ހަބަރު

ޔޫކޭ ވަފުދުން އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފި

މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ވަފުދުން އިދިކޮޅު ޕާޓީތަކާ ބައްދަލުކުރައްވައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ބުނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ، ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނުގެ ފަރާތުން ވަޑައިގެންނެވި ނިކޮލަސް މެލާސްއާއި ފިލިޕް ޑިކިންސަން މިއަދު ގުޅިފައިވާ ޕާޓީތަކާ ބައްދަލުކުރެއްވި ކަމަށެވެ.

އިދިކޮޅު ހަރަކާތުގައި އުޅުއްވާ، ރައްްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ވަފުދުގެ ބޭފުޅުންނާ މަޝްވަރާ ކުރީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތާ ބެހޭ ގޮތުން ކަމަށެވެ.

ޔޫކޭގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފަައި މިވަނީ ޔޫރަޕިއަން ޕާލަމެންޓުން ފޮނުވި ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އޮކްޓޯބަރު މަހުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކުރި އެ ވަފުދުން އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރީ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހުއެވެ.

އީޔޫއާއެކު ހޮޓަލް ޖެންގައި ބޭއްވި އެ ބައްދަލުވުމުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ސިދާތާ ޝަރީފްއާ، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންއާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއާ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ މުހައްމަދު އަމީތު ހިމެނެ އެވެ.

އީޔޫއިން ރާއްޖެއަށް ވަދުފެއް ފޮނުވާފައި މިވަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާ ހިލާފު އަމަލުތައް ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނެ ރާއްޖޭގެ އިސްވެރިންގެ މައްޗަށް ފިޔަވަޅު އަޅައި، ޓޫރިސްޓުން ރާއްޖެ އައުމުން ދުރުހެލިވުމަށް ގޮވާލައި އީޔޫގެ ޕާލިމަންޓުން މިދިޔަ މަހު ގަރާރެއް ވެސް ފާސްކޮށްފައި ވަނިކޮށެވެ. މިއީ ރާއްޖެއަށް ފިޔަވަޅު އަޅަން އެޖަމާއަތުން ގޮވާލައި ފާސްކުރި ހަވަނަ ގަރާރެވެ.

އެ ގަރާރަށް އިންކާރު ކުރަމުން ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ އެއީ ވަކިކޮޅަކަށް ވަރަށް ބޮޑަށް ބުރަވެފައިވާ އެއްވެސް ހަގީގަތެއް ނެތް އަސްލު ހާލަތާ މުޅިން ހިލާފު ގަރާރެއް ކަމަށެވެ. އަދި އެގޮތަށް ގަރާރެއް ފާސްކުރުމަކީ ރާއްޖެ އަމަލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެ ގަރާރުގެ ސަބަބުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ފޮރިން މިނިސްޓްރީ އިން ދީފައިވެ އެވެ.