޅު ކަމެކެވެ. އެއް ކޮމިޝަނަށް ވެސް މީޑިއާތައް ބެލެހެއްޓޭނެ އެވެ. އެކަން ކުރުން އެންމެ ރަނގަޅު ގޮތަކީ ވެސް އެއީ އެވެ. ދައުލަތުން އެމްއެމްސީއަށް ކުރާ ހަރަދަކީ ބޭކާރު ހަރަދެއް ކަމަށް އަދި ކިރިޔާ ސަރުކާރަށް ވިސްނިގެން މި ވަނީ މުޅިން އާ ކޮމިޝަނެއް ހެދުމަށް ނިންމާފަ އެވެ. އެއީ ބްރޮޑްކޮމް އާއި އެމްއެމްސީ ޖަމްކޮށް ހަދައި ކޮމިޝަނެކެވެ. ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވަނީ "މޯލްޑިވްސް މީޑިއާ ކޮމިޝަން" އުފެއްދުމުގެ ބިލެވެ.

ނޫސްވެރިންނާ ދުރު "ސިޔާސީ" ކޮމިޝަނެއް

ރަނގަޅު ސަބަބެއް އޮވެގެން އުފައްދާ ކޮމިޝަނެއް ނަމަވެސް، އެ ކޮމިޝަން އެކުލަވާލަން ނިންމާފައިވާ ގޮތަކީ ނޫސްވެރިންނާ ބީރަށްޓެހި، ކަންބޮޑުވުންތައް ހުރި ގޮތަކަށެވެ. ކޮމިޝަނުގައި ތިއްބަވާނީ ހަތް މެންބަރުންނެވެ. ބްރޯޑްކޮމްގެ މެންބަރުންނާ އެއް އަދެދެކެވެ. އާ ކޮމިޝަނަށް ވެސް މެންބަރުން އައްޔަންކުރަނީ ބްރޯޑްކޮމް ގޮތަށް ރައީސް އެވެ. އެމްއެމްސީ އެކުލަވާލަނީ މީޑިއާތަކުގެ މަންދޫބުންނާއި އާންމުންގެ ތެރެއިން މެންބަރުންތަކެއް ހިމަނައިގެންނެވެ. އެއީ މުހިންމު ކަމެއް ނަމަވެސް އެކަން މުޅިން އާ ބިލުން މިވަނީ ނައްތާލާފަ އެވެ.

ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ވެސް އައްޔަން ކުރަނީ ރައީސް ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން މީޑިއާ ކޮމިޝަންގެ މެންބަރު ކަމަށް މީޑިއާގެ މައްސޫލުވެރި ފަރާތަކަށް އެޑިޓަރަކަށް ނުވަތަ މާލީ މަސްލަހަތެއް އޮތް މީހަކަށް ވެސް ކުރިމަތި ނުލެވޭނެ ކަމަށް ވަނީ ބުނެފައިވެ އެވެ. މެންބަރުންނަށް ވާންޖެހޭނީ ނޫސްވެރިކަމުގެ އިލްމާއި އެ ތަޖުރިބާ ހުރި މީހުން ކަމެއް ބިލުގައި ބުނެފައެއް ނެތެވެ. ރައީސް ހިތްޕުޅާވާ ކޮންމެ ބޭފުޅަކަށް ވެސް މެންބަރަކަށް ވެވިދާނެ އެވެ. މިހެން މެންބަރު ކަމަށްވެ އެންމެ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެތޯ ސުވާލު އުފެދެ އެވެ. އެ މަންޒަރު ބްރޯޑްކޮމްގެ ތެރެއިން އެ ދަނީ ފެންނަމުންނެވެ. އެ ކޮމިޝަނުގެ މެންބަރުން ރައީސްގެ އިވެންޓްތަކުގައި ގޮނޑި ތަރުތީބު ކުރައްވަން އުޅުއްވާ މަންޒަރު ވަނީ މިހާރު ވެސް ފެނިފަ އެވެ.

