ހަބަރު

ގަލްފްގެ ނުތަނަވަސްކަމާ އެކު ރާއްޖޭގެ ދެ މިނިސްޓަރަކު އެ ސަރަހައްދަށް

ސައުދީ އަރަބިއްޔާއަށް ބޮޑު އިންގިލާބެއް ގެނައުމުގެ ސަބަބުން ގަލްފު ސަރަހައްދަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެފައި ވަނިކޮށް ރާއްޖޭގެ އިސް ދެ މިނިސްޓަރަކު ސައުދީއަށާއި އެ ސަރަހައްދުގެ މުހިންމު ގައުމުތަކަށް ވަޑައިގެން އެ ގައުމުގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވަމުން އެބަ ގެންދަވަ އެވެ.

ފިޝަރީޒް މިނިސްޓަރު އަދި އެކި އެކި ހާއްސަ މައްސަލަތަކުގައި ރައީސް އަބުދުﷲ ޔާމީނުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. މުހައްމަދު ޝައިނީ މިވަގުތު ވަޑައިގެން ހުންނެވީ ސައުދީ އަރަބިއްޔާގަ އެވެ. އޭނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސައުދީގައި ހުންނަވާ ރާއްޖޭގެ ސަފީރު އަބުދުﷲ ހަމީދާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސަޑަރާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ދިވެހި ސަރުކާރުގެ އިސްވެރިއަކު އެ ގައުމަށް ވަޑައިގަތް އިރު ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ އުފެއްދެވި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އާ ކޮމިޝަނުން އިން ވަނީ ޝާހީ އާއިލާގެ މުހިންމު 11 ބޭފުޅަކާއި ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރުކޮށް ހިޔާނާތާ ގުޅޭ ތަހުގީގެއް ފަށައިފަ އެވެ. އެކަމާ ގުޅިގެން ސައުދީގެ ޝާހީ އާއިލާ އާއި ގަލްފް ސަރަހައްދަށް ވަނީ ބޮޑު ހަލަބޮލިކަމެއް ކުރިމަތިވެފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ސައުދީ އަރަބިއްޔާއަށް މަދަދުދޭ ސަރަހައްދީ ބައެއް ގައުމުތަކުގެ ވެރިންނަށް މިދަނޑިވަޅުގައި އެގައުމުން ވަރަށް ބޮޑެތި ނުފޫޒުތައް ފޯރުވަމުން ދިއުމެވެ. އެގޮތުން ލުބުނާނުގެ ބޮޑުވަޒީރު ސައުދު ހަރީރީ ވަނީ މަގާމު ދޫކޮށްލައްވައި ސައުދީއަށް ވަޑައިިގެންފައެވެ. ސައުދާއި އޭނާގެ ބައްޕާފުޅު ރަފީގު ހަރީރީއަކީ ސައުދީގެ ރަށްވެހިކަން އޮންނަ، އެގަމުގެ މަދަދު ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. ރަފީގުލް ހަރީރީ ވަނީ ކުރިން އަވަހާރަވެފައެވެ.

ލުބުނާނުގައި އަޣުލަބިއްޔަތު އޮންނަނީ ޝިޔައީންނަށް ކަމަށް ވިޔަސް ސުންނީ އާއިލާއެއް ކަމަށްވާ ހަރީރީ އާއިލާއަށް އެގައުމުގެ ސިޔާސީ ދާއިރާގައި ބާރު ހޯދައިދިނީ ސައުދީންނެވެ. ސައުދީން ވަނީ ދާފި ފަހުން ހަރީރީގެ ސަރުކާރަށް އެއް ބިލިޔަން ޑޮލަރުގެ ހަތިޔާރު ދިނުމަށް އެއްބަސް ވެފައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަޑައިގެން ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައެވެ. ސައީދު ވަނީ އެ ގައުމުގެ ބައެއް މިނިސްޓަރުންނާ ވެސް އިއްޔެގެ ވަގުތެއްގައި ބައްދަލު ކުރައްވައިފަ އެވެ. އެގައުމަކީ ޔަމަނުގައި ހޫސީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސައުދީން އެކުލަވައިލި އިއްތިހާދުގެ ދެވަނައަށް އެންމެ މުހިއްމު ގައުމެވެ. އެގައުމާ ޖެހުނު މައްސަލައެއްގައި ޔަމަނުގެ ރައީސް އަބުދުއް ރައްބު މަންސޫރު ހާދީއާއި އޭނާގެ ބައެއް މިނިސްޓަރުން މިހާރުވެސް ތިއްބެވީ ސައުދީގައި ގޭ ބަންދުގައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކަމަާށް ބުނެ ސައުދީ ސަރުކާރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޝާހީ ހާންދާނުގެ އެތައް ބޭފުަޅުންނަކާއި ބައެއް ވަޒީރުން ހަައްޔަރުކޮށްފައެވެ. އެކަމުގެ ތެރޭގައި ބައެއް އަމީރުން އަވަހާރަވި ކަމަށް ހަބަރު ވަނީ ފެތުރިފައެވެ. އެ ފިޔަވަޅަކީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދުގެ ދަރިކަލުން އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުގެ ބާރު ގަދަކުރެއްވުމަށް އެޅި ފިޔަވަޅުތަކެއް ކަަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.

ބެލެވޭ ގޮތުގައި ސައުދީއަށް މިހާރު ގެންނަމުންދާ އާދަޔާ ހިލާފު ބަދަލުތަކާ މެދު އެގައުމަށް ތާއީދުކުރާ ގައުމުތަކާ ސައުދީ ސަރުކާރުން މަޝްވަރާ ކުރާނެ އެވެ.