ހަބަރު

ރޯހިންޔާ ފަންޑްގެ ފައިސާ ބަންގާޅު ރެޑްކްރެސެންޓާ ހަވާލުކުރަނީ

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ހިންގާ ޖަރީމާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ބަންގްލަދޭޝްގެ ރެޑްކްރެސެންޓާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވީ ފަންޑަށް މިހާތަނަށް ލިބިފައި ވަނީ ޖުމްލަ 18.1 މިލިޔަން ރުފިޔާ ކަމަށާއި އެފައިސާ ލަސްވެގެން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށެވެ. ބަންގްލަދޭޝްގެ ރެޑް ކްރެސެންޓަށް ފޮނުވާނީ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ވެސް އެހީތެރިކަމާ އެކީގައި ކަމަށް ވެސް ވިދާޅުވިއެވެ.

"... ބޭންންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާ އެކީގައި މިފައިސާ ޑޮލަރަށް ހެދުމުގެ މަސައްކަތް އަަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އެކަން ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ﷲގެ އިރާދަފުޅާ އެކީގައި ބަންގްލަދޭޝްގެ ރެޑް ކްރެސެންޓަށް ފައިސާ ހަވާލުކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ރޯހިންޔާ މީހުންނަށް އެހީވާން ފައިސާ ހޯދަން ސަރުކާރުން އެކުލަވައިލި ސްޓިއަރިން ކޮމިޓީގެ ވެރިޔަކަށް ހުންނެވި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރޯހިންޔާ ފަންޑަށް ފައިސާ ހޯދަން އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން ހިންގި ހަރަކާތްތަކުގައި އެކި ފަރާތްތަކުން ދޭން ވައުދުވި ހުރިހާ ފައިސާއެއްހެން މިހާރު ލިބިފައިވާ ކަމަށެވެ.

" ... އެހެން ނަމަވެސް އަދި އެބަ އުޅޭ އެކި ގޮތް ގޮތުން މުޅި ރޯހިންޔާ ފަންޑަށް ކުރިން ދެއްވާނެ ކަމަށް ވައުދުވި ބައެއް ފަރާތްތަކުން ލިބެން ޖެހޭ ފައިސާ. ވަރަށް ކުޑަ އަދަދެއް، ގާތްގަނޑަކަށް ފަސް ލައްކަ ވަރު އެބަ އުޅޭ ނުލިބި،" ޝަރީފު ވިދާޅުވިއެވެ.

އެފައިސާ ނުލިބި ވިޔަސް ފައިސާ ނުފޮނުއްވައި ދެން މަޑު ނުކުރައްވާނެ ކަމަށާއި އެއީ ކޮމެޓީން ހިތްހަމަ ޖެހޭ ވަރަށް ވުރެ ގިނަ ދުވަސް މިހާރުވެސް ފާއިތުވެފައިވާތީ ކަމަށެވެ.


މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި ރޯހިންޔާ ހަނގުރާމަވެރިންގެ އަމަލުތައް ވެސް ވަނީ ކުށްވެރިކޮށްފައެވެ.