އަބުރު ގާނޫނުން ބޭނުންވި ވަރެއް ނުވި

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ސަރުކާރުން ފާސްކުރި ގާނޫނަކީ، މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރުން "ބިރުގަންނަ" ވަރު ފެނިގެންދިޔަ ކަމެކެވެ. ފުޅާ ދާއިރާގައި ދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން ހުދޫދެއްގެ ތެރެއަށްލި އެވެ.އެ ގާނޫނުގެ ބޭނުމަކީ މީޑިއާތަކުގެ އަޑު ކަނޑުވާލުމެވެ. ކޮރަޕްޝަނާއި ފަސާދައިގެ އަޑުތައް ހުއްޓުވުމެވެ. ނަމަވެސް ހަރުކަށި އެ ގާނޫނަށް މީޑިއާތައް މާ ފަރިތަ އެވެ. އެ ގާނޫނުން ވަރަށް މަދު މީޑިއާއެއް ނޫނީ "ޒަހަމްކޮށްލެވިފައެއް" ނުވެ އެވެ. ހާއްސަކޮށް އެމްއެމްސީ ވަކި ބޮޑީއެއްގެ ގޮތުގައި އޮތުމުން އޮންލައިން މީޑިއާގައި އަތްލެވޭ ގޮތެއް ނުވި އެވެ.

އާ ކޮމިޝަން އުފައްދާ ބިލްގައި މީޑިއާތަކަށް އަނެއްކާވެސް މިވަނީ ބޮޑެތި ޖޫރިމަނާތަކެއްގެ ބިރު ދައްކާފަ އެވެ. އެއީ އަބުރުގެ ގާނޫނުގެ ބޭރުން އަންނަ ޖޫރިމަނާތަކެކެވެ. ބިލްގައި ވެސް އެކަން ބަޔާންކޮށްފައިވެ އެވެ. އާ ކޮމިޝަނުން ޖޫރިމަނާކުރަނީ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ އެވެ. މިބުނާ ސުލޫކީ މިންގަނޑަކީ އަދި ވަރަށް ބިރު ބޮޑު އެއްޗެކެވެ. އެ ސުލޫކީ މިންގަނޑަކީ އަދި ވުޖޫދުގައި އޮތް އެއްޗެއް ނޫނެވެ. އެ އެކުލަވާލާނީ ކޮމިޝަނުގެ މެންބަރުން އައްޔަންކޮށް ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އެ ސުލޫކީ މިންގަނޑު އެކުލަވާލަންޖެހޭ ހަމަތައް ބިލްގައި ބަޔާންކޮށްފައިވާއިރު އެކަމުގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި ނޫސްވެރިންގެ މަޝްވަރާ ހޯދަންޖެހެ އެވެ.

އެކަމަކު، އެއީ ވަކި ކޮން ބައެއްކަން ފާހަގަކޮށްފައި ނެތުމުން، ކޮމިޝަނުގެ މެންބަރުން ބޭނުންވާ ބަޔެއްގެ މަޝްވަރާގެ މަތިން އެ މިންގަނޑު އެކުލަވާލަފާނެ އެވެ. މިސާލަކަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އިސް ބޭފުޅުންގެ މަޝްވަރާ ނޫނީ ސަރުކާރު ޕްރޮމޯޓްކުރާ މީޑިއާތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ނޫސްވެރިކަމުގެ ތަޖުރިބާއެއް ނެތް ސިޔާސީ ބޭފުޅުންގެ ލަފާގެ މަތިން ސުލޫކީ މިންގަނޑު އެކުލަވާލައިފިނަމަ، އޭގެ ހާލަތު އޮންނާނެ ގޮތުގެ ވާހަކަ ނުދެއްކުން އެންމެ ރަނގަޅުވާނެ އެވެ.

