ހަބަރު

ނާޒިމަށް އިންސާފު ނުލިބޭތީ އެމެރިކާ އާއި އިނގިރޭސިން ކަންބޮޑުވެއްޖެ

ހަތިޔާރު ގެންގުޅުން ކަމުގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް އިންސާފު ލިބިފައި ނުވާތީ، އެމެރިކާ އާއި އިނގިރޭސިވިލާތުން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނާޒިމް ޖަލުގައި ހުންނަވާތާ 1،000 ދުވަސް ފުރުމާ ދިމާކޮށް، އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކާނަލް ނާޒިމް ހައްޔަރުކޮށްފައި ބަހައްޓަނީ ބައިނަލްއަގުވާމީ ދެ މުއާހަދާއަކާ ހިލާފަށް ކަމަށް ޔޫއެން ވޯކިން ގްރޫޕުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވާއިރު ވެސް ފާއިތުވި 1000 ދުވަހުވެސް ނާޒިމުގެ ހައްގުތައް އަދިވެސް ހުރި ހިފަހައްޓާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމު ޖަލުގައި ހުންނަވާތާ 1000 ދުވަސް ފުރުނުކަން ފާހަގަ ކުރަން އޭނާގެ ވަކީލު އަދި ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ކުރެއްްވި ޓްވީޓެއް ރިޓްވީޓް ކުރައްވަމުން އެމެރިކާ ސަފީރު އަތުލް ކެޝަޕް ވަނީ އިންސާފުވެރިކަމާއި އެކު ހެކީގެ މައްޗަށް ބިނާކޮށް ކުރާ ޝަރީއަތަކާއި ގާނޫނީ ހުކޫމަތުގެ ފައިދާ ނާޒިމަށް ކުރާނީ ކޮން އިރަކުންތޯ ސުވާލުކުރައްވާފައެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި މިހާރުގެ ސަރުކާރުގައި ވެސް ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމަކީ އެމެރިކާއާއި ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. އެގޮތުން އެމެރިކާ ސިފަައިންނަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށް ޓަކައި ސްޓޭޓަސް އޮފް ފޯސް އެގްރިމެންޓް (ސޯފާ) ގައި ސޮއިކުރަން މަސައްކަތް ކުރީ ނާޒިމްގެ ޑިފެންސް މިނިސްޓަރު ކަމުގަ އެވެ. ނަމަވެސް އޭރު ޑިފެންސް މިނިސްޓްރީގެ ތެރެއިން އެ އެގްރިމެންޓް ލީކުވެ، ސަރުކާރަށް ޕްރެޝާ ބޮޑުވެގެން އެކަން އޮތީ މަޑުޖެހިފަ އެވެ.

ނާޒިމް ހައްޔަރުކޮށްފައި ހުރީ ގައިރު ގާނޫނީ ގޮތެއްގައި ކަމަށް ބުނެ އޭނާ ވަގުތުން ދޫކޮށްލުމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނާޒިމުގެ އާއިލާއިން ވެސް އިއްޔެ ބުނެފައި ވަނީ ޖަލުގައި ހޭދަކުރި ކޮންމެ ދުވަހަކީ ވެސް ނާޒިމަށް ދިން އަނިޔާއެއް ކަމަށެވެ. އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް މެންދުރުގެ އިރު ފަދައިން ފާޅުވެފައިވާއިރު، ޝަރުއީ ނިޒާމުގެ ތެރެއިން ފަރުވާއެއް ނުލިބި ހިނގާ ކޮންމެ ހިނދުކޮޅަކީ އެކަމުގެ ސަބަބުން އޭނާ އާއި އާއިލާއަށް އަދި ދިވެހި ރައްޔިތުންނަށް ދޭ އަނިޔާއެއް ކަމަށެވެ.

ނާޒިމް ދިރިއުޅުއްވި ގޭގައި ފިސްތޯލައެއް އޮތީ އޭނާއަށް އެނގިވަޑައިގެން ކަން ބަލާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި އެ ފިސްތޯލައިގައި އޭނާގެ ފިންގަޕްރިންޓް އަދި ޑީއެންއޭ ފަދަ ނާޒިމާ ގުޅުވައިލެވޭނެ އެއްވެސް ގާނޫނީ ހެއްކެއް ނެތް ކަމަށް ވެސް އާއިލާއިން ބުންޏެވެ. އެކަމަކު ޝަރުއީ ނިޒާމުގެ ތެރެއިން ލިބެން ޖެހޭ ފުރުސަތުތަކުން މަހުރޫމުކޮށްގެން ޖަލު ބަންދުގައި ނާޒިމް ގެންގުޅުއްވާފައިވާކަން ފާހަގަ ކޮށްފައި ވެ އެވެ.

ނާޒިމް ޖަލަށް ލުމަށް ހުކުމް ވެސް ކުރި ފަހުން ފުލުހުން ވަނީ، އެ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ އެ ފިސްތޯލަ އާއި ނާޒިމާ ގުޅުމެއް ނެތް ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ކިޔައިދޭން ތައްޔާރަށް ހުންނެވި ކަމަށް ބުނެ އޭނާ ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ނަމަވެސް އެ ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ދިނުމަށް އާއިލާއިން ކަމާ ބެހޭ ފަރާތްތަކުގައި އެދުމުން ވެސް އެކަމަށް މުއައްސަސާތަކުން ވަނީ ބީރުކަންފަތެއް ދީފަ އެވެ.