ވިޔަފާރި

ސަރުކާރުން މިފްކޯއަށް ލޯނު ދިނީ ފަސް އަހަރުން ދައްކާ ގޮތަށް!

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ހަމައަކަށް އަޅުވަން، ފިނޭންސް މިނިސްޓްރީއިން ދާދިފަހުން ދިން 46.3 މިލިއަން ރުފިޔާގެ ލޯނު ދިނީ، ފަސް އަހަރުން ދައްކާ ގޮތަށް ކަމަށް ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އެ ކުންފުނީގެ ސީއީއޯ އަދްލީ އިސްމާއިލް "އަވަސް" އަށް ވިދާޅުވީ ލޯނު ދިނީ ފަސް އަހަރުން ދައްކަން 7.5 ޕަސެންޓުގެ އިންޓްރެސްޓުގައި ކަމަށެވެ.

"މި ފައިސާ ބޭނުންކުރާނީ އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާއަށް. އެކަމަކު މި ފައިސާ ލިބުމުގެ ކުރިންވެސް މި ދަނީ ބައެއް މަސައްކަތް ކުރަމުން. މި ފައިސާ އިން ކޯލްޑްސްޓޯރޭޖު ހެދުމާއި މިފަދަ މަސައްކަތްތައް ކުރާނީ،" އަދްލީ ވިދާޅުވި އެވެ.

އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ނަވާރަ ސަތޭކަ ނުވަދިޔަ ތިންވަނަ އަހަރު އުފެއްދި ކުންފުނި މިފްކޯގެ ދަށަށް ގެނައިއިރު 300 މިލިއަނެއްހާ ރުފިޔާގެ ދަރަނި އޮތެވެ. އަދި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރިއިރު، އެކި ފަރާތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ހުއްޓެވެ. ނަމަވެސް މިހާރު މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދިފައިވާ ކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފަ އެވެ.