- ރާއްޖެ "ފެންމަތީގެ ސުވަރުގެ" ގޮތުގައި ސިފަ ކުރެއްވި
- ހުޅުލެއަކީ "އާމާލެ" ގޮތުގައި ސިފަކޮށް ދެއްވި
- ރާއްޖޭގެ ޓޫރިޒަމް ދުނިޔެ ބަދަލުކޮށްލާނެ ކަމަށް ސިފަ ކުރެއްވި
ރާޖޭގެ ޓޫރިޒަމަށް މިހާރު 45 އަހަރުވީ އެވެ. އެ ޓޫރިޒަމް ތަރައްގީ ކުރުމުގައި އެންމެ ބޮޑު ބުރައެއް އުފުލެއްވި ވިޔަފާރިވެރިޔާ، ޗަމްޕާ ހުސައިން އަފީފް އިއްޔެ ލަންޑަންގައި ހުންނަވައިގެން ދުނިޔޭގެ މީޑިއާ އާ ކުރިމަތިލައްވާ ވިދާޅިވީ ދުނިޔޭޔެ ޓޫރިޒަމް ތަރައްގީ ކުރުމުގެ އިންގިލާބީ ބަދަލު ދުނިޔެއަށް ގެނައީ ދިވެހިރާއްޖެކަމަށެވެ. ރާއްޖޭގައި ޓޫރިޒަމް ފެށިތާ 45 އަހަރު ފަހުން ދުނިޔޭގެ މީޑިއާ ކުރިމަތީގައި އަފީފު އެވާހަކަ ވިދާޅުވުމާއެކު ލިބިވަޑައިގެންނެވީ ތަރުހީބުގެ އަތްތިލަ ބަޑިއެެކެވެ. އެ ވާހަކަ ބާއްވާށެވެ. ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމާބެހޭ ގޮތުން އެންމެ ފުރަތަމަ ހިޔާލެއް ދިނީ ކާކުކަމެއް އަަދިވެސް ސާބިތު ކުރެވޭކަށް ނެތެވެ. ސާބިތުވާން އޮތީ މަސައްކަތް ފެށުނު ގޮތެވެ. ނަމަވެސް 1972 ގައި ރާއްޖެއަށް ޓޫރިޒަމް ތައާރަފުވުމުގެ ހަ އަހަރު ކުރިން އެކަމާ ބެހޭގޮތުން ދިވެހި ބަހުން މެގަޒިނެއްގައި ދިވެއްސަކު ލިޔެފައިވާ ކަން ސާބިތުކޮށް ދެވިދާނެ އެވެ. އެއީ މީގެ 51 އަހަރު ކުރިންނެވެ.
މިސްރުގައި ތިބޭ ދިވެހި ކިޔަވާކުދިންގެ ޖަމިއްޔާއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެޑިޓަރުކަމުގައި 1966 ގައި ނެރުނު "ރޭނީސް" މެގަޒިންގައި ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމާ ބެހޭގޮތުން ހިޔާލެއް ލިޔުއްވާފައިވަނީ އޭރު އަޒުހަރު ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވަމުން ގެންދެވި ނިޝާން އިއްޒުއްދީނުގެ އިތްޒަތްރެރިވެރިޔާ، ޑރ. މުހައްމަދު ޒާހިރު ހުސައިންނެވެ.
"ސަޔާހީ ނަޒަރަކުން ދިވެހި ރާއްޖެ" އެ ސުރުހީގެ ދަށުން ޒާހިރު ލިޔުއްވެވި އޮޕީނިއަން ޕީސްގައި ރާއްޖޭގެ ގުދުރަތީ ގޮނޑުދޮށްތައް ޓޫރިސްޓުންނަށް ތައްޔާރު ކުރެވިއްޖެނަމަ ދުނިޔޭގެ މަޝްހޫރު ބީޗްތަކެއް ކަމުގައި ހިމެނިގެންދާނެ ކަމަށް ލިޔުއްވާފައި ވެއެވެ.
އަދި ޓޫރިސްޓުންގެ ހިތްތައް ދަމައިގަތުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ރާއްޖޭގައި އަޅައިފިނަމަ ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދުގެ ދެވަނަ ތަނބު ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް ޒާހިރު ސިފަ ކުރައްވާފައި ވެއެވެ.
ދުނިޔޭގެ ގައުމުތަކުގައި ޓޫރިޒަމަށް ދީފައިވާ ބޮޑު އަހައްމިއްޔަތުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށްޓަކައާއި ދުނިޔެއަށް ރާއްޖެ ތައްރާފުކުރުމަށްޓަކައި ޓޫރިޒަމްގެ ނަޒަރަކުން ރާއްޖޭގެ މުސްތަގުބަލަށް ވިސްނުމަކީ ދިވެހިންނަށް ވާޖިބެއް ކަމަށް ދެ ވަޑައިގަންނަވާ ކަމުގައި ޒާހިރު އޭނާގެ އޮޕީނިއަންގައި ލިޔުއްވާފައި ވެއެވެ.