އެ ސުލޫކީ މިންގަނޑުތަކާ ނޫސް މަޖައްލާތަކުން ހިލާފުވެއްޖެ ނަމަ 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެ މިންގަނޑާ ހިލާފުވާ ނޫސްވެރިޔަކަށް ވެސް ހަމަ އެ އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މީޑިއާ ކޮމިޝަން ބިލުގައި ބުނެފައިވެ އެވެ. އަދި ގަވާއިދާ ހިލާފުވި ކަމެއް އިސްލާހު ކުރަންދެން ނުވަތަ ކޮމިޝަނުން މައްސަލަ ބަލާ ނިމެންދެން ނޫސް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެންގުމުގެ ބާރު ކޮމިޝަނަށް ވަނީ ދީފަ އެވެ. ތަކުރާރުކޮށް ހިލާފުވާ ނަމަ ލައިސެންސް ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅޭނެ އެވެ.

މައްސަލައެއް ނެތެވެ. އެ އޮންނަ އުސޫލަކާ ހިލާފުވާނަމަ ފިޔަވަޅު އެޅިދާނެ އެވެ. މައްސަލައަކީ ހަމައެއް ލަމައެއް ނެތުމެވެ. ޖޫރިމަނާ ކުރެވޭނެ ލިމިޓް ބުނެފައިވާއިރު ޖޫރިމަނާ ކުރާނެ އުސޫލެއް ނެތެވެ. ފުރަތަމަ ފަހަރު ކަމަށް ބަލާފައި ލުޔެއް ދޭނެ ވާހަކައެއް ނެތެވެ. ސަރުކާރުގެ ޕްރޮޕެގެންޑާ ނުފަތުރާ މީޑިއާއެއް ފުރަތަމަ ފަހަރުން ވެސް 100،000 ރުފިޔާއިން ޖޫރިމަނާކުރަންވީ އެވެ. މިހާރު ބްރޯޑްކޮމްއިން އަމަލުކުރާތަން ފެންނަނީ އެހެނެވެ.

މިނިވަން ނޫސްވެރިކަމަށް އެތައް ބިރެއް

ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާ ގުޅޭ ގޮތުން ނޫސްތަކުން ލިޔާ ލިޔުންތައް ގިނަ އެވެ. ފާޑުކިޔުންތައް އަމާޒުކުރާ މިންވަރު ވަރަށް ބޮޑެވެ. އެއީ އަބުރުގެ ގާނޫނުގެ ދަށުން އޮތް ފުރުސަތަކެވެ. ވަކި މީހަކަށް އަމާޒުނުވާ ގޮތަށް އިދާރާތަކަށް ކިތަންމެ ވަރަކަށް ފާޑުކިޔަސް އެ ގާނޫނުގެ ދަށުން އެ ކުށަކަށް ނުވެ އެވެ. އަބުރުގެ ގާނޫނުން ދެވުނު އެ ލުއި، އާ ކޮމިޝަންގެ ގާނޫނުން ހަނިވާނެ އެވެ.

މީޑިއާ ކޮމިޝަން ބިލްގެ 40 ވަނަ މާއްދާގެ (ޅ)ގައި ބުނެފައިވަނީ ވަކި ފަރާތަކަށް ނުވަތަ ޖަމާއަތަކާމެދު ހިޔާލު ފާޅުކުރާނަމަ އެކަން ކުރުމުގައި ކިޔޭ ފާޑުކިޔުން އިންސާފުވެރިކަމާއި ހަމަވާންޖެހޭނެ އެވެ. ބަޔަކު ބޮޑު ޖަރީމާއެއް ހިންގައިގެން އުޅޭއިރު ކިޔާ ފާޑުކިޔުމުގައި ހަމަހަމަ ކުރާނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި ސަރުކާރުގެ އިދާރާއެއް ހޫނު ފެނަށް ވެއްޓޭ ހާލަތު، ފާޑުކިޔުން ހަމަހަމަ ކުރާނެ ގޮތަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫނެވެ.

