ވޯލްޑް ޓްރެވަލް މާކެޓް

ޑަބްލިޔުޓީއެމްގެ 72 ގަޑިއިރު: ބައްރުތަކުގެ ލޯ ރާއްޖެއަށް!

ލަންޑަނުން: Mundoo Adam Halym
Nov 8, 2017
3
  • 315 ގޮނޑިން ރާއްޖޭގެ ވާހަކަ ދުނިޔެއަށް
  • އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިފައިގެން އައި
  • މިއީ 32 އަހަރުގެ ތެރޭގައި އެންމެ ކާމިޔާބު ފެއާ

ހޯމަ ދުވަހު ހެނދުނު އިނގިރޭސިވިލާތުގެ ވިކްޓޯރިއާ ޑޮކްގެ އެކްސެލް ލަންޑަން، އޭޝިއާ، ޕެސިފިކް އަދި އިންޑިއަން އޯޝަން އަށް ހާއްސަ ކޮށްފައިވާ ސަރާސަރު ހޯލްގައި ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔޫޓީއެމް) ފަށައި މިއަދު ލަންޑަނަށް އިރު ފޮހުނު ވަގުތަށް ނިންމާލި އިރު ހޭދަވި 72 ގަޑިއިރުތެރޭ ދުނިޔޭގެ ބައްރުތަކުގެ ލޯ ރާއްޖެއަށް އަމާޒުވެ ރާއްޖެ އާއި އެމްއެމްޕީއާރްސީ ހެއްވާލައިފި އެވެ.

ދުނިޔޭގައި ޓޫރިޒަމްގެ ދާއިރާއިން ދެވަނައަށް ބާއްވާ އެންމެ ބޮޑު ފެއާ، ޑަބްލިޔުޓީއެމްއާ ބެހޭގޮތުން މި ފެއާގައި ލައިވް ކަވަރޭޖްގެ ހާއްސަ ކޯނަރަކާއެކު "ސީއެންއެން ޓްރެވަލް" ޕްރޮމޯޓް ކުރި އެމެރިކާގެ ސީއެންއެންގެ އެފްރިކާ ބައްރަށް ހާއްސަވެ ވަޑައިގެންފައިވާ އައިލްސާ ވިދާޅުވި ގޮތުގައި 72 ގަޑިއިރުގެ ތެރޭގައި އޭނާ އިމްޕްރެސްކޮށްލީ ދިވެހި ރާއްޖެއިނެވެ.

"ދިވެހި ރާއްޖޭގެ ވާހަކަ އަހަރެން އަޑު އަހަނީ، ސިޔާސީ ގޮތުން ރޯލާކޯސްޓާ ސިޓްއޭޝަނެއްގައި އޮންނަ ގައުމެއްގެ ގޮތުގައި، އެކަމަކު މި ފެއާގައި ރާއްޖެއިން ދިން މައުލޫމާތާއި ފެނުނު މަންޒަރުން އަހަރެން ވަރަށް ހައިރާންވި، އަހަރެން ފަދަ ކިތަންމެ މީހެއްގެ ޝައުގުވެރިކަން ކަލޭ މެންނާ ދިމާއަށް ގެންދިޔަ،" އައިލްޝާ ވިދާޅުވި އެވެ.

ސީއެންއެންއާއެކު ވިޔަފާރި އާއި ޓޫރިޒަމް އަދި ޓްރެވެލް ހަބަރުތައް ގެނެސްދީ އެނަލައިޒް ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރުވެ ވަޑައިގެންފައިވާ އިނގިރޭސިވިލާތަށް ނިސްބަތްވާ ރިޗަޑް ކްއެސްޓް ވަނީ ދެ ދުވަސް މަތިން މިފެއާއަށް ވަޑައިގެންފަ އެވެ. ރިޗަޑް ކްއެސްޓް ވިދާޅުވި ގޮތުގައި މާކުރިންސުރެ އޭނާއަށް ދިވެހި ރާއްޖެ އެނގި ވަޑައިގަންނަވަ އެވެ. ދެ ފަހަރެއްގެ މަތީން ރާއްޖެ ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވީ ރާއްޖޭގެ ރީތި ކަމުގެ ތައުރީފުތައް އެކިއެކި ލިޔުންތަކުން ފެނި ޓީވީ ޕްރޮގްރާމްތަކުން އަޑު އަހައިގެނެވެ.

