ހަބަރު

އުކުޅަހު އިންޖީނުގޭގައި ރޯވެ ރަށުން ކަރަންޓް ކެނޑިފައި

އއ. އުކުޅަހު އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

ފުލުހުން ބުނީ ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި ތިން މީހުންނނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ. އެ މީހުންނަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ އުކުޅަހު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއްއް ލިބުނީ 10.58 ގައި ކަމަށެވެ.

އުުކުޅަހު ކައުންސިލްގެ ޑައިރެކްޓަރު އަބްދުﷲ ވަހީދު އިމާދު ވިދާޅުވީ އަލިފާން ރޯވާން މެދުވެރިވީ ވެލްޑިން ކުރުމުގެ ތެރޭގައި ކަމަށެވެ. އެ އަލިފާންގަނޑުގައި އިންޖީނު ގޭގެ އެއް ފަޅީގައި އަދި ދެ ޖަނަރޭޓަރުގައި ރޯވެފައިވާ ކަމަށެވެ. އަދި މަރާމާތަށްފަހު އިންޖީނު ބޭނުންކުރެވޭނެ ކަމަށް އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނެފައިވާ ކަމަށެވެ.

އެ ހާދިސާގައި ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު ކަރަންޓު ދިނުމުގެ މަސައްކަތަށް ސްޓެލްކޯގެ ޓީމެއް މިއަދު އެ ރަށަށް ދާނެ ކަމަށާއި މިރޭ ވާންވާއިރަށް ކަރަންޓު ނުދެވިއްޖެނަމަ ބެކަޕް މާލެއިން ގެންގޮސް ކަރަންޓު ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާ ކަމަށެވެ.

"ސްޓެލްކޯ އިން ބުނީ މާލެގައި އެބައިނޭ ބެކަޕެއް، މިރޭ ވާންވާއިރަށް ކަރަންޓު ނުދެވިއްޖެޔާ އޭތި ގެންދާނަމޭ، އޭރުއްސުރެ ކަރަންޓު ކެނޑިފަ ހުރީ،" ވަހީދު ވިދާޅުވި އެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ އިންޖީނުގޭގައި ހުރި ހުރިހާ ތެޔޮ ޓޭންކެއްގައި ރޯވި ކަމަށެވެ. އަދި މިހާރު އެރަށުގެ ފެން ޕްލާންޓުގައި ބޭނުންކުރާ ޖަނަރޭޓަރު މެދުވެރިކޮށް ސިއްހީ މަރުކަޒަށް ކަރަންޓު ދެމުންދާ ކަމަށެވެ.