މި ބިލްގައި ނޫސްވެރިންނަށް ހާމަނުކުރެވޭނެ މައުލޫމާތެއް ވަނީ ކަނޑައަޅާފަ އެވެ. ހިފެހެއްޓުމެކެވެ. ސަރުކާރާމެދު އެންމެ ބޮޑަށް އަމާޒުވާ ކޮރަޕްޝަނުގެ އަޑު ކަނޑުވާލަން ހިފަހައްޓާ ހިފެހެއްޓުމެއް ކަމަށް ބެލެވެ އެވެ. ސަރުކާރުގެ ތެރެއިން ހިންގި އެންމެ ހަޑި އަމަލު، އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ ވާހަކަތައް ދެއްކުން މީޑިއާތަކަށް މަނާކުރަން ހިމަނާފައިވާ މާއްދާއެއްގެ ގޮތުގައި އެ މާއްދާ މާނަކުރެވެ އެވެ. ބިލްގެ 41 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުން އެއްވެސް ފަރާތެއްގެ ފައިސާގެ މުއާމަލާތްތަކާއި ދަރަނިވެރިކަމުގެ މައުލޫމާތު ހާމައެއް ނުކުރެވޭނެ އެވެ. މި މާއްދާ މާނަކުރާ ގޮތަކުން އިސްލާމިކް ބޭންކްގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ވާހަކަ ވެސް ނުދެއްކިދާނެ އެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދަރަނީގެ ވާހަކަ ދެއްކުމަށް ވެސް ހުރަސް އެޅިދާނެ އެވެ.

ގަސްދުގައި ދޮގު ހަބަރެއް އެއްވެސް މީޑިއާއަކުން ހާމައެއް ނުކުރާނެ އެވެ. ނަމަވެސް މުޅިން ޔަގީން ނުވާ މައުލޫމާތު މީޑިއާއިން ހާމަކުރެ އެވެ. އާ ކޮމިޝަންގެ ގާނޫނުގެ ދަށުން ދޮގަކަށް ވެދާނެ ކަމަށް ބެލެވޭ މައުލޫމާތެއް ވެސް ހާމައެއް ނުކުރެވޭނެ އެވެ. ބިލްގެ 43 ވަނަ މާއްދާގައި އެކަން ވަނީ މަނާކޮށްފަ އެވެ.

އެހެން އެއްވެސް ގާނޫނަކުން ހުއްދަނުކުރާ ވަރަށް ބޮޑު ބާރެއް މީޑިއާ ކޮމިޝަނަށް ދޭން ބިލްގައި ވަނީ ހިމަނާފަ އެވެ. އެ ބިލްގެ 71 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުން ކޮމިޝަންގެ ގަވާއިދާ ހިލާފުވެއްޖެނަމަ އަދި ރަނގަޅުކުރަން އެންގުމުން ރަނގަޅު ނުކުރާނަމަ ޕްރޮގްރާމް ޝެޑިއުލްގެ ބައެއް މެދުކަނޑާލަން އެންގުމުގެ ބާރު ކޮމިޝަނަށް އެބަ އޮތެވެ. އަދި އެ މާއްދާގެ (ކ)ގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ކަމަށް ބަލައި، އެ ސްޓޭޝަނަކަށް ފުލުހުން ފޮނުވައި ފުލުހުން މެދުވެރިކޮށް އެ ކޮންޓެންޓެއް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ. ބިލްގެ 72 ވަނަ މާއްދާގެ (ކ)ގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ޝާއިއުކޮށްފިނަމަ އެ ޝާއިއުކުރި ވަސީލަތެއް ފުލުހުން މެދުވެރިކޮށް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮންނާނެ އެވެ. އެއީ ކިހާ މުއްދަތަކަށް ކަމެއް ވެސް ބިލްގައި ބަޔާނެއް ނުކުރެ އެވެ. މާނަކުރެވެނީ ހިތުހުރި މުއްދަތަކަށް ކަމެވެ.