"ކޮންމެވެސް ސަބަބެއް މެދުވެރިވެރިގެން އަހަންނަށް ރާއްޖެ ދެވޭގޮތެއް ނުވި. އެކަމަކު މިހާރު އުޒުރަކާއި ނުލައި ދިވެހި ރާއްޖެއަށް ދާން އަހަރެން ޝައުގުވެރިވެއްޖެ، ދިވެހި ރާއްޖެއަކީ ޓޫރިޒަމް ޑެސްޓިޝަނެއްގެ ގޮތުގައި އެއްވަނަކަން އަހަރެންގެ ހިތުގެ އަޑީން ގަބޫލު ކުރަން، އަހަރެން ހައިރާންވަނީ ކުޑަ އެއްޗަކުން ރީތި ބޮޑު އެއްޗެއް އުފައްދާފައިވާ ގޮތް،" ރިޗަޑް ކްއެސްޓް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ރަސްމީ ޝެޑިއުލަށް ލައިގެން މިއަހަރު ރާއްޖެ ތަމްސީލްކުރާ ފަހު އިވެންޓް، ޑަބްލިޔުޓީއެމް ލަންޑަންގައި މިއަދު ކާމިޔާބު ކަމާއެކު ނިންމާލިއިރު ރާއްޖެއިން ފެއާގައި ގާއިމްކޮށްފައި ވަނީ 276 ސްކްޔާ ފޫޓްގެ ސްޓޭންޑެކެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން އެއްތަނަކަށް އެއްކޮށްފައިވާ ސްޓޭންޑްގައި އެމްއެމްޕީއާރްސީގެ ފަހަތުން ރާއްޖޭގެ ޓޫރިޒަމްގެ އިންޑަސްޓްރީގެ 70 ޕާޓީއަކުން 200 އަށްވުރެ ގިނަ މީހުން ބައިވެރިވެ ރާއްޖެ އާއި ރާއްޖޭގެ ޓޫރިޒަމް ތަމްސީލް ކުރި އިރު ސްޓޭންޑްގެ އޮފިޝަލް ކޮންފަރެންސްގެ ކޮޓަރީގައި ހިމެނޭ 10 ގޮނޑި އާއި ދެ ފަންގި ފިލާގެ އެކި ބައިބަޔަށް ބަހާލައިފައި 315 ޖާގައިގައި 72 ދެ ގަޑިއިރު ވަންދެން ރާއްޖޭގެ ޓޫރިޒަމްގެ މައުލޫމާތު ދީފައި ވެއެވެ.

އަދި އޮފިޝަލް ކޮންފަރެންސް ކޮޓަރީގައި މެދު ނުކެނޑި ސަފު ހަދައިގެން 72 ގަޑިއިރު ވަންދެން ޓޫރިޒަމާއ ވިޔަފާރި އާއި އިންވެސްޓްމަންޓާއި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭގޮތުން ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރާއި އެމްއެމްޕީއާރްސީގެ އެކްން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި ރާއްޖޭގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި އެމްއެމްޕީއާރްސީގެ އޮފިޝަލުން މައުލޫމާތު ދެއްވި އެވެ.

"މިއީ ޑަބްލިޔޫޓީއެމްގެ ފެއާތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ކާމިޔާބު ފެއާ. މިފެއާ ފުރަތަމަ ދެ ދުވަސް ނިމުނު އިރުވެސް އޮތީ ރަނގަޅު ނަތީޖާއެއް ނެރެވިފައި، މިއަދު އެކަށް ނިންމާލާއިރު ކާމިޔާބީތަކެއް ރާއްޖެއަށް ހޯދިއްޖެ އެކަމާ އަޅުގަނޑު މިހުރީ ހިތްހަމަ ޖެހި އުފާވެފައި،" ހާރިސް ވިދާޅުވި އެވެ.

