ޔޫރަޕުގެ ޓޫރިސްޓުން އިތުރު ކުރުމަށް މިހާތަނަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ދަތުރުފަތުރުގެ ދަތިކަމެވެ. ރާއްޖެ އަށް އެންމެ ގިނައިން މީހުން އަންނަ ގައުމުތަކުންވެސް އެކަށީގެންވާ ވަރަށް ޓޫރިސްޓުން ނުގެނެވޭ އެއް ސަބަބަކީ މި އެވެ. ހާއްސަކޮށް ޔޫރަޕުން ސީދާ ދަތުރުތައް ނެތުން ވީ ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމްގެ އާ ސީޒަނާ ދިމާކޮށް މުހިންމު ގައުމުތަކުން މިވަނީ ދެ އެއާލައިނެއްގެ ސީދާ ދަތުރު ފަށާފަ އެވެ. މިއާއެކު ޓޫރިޒަމަށް އާ ދޮރުތަކެއް މިވަނީ ހުޅުވިގެން ގޮސްފައިވާ ކަމަށް ޓޫރިޒަމް ދާއިރާއިން ދެކެ އެވެ.
"ޔޫރަޕުން ގިނަ އެއާލައިންތަކެއް އައުމަކީ ޓޫރިޒަމަށް ލިބޭނެ ގިނަ ފުރުސަތު ތަކެއް. މީގެ ސަބަބުން ރާއްޖެ އަންނަން ތިބި މީހުންނަށް އިތުރު ދޮރުތަކެއް ހުޅުވޭނެ،" ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.
ސީދާ ޔޫރަޕުން ރާއްޖެ އަށް އަލަށް ދަތުރު ފަށާފައިވަނީ އިޓަލީގެ ރޯމުން، "އަލިތާލިއާ" އެއާލައިންނާއި ފްރާންސްގެ ޕެެރިހުން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށި "އެއާ ފްރާންސް" އެވެ. މިގޮތުން އެލިތާލިއާ އިން ހަފްތާއަކު ތިން ދުވަހު ރާއްޖެ އަށް ދަތުރު ކުރާނެ އެވެ. އަދި ޕެރިހުން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށި އެއާ ފްރާންސުން ރާއްޖެއަށް ދަތުރު ކުރަން ބޭނުންކުރާނީ ބޮއިން 200-777 މަރުކާގެ ބޯޓު ފަހަރެވެ. މި ބޯޓުތަކުގެ 260 އިކޮނޮމީ ކްލާހުގައި ސީޓާއި 24 ޕްރިމިއަމް އިކޮނޮމީ ކްލާސް ސީޓުގެ އިތުރުން، 28 ބިޒްނަސް ކްލާސް ސީޓު ހިމެނޭނެ އެވެ. އަދި މި އެއާލައިން ޕެރިހުން ރާއްޖެއަށް ފުރާނީ ފްރާންސް ގަޑިން ރޭގަނޑު 8:50 ގަ އެވެ. އަދި ރާއްޖެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:20 ގަ އެވެ. އަދި ފްރާންސަށް ފުރާނީ ކޮންމެ ބުރާސްފަތި އަދި އާދިއްތަ ދުވަހެއްގެ މެންދުރު 1:05ގަ އެވެ.
ޔޫރަޕުން ގިނަ އެއާލައިންތަކެއް އައުމަކީ ޓޫރިޒަމަށް ލިބޭނެ ގިނަ ފުރުސަތު ތަކެއް. މީގެ ސަބަބުން ރާއްޖެ އަންނަން ތިބި މީހުންނަށް އިތުރު ދޮރުތަކެއް ހުޅުވޭނެމަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް
ޔޫރަޕުން ދެ އެއާލައިނެއްގެ ދަތުރު ފެށިއިރު މި އެއާލައިންތައް ނިސްބަތްވާ ގައުމުތަކަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު ދެ ގައުމެވެ. އިޓަލީން މި އަހަރުގެ މިހާތަނަށް 62,196 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި މިދިޔަ އަހަރު 50,922 މީހުން ޒިޔާރަތް ކުރި އެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު އެ ގައުމުން އައި އަދަދު ވަނީ 22.1 ޕަސެންޓް އިތުރުވެފަ އެވެ. އަދި ފްރާންސުން މި އަހަރުގެ މިހާތަނަށް 30,359 މީހުން ޒިޔާރަތް ކޮށްފި އެވެ. މި އަދަދަކީ މިދިޔަ އަހަރު ރާއްޖެ އަށް އައި 29,529 މީހުންނާ އަޅާބަލާނަމަ 2.8 ޕަސެންޓް އިތުރުވުމެކެވެ.
އިތުރު އެއާލައިންތައް ދަތުރު ފެށި، މި ދަނޑިވަޅަކީ ރާއްޖޭގެ ޓޫރިޒަމަށް ވެސް މުހިންމުކަން ބޮޑު ވަގުތެވެ. ސަބަބަކީ ކުރު މުއްދަތެއްގައި އެނދުގެ އަދަދު ހަލުވިކަމާއެކު އިތުރުވެގެން ދިއުމެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ބަލާއިރު އެކަނި ވެސް 123 ރިސޯޓުގައި 28,194 އެނދު އެބަހުއްޓެވެ. އަދި ހަލުވިކަމާއެކު އިތުރުވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި 424 ގެސްޓްހައުސްގައި 6,549 އެނދާއި 147 ސަފާރީގައި 2,740 އެނދު އެބަހުއްޓެވެ. މީގެ އިތުރުން ސަރުކާރުން ކުރިއަށް އޮތް އަހަރާއެކު ޖުމްލަ 50 ރިސޯޓު ހުޅުވާނެ ކަމަށް ބުނެފައިވުންވެސް މިއީ ޔޫރަޕުން އިތުރު ޑައިރެކްޓް ފްލައިޓްތަކެއް އަޅަން ޖެހޭ އެއް ސަބަބެވެ.