މިހާރު ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓަކީ ކޮބައި ކަމެއް ބިލްގައި ނެތެވެ. އެއީ، ކޮމިޝަންގެ މެންބަރުންގެ ހިތުގައި އޮންނާނެ ކަމެކެވެ. ނޫނީ "މަތިން" އެންގެވުމުން ވާނެ ނުރައްކާއެކެވެ.

ދެން އޮތީ ވަރަށް ނުރައްކާ މާއްދާއެކެވެ. ބިލްގެ 72 ވަނަ މާއްދާ (ޅ) އެވެ. އެ މާއްދާގައިވާ ގޮތުން، ނޫސް މަޖައްލާއަކާ ގުޅޭ ގޮތުން ކޮމިޝަނުން ބަލާ މައްސަލައެއް ބަލާ ނިމެންދެން އެ ނޫހެއް ހުއްޓާލާފައި ބޭއްވުމުގެ ބާރު ކޮމިޝަނަށް ވަނީ ދީފަ އެވެ. މިއީ މީޑިއާއަށް އޮތް ވަރަށް ބޮޑު ބިރަކަށްވާނެ އެވެ. މައްސަލަ ބަލާ ދެން ނޫހެއް ހުއްޓާލުމުގެ ބާރު އޮތްއިރު ނޫސްވެރިންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ވެސް ކޮމިޝަނަށް ދޭން ވަނީ ނިންމާފަ އެވެ.

މޮނީޓާކުރެމެއް ނޫން، އޮބަހެއްޓުން

މީޑިއާ ކޮމިޝަނެއްގެ ބޭނުމަކީ މީޑިއާތައް ބެލެހެއްޓުން ކަމަށްވީ ނަމަވެސް އަލަށް އެކުލަވާލައި ގާނޫނުގައި ފަރުމާކޮށްފައިވަނީ މުޅިން އެ މަގުސަދާ ހިލާފަށެވެ. އެންމެ އިސް މަގުސަދެއްގެ ގޮތުގައި އޮތީ، މިނިވަން ނޫސްވެރިން އޮބަހެއްޓުންކަން އެއީ ފެންނަން އޮތް ހަގީގަތެވެ.

"ބިލުން ފެނިގެން ދާނީ މީޑިއާ ކޮމިޝަނުގެ ގާނޫނާ ހިލާފަށް، ބޮޑަށް މީޑިއާތައް މޮނީޓާކޮށް މިހާރު ލިބިފައި އޮތް މިނިވަންކަން ދެމެހެއްޓުމަށްވުރެ ބޮޑަށް ކޮންމެވެސް ގޮތަކަށް މީޑިއާތަކަށް ފިޔަވަޅު އަޅާ ލިބިފައިވާ މިނިވަންކަން ހަނިކުރެވޭނެ ކޮންމެވެސް ގޮތެއް، ނިޒާމެއް ގާއިމުކުރަން މަސައްކަތް ކޮށްފައިވާތަން، މީޑިއާ ކައުންސިލްގެ ގާނޫނަކީ ލިބިފައިވާ މިނިވަންކަން ދެމެހެއްޓުމާއި ހުރަސްތައް ނައްތާލުމާއި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތާއި މި ކަންތައްތައްތަކުގެ ވާހަކަ އޮތް ގާނޫނެއް، އެކަމަކު މިހާރު މީޑިއާ ކޮމިޝަނުގެ ބިލްގައި މިވަނީ ނޫސްވެރިން ހިފައި ތަޅު އަޅުވާފަ އެމީހުން ކޮންމެވެސް އިލްޒާމެއްގަ ތެރޭގަ ބައްދާލުން ކަހަލަ ގޮތަކަށް މި މާނަ ވަނީ،" އެމްއެމްސީގެ މެންބަރުކަން ދެ އަހަރުވަންދެން ކުރެއްވި ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސެއިން ހަސަން ވިދާޅުވި އެވެ.