ހަތްދިހަ ދެގަޑިއިރުގެ އެ މަސައްކަތް ވެގެން ދިޔައީ މި ފެއާގައި ބައިވެރިވި 4500 އަށްވުރެ ގިނަ މަންދޫބުންނާއި ޒިޔާރަތް ކުރި މީހުންގެ ލޮލާއި ކަންފަތް ރާއްޖެއަށް ދޭން ޖެހުނު ސަބަބަށެވެ.

އެމްބެސެޑަރު އަހުމަދު ޝިއާން ވެސް ވަނީ ހާރިސް އަށް ތާއީދު ކުރައްވާފަ އެވެ. އޭނާވިދާޅުވި ގޮތުގައި ބާރު ބޮޑުވެގެން އެތައް ބައެއްގެ މީޓީން ކެންސަލް ވެގެން ދިޔައިރު ކާމިޔާބު ކަމާއެކު ރާއްޖޭގެ ވާހަކަ އެތައް ހާސް ބަޔަކަށް ކިޔައި ދެވުނެވެ.

"އަޅުގަނޑުމެން ހެޑް ޓް ހެޑް ކަނެކްޓް ވުމުން ފެއާގައި ވަރަށް ބޮޑަށް ކާމިޔާބު ހޯދިއްޖެ،" ޝިއާން ވިދާޅުވި އެވެ.

މުޅި ފެއާއަށް ބަލާއިރު އެންމެ ގަދަ އަޑަކީ އިންޑިއާ ފަދަ ގައުމުތަކެވެ. އެކަމަކު "އިންކްރެޑިބަލް އިންޑިއާ" ގެ ގޮތުގައި ޕްރޮމޯޓް ކުރިން ބޮޑު ގައުމުގެ ގަދަ އަޑުގެ މައްޗަށް ކުޑަ ކުޑަ ރާއްޖެއިން ހިޔަނި އަޅުވައިލި ކަމަށް ބުނަނީވެސް އެމީހުންނެވެ.

އެންމެ ގިނަ މީހުންނަށް ފެއާގައި ކަމުދިޔަ ކަމަށް ބެލެވެނީ ކޮންބައެއްތޯ އިންޑިއާގެ ކަރުނާޓަކާ ޕްރޮމޯޓް ކުރާ ސްޓޭންޑްގެ އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވީ "އެ ވާނީ ދިވެހި ރާއްޖެއަށް" ކަމަށެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ "އެއީ އާދަޔާހިލާފު ގައުމެއް" ކަމަށެވެ.

"ކަލެއަކީ ދިވެއްސަތަ؟" އޭނާ އެހި އެވެ. "ކަލެއަކީ ވެސް އަދި ކަލޭމެންގެ ގައުމުގެ މީހުންނަކީ ވެސް ނަސީބުވެރިން!"

ފެއާގައި ބައިވެރިވި އެމްއެމްޕީއާރްސީގެ އޮފިޝަލެއް ކަމަށްވާ ޝަފާ މުސްތޮފާ ވިދާޅުވި ގޮތުގައި ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރި މީހުންގެ ނަމްބަރު ސާފުވާނީ ފެއާގެ އޮޑިޓް ރިޕޯޓް ނިމުމުންނެވެ. އެކަމަކު ޔަގީނަށް ވެސް ފެއާއށްވަން މީހަކު ދިވެހި ރާއްޖެއަށް ބަލައި ނުލައި ގޮސްފައިވާނެ ހެނެއް ހީއެއް ނުވެއެވެ.

"މިއީ މުޅިން ތަފާތު ފަހަރެއް، ތަފާތު ވާހަކަ ދެކެވުނު އަހަރެއް، ތަފާތު ބޮޑުކޮށް ކާމިޔާބީ އައި ފަހަރެއް،" ޝަފާ ވިދާޅުވި އެވެ.

