- ފެލިވަރުގައި ޕެކެޓްގައި މަސް ބަންދުކުރަން ފަށަނީ
- މިފްކޯގެ ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރޭ
- މަސްވެރިންނަށް އެހީވުމަށް މަސައްކަތްތަކެއް
އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަން ފެށުމާއެކު، މިފްކޯ އަށް ފައިދާވާން ފަށާފައިވާ ކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިފްކޯ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީ ޝަހީރު ވިދާޅުވީ މިފްކޯގައި އޮތީ ވަރަށް ގާބިލް ޓީމެއް ކަމަށާއި، އެ މުވައްޒަފުންނާއެކު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނިން މިހާރު ފައިދާ ނެރެވިފައިވާ ކަމަށެވެ.
"މިފްކޯ އިން މިއަހަރުގެ މިހާތަނަށް ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރެއްވިޖެ. އިރާދުކުރެއްވިއްޔާ އަހަރު ނިމޭއިރު ވެސް ކުންފުނި ވާނީ ފައިދާވާ ކުންފުންޏަކަށް. އަހަރު ނިމުނުން ފައިދާވީވަރު ހިއްސާކުރާނަން،" ޝަހީރު ވިދާޅުވި އެވެ.
ނަވާރަ ސަތޭކަ ނުވަދިޔަ ތިން ވަނަ އަހަރު އުފެއްދި މިފްކޯ، އެސްޓީއޯގެ ދަށަށް ގެނައިއިރު 300 މިލިއަނެއްހާ ރުފިޔާގެ ދަރަނި އޮތެވެ. އަދި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރިއިރު، އެކި ފަރާތަކަށް ވަނީ އެ ކުންފުނި ދަރާ ވިކިފަ އެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަނަށް ކޮންމެހެން ބޭނުންވާ ތަންތަން ވަނީ ހަލާކުވެފަ އެވެ. ހާއްސަކޮށް ކަނޑުއޮތް ގިރި ފަދަ ތަންތަން އޮތީ ވަރަށް ހާލުގަ އެވެ.
ޝަހީރު މިއަދު ވިދާޅުވީ މިފްކޯގެ އޮޕަރޭޝަން ރަނގަޅު ކުރުމުގެ ގޮތުން، ފެލިވަރު އަޕް-ގްރޭޑްކޮށް ނިމި، މި މަހުގެ ތެރޭގައި އެތަނުގައި ޕައުޗް [ޕެކެޓުގައި މަސް] ބަންދު ކުރަން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން ދާދިފަހުން މިވަނީ ޕައުޗް ޕްލާންޓް ހަދަން ފަށާފަ. ޑިސެމްބަރު މަހު އޯޑަރު ޖެހޭނެ. މިހާރު ގަންނަން ބޭނުންވާ ކަސްޓަމަރުންންވެސް ވަނީ ހޯދިފައި،" ޝަހީރު ވިދާޅުވި އެވެ.
މިފްކޯ އިން މިއަހަރުގެ މިހާތަނަށް ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރެއްވިޖެ. އިރާދުކުރެއްވިއްޔާ އަހަރު ނިމޭއިރު ވެސް ކުންފުނި ވާނީ ފައިދާވާ ކުންފުންޏަކަށް.އަހުމަދު ޝަހީރު -- އެސްޓީއޯގެ އެމްޑީ
އޭނާ ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ކުންފުނީގެ ހަރަދުތައް ކުޑަ ކުރުން ވެސް ހިމެނޭ ކަމަށް ޝަހީރު ވިދާޅުވި އެވެ.
"ލޮޖިސްޓިކް ކޮސްޓްތަކާއި ހަރަދުތައް ކުޑަކޮށް ކުންފުނި އެފިޝަންސް ކުރަން މިދަނީމަސައްކަތް ކުރަމުން. ހުރިހާ އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ގެނެވިފައިވަނީ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތީ މަސްވެރިކަމުގެ މައި ސީޒަނަށް ކަމަށްވާތީ، މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ވެސް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
"މަސްވެރިންނަށް އައިސް ލިބުމުގެ ކަންތައްތަކާއި މަސް ކިރުވުން. މަސްވެރިނަނަށް މަސް ގެނެފައި ފައިސާ ދިނުމުގެ ކަންކަން ވެސް ވަނީ ހަމަޖެހިފައި،" ޝަހީރު ވިދާޅުވި އެވެ.
މިފްކޯއަށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ވެއްޖެކަމަށް ބުނިއިރު، ސަރުކާރުން ދާދިފަހުން ވަނީ 46.3 މިލިއަން ރުފިޔާގެ ލޯނެއް ދީފަ އެވެ.