އެ އޮޕީނިއަންގައި ޒާހިރު މިހެން ލިޔުއްވަ އެވެ:
"އެއްވެސް އޮޅުމެއް ނެތެވެ. ދިވެހި ރާއްޖޭގެ ގުދުރަތީ ބީޗްތައް، ޒިޔާރާތް ކުރާ މީހުނަށް ތައްޔާރުކުރެވިއްޖެ ނަމަ ދުނިޔޭގައި މަޝްހޫރު ބީޗްތަކެއް ކަމުގައި ހިމެނޭނެ އެވެ. އެެހެން ކަމުން ދިވެހި ރާއްޖޭގައި ސައްޔާހުންގެ ހިތްތައް ދަމައިގަތުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅިއްޖެނަމަ ލިބޭނެ ފައިދާތަކުގެ ކޮޅެއްވެސްނެތެވެ. އާދޭހެވެ! ސައްުޔާހަތު އެއީ އަޅުގަނޑުމެންގެ ދެވަނަ އާމްދަނީއެއް ކަމުގައި ވުމީ އެކަށީގެންވާ ކަމެކެވެ"
ޒާހިރުގެ އެ ލިޔުއްވުމުގައި ދެން ލިޔުއްވަނީ "މިފަދަ އަހަންމިއްޔަތުކަމެއް މިއަދު ދުނިޔޭގެ ގައުމުތަކެއް ސައްޔާހަތަށް ދީފައިވާހިނދު ސަޔާހީ ނަޒަރަކުން ދިވެހި ރާއްޖޭގެ މުސްތަގުބަލަށް ވިސްނުމަކީ އަޅުގަނޑުމެން ދިވެހިންގެ ވާޖިބެއްކަން ކަށަވަރެވެ. އާދޭހެވެ! އަދި ރާއްޖެ ދުނިޔެއަށް ތައާރަފު ކުރުމަށްޓަކައެވެ،"
ބައި ގަރުނަށްވުރެ ކުރިން ޒާހިރު ލިޔުއްވާފައިވާ އެ އޮޕީނިއަންގައި ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން އެމަނިކުފާނު ސިފަ ކުރައްވާފައި ވެއެވެ. ހައިރާންވާ ކަމަކީ ޒާހިރުގެ ގަލަމުން އެ ދެލި ފޭދިފައި ވަނީ މިހާރު މުޅި ދުނިޔޭގައިވެސް އެ ވާހަކަތަށް ސިފަ ކުރާ ގޮތަށްކަމަށްވާތީ އެވެ.
މިހެން ލިޔުއްވަ އެވެ: "ކުޑަވެސް ޝައްކެއްނެތެވެ، ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ދަމައި ނުގަންނާނެ އެއްވެސް އިންސާނަކު ނުހުންނާނެ އެވެ. އާދޭހެވެ! ރާއްޖެއަކީ ގުދުރަތީ މިއުޒިއެމްއެކެވެ. ރާއްޖެ ނުފެންނަ މީހަކަށް އެ ތަނުގެ ތަބީއަތުގެ ފުރިހަމަ ކަމާއި ރީތިކަން ސިފަ ކުރަން ދަތިވާނެއެވެ. ދިވެހި ރާއްޖެއަކީ މީހަކަށް ހިޔާލީ ހުވަފެނުގައިވެސް ފެންނާނެ އެންމެ ރީތި ގުދުރަތީ އެއް އަޖައިބެވެ. އެހެން ކަމުގައި ވަނީނަމަ އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމަށް އަންނާނެ މީހުން ދުނިޔޭގައިތިބޭނެ ކަމާމެދު އެއްވެސް އޮޅުމެއް ނެތެވެ. އެންމެ ފުރިހަމަ ގޮތުގައި އަރާމް ޗުއްޓީއެއް، މަޑުމައިތިރު ޖައްވެއްގައި ހޭދަކުރުމަށްޓަކަ އެވެ. 'ފެންމަތީގައިވާ ސުވަރުގޭ' ގެ ގުދުރަތީ މަންޒަރުތައް ބެލުމަށްޓަކަ އެވެ. ދިވެހި ރާއްޖޭގެ ހިތް ފަސޭހަ ބީޗްތަކުގައި އަރާމް ކުރުމަށްޓަކަ އެވެ."