2016 ގައި ހުޅުވި ރިސޯޓުތައް
* ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް
* ރ. ފުރަވެރި އައިލެންޑް ރިސޯޓް
* ބ. ކަނިފުށީގައި ރިސޯޓް
* ކ. މާދޫ، އޯޒެން ބައި މާދޫ
* ކ. ކުޑަ ބަނޑޮސް: މަލަހިނި ކުޑަ ބަނޑޮސް
* ބ. ދިގުފަރުވިނަގަނޑު: ދިގުފަރު އައިލެންޑް ރިސޯޓް
* ޅ. ހުރަވަޅި: ހުރަވަޅި މޯލްޑިވްސް
* ދ. ވޮށްމުލި: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮށްމުލި
* ނ. މެދުފަރު: ސޮނޭވާ ޖާނީ
* ބ. މިލައިދޫ: މިލައިދޫ އައިލެންޑް
* ޅ. އޫކޮޅުފުށި: ކޮކޫން މޯލްޑިވްސް
2017 ގެ ބައެއް އާ ރިސޯޓުތައް
* ކ. ކޮއްދިއްޕަރު: ގްރޭންޑް ޕާކް
* ރ. ދިގަލި ރިސޯޓް
* ޅ. ފުށިފަރު
* ގއ. މާކިއޫ ކޫއްޑޫ
* ދ. ކަނޑިންމަ ރިސޯޓް
ގިނަ ރިސޯޓުތަކެއް ހުޅުވަމުންދާއިރު، މި ރިސޯޓުތަކާއެކު ވަނީ ޓޫރިޒަމަށް އިތުރަށް ދިރުން ލިބިފަ އެވެ. އަދި އާ އެއާލައިންތަކާއެކު ރިސޯޓުތަކުގެ އެނދުތައް ފުރާލަން އެހީވާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ބެހެމުންދާ ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މި ވިޔަފާރީގައި އުޅޭ ފަރާތްތަކުން ދެކެ އެވެ.
ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓް ކުރާ، މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ. ހުސެއިން ސަނީ ވިދާޅުވީ އާ ގިނަ އެއާލައިންތައް ފެށުމަކީ މުޅި ޓޫރިޒަމަށް ވެސް ލިބޭނެ އިތުރު ފައިދާ ކަމަށްވާނެ ކަމަށެވެ.
"ޓޫރިސްޓު އެރައިވަލްސް އިތުރު ކުރުމަށް މިއީ ސަރުކާރާއި ގުޅުންހުރި އިދާރާތަކުން ގެނައި ރަނގަޅު ބަދަލެއް. މިހާރު ބޭނުންވަނީ އިތުރު އެއާލައިންތައް. މި އަހަރު އިތުރު ރިސޯޓުތައްވެސް ހުޅުވޭނެ. އެހެންވެ މިއީ ވަރަށް މުހިންމު ކަމެއް،" ސަނީ ވިދާޅުވި އެވެ.
އެއާލައިން ތަކަށް ވީއައިއޭ ތައްޔާރު
މި އަހަރުގެ ޓޫރިޒަމް އާ މޫސުން ފެށުނުއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޖާގަ ބޮޑުކޮށް ވަނީ އަލުން ހުޅުވާފަ އެވެ. ވީއައިއޭގައި އަންނަ މީހުންގެ ލަގެޖް ނަގަން މީގެ ކުރިން އޮންނަނީ ދެ ބެލްޓެވެ. ނަމަވެސް މިހާރު އިތުރު ކުރި ދެ ބެލްޓާއެކު ހަތަރު ބެގޭޖު ބެލްޓަށް ބަދަލު ވެގެންދާނެ އެވެ. އަދި ކުރިން ޑިޕާޗާ ގޭޓުގެ ގޮތުގައި ހުންނަނީ ފަސް ގޭޓެވެ. އެއީ ގްރައުންޑް ފްލޯގައި ތިން ގޭޓާއި ފުރަތަމަ ބުރީގައި ދެ ގޭޓެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ފުރަތަމަ ބުރީގައި ހުރި ދެ ގޭޓް ބަންދުކޮށް، ތިރީގައި ތިން ގޭޓްވަނީ ހުޅުވާފަ އެވެ. މިއާއެކު މިހާރު ޖުމްލަ ހަ ގޭޓް ހުންނާނެ އެވެ. މި ބަދަލާއެކު އެއްފަހަރާ ހަ ފްލައިޓުން އަންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
މި އަހަރުގެ ސީޒަނާ ދިމާކޮށް، އާ އެއާލައިންތަކެއް ފެށުމަކީ ހަމަ ގައިމުވެސް ލިބޭނެ ކުރިއެރުމެކެވެ. އެކަމަށް މުޅި އިންޑަސްޓްރީ އޮތީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.