ހަބަރު

ސައުދީއާ އެކު ރާއްޖެއިން ސާބިތުކަމާ އެކު ދެމި ތިބޭނަން: ރައީސް

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސައުދީ އަރަބިއްޔާއާ އެކު ރާއްޖޭން ދެމި އޮންނާނެ ކަމަށް ރައީސުލް އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫސީ ހަނގުރާމަވަރިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ދޭން އުޅުނު މިސައިލް ހަމަލާއަކާ ގުޅިގެން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައި ވަނީ ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސައުދީ އަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.

" ...މީގެއިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި ސަޢުދީ ޢަރަބިއްޔާއާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ،" ސައުދީ ރަސްގެފާނަށް ރައީސް ޔާމީނު ފޮނުއްވި މެސެޖާ ބެހޭ ގޮތުން ރައީސް އޮފީހުން އާއްމު ކުރި ހަބަރުގައި ވެއެވެ.

އެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއެކު ކަމަށާއި، މި އަމަލަކީ އެމަނިކުފާނު ނުހަނު ނަފްރަތު ކުރައްވާ އަމަލެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ސައުދީ އަރަބިއްޔާގައި މި ހިންގި ޓެރަރިޒަމްގެ ފިނޑި އަމަލު، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސައުދީ ސަރުކާރުން އިއްޔެ ބުނީ ހޫސީން ރިޔާޒަށް ދޭން އުޅުނު މިސައިލް ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ. އަދި އެހަމަލާގެ ޒިންމާ ސައުދީން ވަނީ އީރާނުގެ ބޮލުގައި އަޅުވާފަ އެވެ.

މިދިޔަ މެއި މަހު ވެސް ހޫސީން ވަނީ ރިޔާޒަށް މިސައިލް ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ފަހަރު ހަމަލާދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަށް ވަޑައިގަންނެވުމުގެ އެއް ދުވަސް ކުރިންނެވެ. އެ މިސައިލް ވައްޓާލީ ރިޔާޒާ 200 ކިލޯ މީޓަރު ދުރުންނެވެ.

ޔަމަނުގެ ހޫތީން ކުރިން ފޮނުވާލި މިސައިލްތައް ވެސް ސައުދީ ސިފައިން ވަނީ ވައްޓާލައިފަ އެވެ. ހޫތީންގެ އެއްވެސް މިސައިލެއް ސައުދީގައި މީހުން ދިރިއުޅޭ ހިސާބަކަށް އަރައިފައެއް އަދި ނުވެ އެވެ.