ޒާހިރުގެ ލިޔުއްވުމުގައި ހުޅުލެއަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މަރުކަޒަކަށް ވާނެ ކަމަށާއި މުސްތަގަބުލުގައި އެއީ "އާ މާލެ" ކަމަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ލިޔުއްވާފައި ވެއެވެ: "އަޅުގަނޑަށް ހިޔާލު ކުރެވޭ ގޮތުގައި ހުޅުލެއަކީ މުސްތަގުބަލުގެ 'އާމާލެ' އެވެ. މިތަނުގައި މުސްތަގުބަލުގައި ހިމެނޭނީ ފްރީ މާކެޓްތަކާއި ޓޫރިސްޓުން އެޖެންސީތަކެވެ. ނޫސް އެޖެންސީތަކާއި ވައިގެ މަރުކަޒުތަކެވެ. ރީތި ހޮޓާތަކާއި އަރާމް ކުރުމުގެ ތަންތަނެވެ. އެހެން ކަމުން ހާއްސަ ނަޒަރަކުން "އާ މާލެ" އާމެދު އަޅުގަނޑުމެން ބަލަންޖެހޭނެކަން ކަށަވަރެވެ."
ޒާހިރަކީ ރާއްޖޭގެ ނޫސްވެރި ކަމުގެ ޒަމާނީ އިންގިލާބު ގެނެސްދެވި އަދި ރާއްޖެ ދުށް ޒަމާނީ މަތީފެންވަރުގެ ނޫސްވެރިކަމުގެ ޖީލު އުފައްދެވި ނޫސްވެރި، ލިޔުންތެރިޔާ އެވެ. އަބަދުވެސް އާ ހިޔާލުގެ ވަރަށް ޒުވާން ހިތްޕުޅެއްގެ ވެރިއެކެވެ. މިފަދަ އާ ހިޔާލުތައް އެމަނިކުފާނު ގެންނަވާ ގޮތް ވަރަށް ގިނަ ފަހަރަށް ހަވީރުގެ ބައެއް ނޫސްވެރިންނާ ޒާހިރު ހިއްސާ ކުރައްވާފައި ވެއެވެ. އެ ބައިގައި "މުންޑޫ" ހިމެނެއެވެ.
މީގެ 13 ވަރަކަށް އަހަރު ކުރިން މިއޮޕީނިއަން އާބެހޭ ގޮތުން ވެސް ޒާހިރު ވަނީ ވާހަކަ ހިއްސާ ކުރައްވާފަ އެވެ. އޭރު ވިދާޅުވި ގޮތުގައި އެ ހިޔާލު ހިތްޕުޅަށް ވެންނެވީ މިސްރުގެ މުއްސަނދި ތާރީހާއި އާސާރުތަކާއި ބީޗްތައް ފެނިވަޑައިގެން ކުރެއްވުނު ފިކުރުތަކުގެ ތެރެއިންނެވެ.
"އޭރު ވެސް އަޅުގަނޑުބުނަން ފަށައިފިން. ރާއްޖޭގެ ގޮނޑުދޮށްތައް އެ ތަންތަނަށްވުރެ މާ ހުދުވާނޭ އަހަރެމެންގެ ދޮންވެލިގަނޑުމާ ރީތިވާނޭ،" ޒާހިރު އޭރު ވިދާޅުވި އެވެ. "މިސްރުގައި ހުންނަނީ ބްރައުން ކުލައިގެ ބީޗްތަކެއްނޫންހޭ ... އެލެގްޒެންޑްރިއާގެ ބީޗަށް ގޮސް މޫދަށް އެރޭއިރު ފީލްވޭ ރާއްޖޭގެ މޫދާ ހުންނަ ތަފާތު."
ޒާހިރު އޭރު ވަނީ ހަވީރުގެ ހުވާސްއަށް ވެސް އެވާހަކަ ކުރު ގޮތަކަށް ހިއްސާ ކުރައްވާފަ އެވެ. ކުރީގެ ވަޒީރު އަދި ޗާންސެލާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމާމެދު ފިކުރުފުޅު ކުރައްވަމުން ގެންދަވަނިކޮށް 1964 ގައި ޗުއްޓީއަށް މާލެވަޑައިގެންނެވުމުން އިތުރަށް އެއީ ހަގީގަތަށްވެގެން އަންނާނެ ކަމެއްކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި އެވެ.
ޒާހިރުގެ އާޓިކަލްގައި ހިޔާލީ ދެ ކުރެހުމެއްވެސް ހިމަނާފައިވެ އެވެ. ރާއްޖޭގެ ޓޫރިޒަމް ދައްކުވައިދޭ މި ދެ ކުރެހުމަކީ ރާއްޖޭގެ ޓޫރިޒަމް ދައްކުވައި ދިނުމުގެ ނިޔަތުގައި ކުރެހި ފުރަތަމަ ދެކުރެހުމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ ދެ ކުރެހުން ޒާހިރަށް ކުރައްސަވައި ދެއްވީ ފަތުހުﷲ ޖަމީލެވެ.