ރާއްޖެއިން މިއަހަރު ވަރަށް ގިނަ އާ އޮޕަރޭޓަރުންނާއި އާ ރިސޯޓްތަކުން ބައިވެރިވެ ރާއްޖޭގެ ފެންވަރު ދައްކާލުމުގައި ހިތްވަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ފުށިފަރު ރިސޯޓްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިޔާރު ވިދާޅުވި ގޮތުގައި ފެއާގައި ދެވެނު މައުލޫމާތުތަކުގެ ސަބަބުންނާއި ލިބުނު މެސެޖުތަކުގެ ސަބަބުން ކާމިޔާބު އިހުސާސް ކުރެއްވުނެވެ.

"ރާއްޖޭގެ ޕްރޮޑަކްޓަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑުވި، ގައުމުތަކުގެ ސުވާލު ގިނަވި، ހުށަހެޅުންތައް އައި، އިންވެސްޓަރުން ވެސް އައި، ވިޔަފާރި ހިފައިގެންވެސް އައި،" އެމްޑީ ހާރިސް ވިދާޅުވި އެވެ.

ހާރިސް ވިދާޅުވި ގޮތުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި މިފަހަރު ކާމިޔާބީ ހޯދައި އުފާ ލިބިގަންނަ އިރު ސްޕޭންގެ ބޮޑު އެއާލައިނަކުން އަންނަ އޭޕްރީލްގައި ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށަން ނިންމިއެވެ. އާ ދެ ޓްރެލްވެ އޮޕަރޭޓަރެއް ޔަގީންކުރެވި ޔޫރަޕްގެ އިތުރު އެއާލައިންތައް ރާއްޖެއަށް ދިމާއަށް އުދުހި ގަތުމަށް ވާހަކަ ފަށައި އަނގައިން އެއްބަސްވެވުނެވެ. ޕްރިމިއާ ލީގުގެ ސްޓާރުން ރާއްޖެ ގެންދެވޭނެ މަގު ފަހިވި އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ހައިއެންޑް ޕްރޮޑަކްޓްގެ ކާމިޔާބީ ހިއްސާ ކުރަން އެއޮއް ބޮޑު އިންޑިއާއިން އެދުނެވެ.

"މީގެ އިތުރުން ޔޫރަޕްގެ އެއް އިންވަސްޓަރަކު އައި އެއްބިލިޔަން ޑޮލަރުގެ އިންވެސްޓަމެންޓެއް ހިފައިގެން. އޭގެ ތަފުސީލް އަދި ހާމަކުރެވޭކަށް ނެތް، އެކަމަކު ޕްރޮސެސް ކުރިޔަށްދާ ވަރަކުން އެ ކަން އަޅުގަނޑު ހާމަ ކުރާނަން." ހާރިސްވިދާޅުވި އެވެ. "އެނޫނަސް ބައިވަރު، ވިޔަފާރީގެ ފުރުސަތުތައް ތަނަވެސްވި މިފަހަރ،"

ރާއްޖެ، މިފެއާ، ޑަބްލިޔޫޓީއެމްގައި ބައިވެރިވާތާ 32 އަހަރުވެފައިވާއިރު އެ ދިގު މާޒީގައި މުޅި ދުނިޔޭގެ ލޯ އަބަދުވެސް ރާއްޖެއަށް އަމާޒުވެ އެވެ. އެކަމަކު ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވީ މިއީ ފެށުމާއި ނިމުމާއި ހަމައަށްވެސް ދުނިޔޭގެ ބައްރުތަކުން އައި ފަސްހާހެއްހާ މީހުންގެ މީހުންގެ ލޯ ރާއްޖެއާ ދިމާއަށް މިނަށް ހުޅުވާލައިގެން ތިބި 72 ގަޑިއިރެވެ.

ފެއާ ނިންމާލި އިރު ސްޓޭންޑްގެ ބޭރުގައި ބަލަހައްޓައިގެން ހުންނެވި އިނގިރޭސި ވިލާތުގައި މިވަގުތު ދިރިއުޅުއްވާ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ގާތުގައި ފެއާ ކިހިނެއްތޯ ސުވާލު ކުރުމުން ވިދާޅުވީ މިހެނެވެ:

"ދެން ރާއްޖެ ވަރަށް ސަޅި ނޫންތޯ؟"