އެމްއެމްޕީއާރްސީ

އޭޕްރީލްގައި ސްޕޭންގެ ބޮޑު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާނެ

ލަންޑަނުން: Mundoo Adam Halym
Nov 8, 2017

އަންނަ އޭޕްރީލް މަހުގެ ތެރޭގައި ސްޕޭންގެ ބޮޑު އެއާލައިނަކުން ރާއްޖެއަށް ޑައިރެކްޓް ޗާޓާ ދަތުރުތައް ފަށާނެ ކަމަށާއި އިތުރު ގައުމުތަކުގެ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަޝްވަރާތައްކޮށް ރަނގަޅު ހިސާބަކަށް އެ މަޝްވަރާތައް ގެންދެވިފައިވާ ކަމަށް އެމްއެމްޕީއާރްސީ އާއި އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި އެމްބެސަޑަރު އަހުމަދު ޝިއާން ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަން އެކްސެލްގައި ފަށައި ތިން ދުވަހުގެ މުދަތަކަށް ފަހު މިއަދު އިރުއޮއްސޭ ވަގުތު ނިންމާލާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެއިން ގާއިމްކުރި ސްޓޭންޑްގައި ދިވެހި ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމްބެސެޑަރު ޝިއާން އާއި އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓު ހާރިސް މުހައްމަ ވިދާޅުވީ މިފަހަރުގެ ފެއާގެ ތެރެއިން އައި މަޝްވަރާ ތަކުގެ ތެރެއިން ސްޕޭންގެ ބޮޑު އެއާލައިނަކުން ރާއްޖެއަށް ޓޫރިސްޓުން އުފުލަން ޝައުގުވެރިވެ އެކަން މިހާރު މުޅިން ފައިނަލް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެނަކަށް ނެތް އެއީ ކޮން އެއާލައިނެއް ކަން މީޑިއާއަށް ހާމަ ކޮށްލެވޭކަށެއް، އެކަމަކު އެއީ މިހާރު މުޅިން ނިމިފައިވާ ކަމެއް އަންނަ އަހަރުގެ އޭޕްރީލްގައި ދަތުރުތައް ރާއްޖެއަށް ފަށާނެ، އޭގެ ކުރިން ދެފަރާތުގެ ޖޮއިންޓް ޕްރެސް ރިލީޒެއް މެދުވެރިކޮށް ތަފުސީލްތައް އާންމު ކުރާނެ،" ޝިއާން ވިދާޅުވި އެވެ. "ކުރިން ވެސް ވާހަކަ ދެކެވެމުން އައީ އެކަމަކު މިފަހަރު މި ފައިނަލްވީ،"

ހާރިސް، އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ އެއާލައިނުން ތިބީ މިވަގުތު ވެސް ދަތުރުތައް ފަށާ ގޮތަށް ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ރަނގަޅު ތައްޔާރީތަކާއެކު އޭޕްރީލްގައި ދަތުރުތައް ފަށައި ތިން މަސް ދުވަސްފަހުން ފްލައިޓް އިތުރު ކުރުމާއެކު އިތުރު ގޮތްކަކާމެދު ވިސްނާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް، މިފަހަރު ހާސިލު ކުރެވުނު، އަދި މިއީ ދަނޑިވަޅުގައި ރާއްޖެއަށް ލިބުނު ފަހި ފުރުސަތެއް، މީގެ ސަބަބުން ރާއްޖޭގެ ޓޫރިސްޓް އެރައިވަލްސް އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއާލައިން ނޫނަސް ޔޫރަޕް ގިނަ އެއާލައިންތަކަކުން ރާއްޖެއަށް އުދުހެން މި ފެއާގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށް މަޝްވަރާތައް ކާމިޔާބީއަކާ ހަމައަށް ގެންދެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ޕޯޗްގަލްގެ އެއާލައިނެއް ވެސް ހިމެނޭ ކަމަށެވެ.

އޭޕްރީލް މަހު ރާއްޖެއަށް ދަތުރު ފަށަނީ ސްޕޭންގެ ކޮން އެއާލައިނަކުންކަން އެމްއެމްޕީއާރްސީ އާއި އެމްބެސެޑަރު ޝިއާން ވިދާޅު ނުވި ނަމަވެސް އެއީ ސްޕެނިޝް އެއާލައިން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މިއަދު ނިންމާލާ ޑަބްލިޔޫޓީއެމް ފެއާގައި ސްޕޭނިޝް އެއާއިލައިންގެ އިސް އޮފިޝަލުން ތަމްސީލު ކުރެއްވި އެވެ. މިހާރު ސްޕޭނިޝް ފްލައިޓެއް ރާއްޖެއަށް ޑައިރެކްޓް ދަތުރެއް ނުކުރެ އެވެ.