އެމްއެމްސީ އުވާލައި، އުފައްދާ ކޮމިޝަނަކީ މީޑިއާތަށް ބެލެހެއްޓުމުގެ މަގުސަދުގައި ހަދާ ކޮމިޝަނަކަށްވާނަމަ އެ ކޮމިޝަނުގައި މީޑިއާގެ ކަންކަން އެނގޭ މީހުން ތިބޭނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުރަތަމަ މި ގާނޫނު އެކުލަވާލަން ނިންމީ ވެސް އެގޮތަށެވެ. ރައީސް އައްޔަންކުރާ ތިން މެންބަރުންގެ އިތުރުން ދެން ކޮމިޝަނުގައި ތިބޭނީ މީޑިއާތައް ތަމްސީލްކުރާ ތިން މެންބަރުންނާއި ގާނޫނީ ބޭފުޅުންގެ ތެރެއިން އައްޔަންކުރާ އެއް މެންބަރެވެ. ހަގީގަތުގައި އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުން ކޮމިޝަން އުފެދެން ޖެހޭނީ މިހެނެވެ. ނަމަވެސް އެގޮތް ދޫކޮށް ރައީސް އައްޔަންކުރާ ހަތް މެންބަރުންނާއެކު ކޮމިޝަން ހަދަން ނިންމާފައިމިވަނީ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް މީޑިއާއަށް ފިޔަވަޅު އެޅުމުގެ ނުބައި ނިޔަތުގަ އެވެ.

"މީޑިއާއާ ގުޅުމެއް ނެތް ބަޔަކު އައުމުގެ ފުރުސަތު ވެސް މިހާރު ބިލް އޮތް ގޮތުން އެބަ އޮތް، އެ ވެދާނެ ސިޔާސީ ބޭފުޅުންނަށް ވެސް، އެ ވެދާނެ ފިޔަވަޅު އެޅުމަށްޓަކައި ހަމަ ޕަޕެޓުންގެ ގޮތުގައި ތިބި ބަޔަކަށް ވެސް، އެއީ މިހާރު ވެސް ބްރޯޑްކާސްޓިން ކޮމިޝަން އޮތީ އެހެން،" ސަން އޮންލައިންގައި ހަތް އަހަރު މަސައްކަތްކޮށްފައިވާ ހުސެއިން ވިދާޅުވި އެވެ.

ކުރިން މީޑިއާގައި މަސައްކަތް ކުރައްވައި ފަހުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި މުހައްމަދު އަމީތު ވެސް ވިދާޅުވީ، މީޑިއާ ކޮމިޝަންގެ ގާނޫނަކީ ނޫސްވެރިކަން ދެމެހެއްޓުމަށް ފާސްކުރާ ގާނޫނެއް ނޫން ކަމަށެވެ. އެ ގާނޫނެކޭ އަބުރު ރައްކާތެރިކުރުމާއި ހިލާފު ފާޅުކުރުމުގެ ގާނޫނާ ތަފާތެއް ނެތް ކަމަށެވެ. އަމީތު ވިދާޅުވި، ގޮތުގައި އާ ކޮމިޝަނުގެ ގާނޫނުގެ ބޭނުމަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުން ބޭނުންވާ މީޑިއާތައް ބަންދުކުރުން ކަމަށެވެ. މީޑިއާ މުށުތެރެއަށްލުން ކަމަށެވެ.

ގައު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް ފައްޔާޒު އިސްމާއިލް ވިދާޅުވާ ގޮތަށް މީޑިއާ ކޮމިޝަނުގެ ގާނޫނަކީ އަބުރުގެ ގާނޫން ސަންދޯކަށް ލައި މޮހޮރު ޖަހާފައިވާ މިނިވަން ނޫސްވެރިކަން ކަށްވަޅަށްލައި ވަޅުލުމަށް ފާސްކުރާ ގާނޫނެކެވެ. މިއީ މީޑިއާތައް ކަށްވަޅަށްލައި، ސަރުކާރުގެ އަމަލުތަކަށް ފަސްއެޅުމަށް އަވަސް އަވަހަށް ފާސްކޮށްލައި މީޑިއާތަކަށް އޮތް ބޮޑު ހަލާކެކެވެ.