ހަބަރު

ސައުދީގެ ބަދަލަށް ތާއީދުކުރަން، ރާއްޖެއަށް ދިން އެހީއަށް ވީގޮތް ބަލައިދީ: އެމްޑީޕީ

ސައުދީ އަރަބިއްޔާ ޒަމާނީކޮށް ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް އެގައުމުން ކުރާ މަަަަސައްކަތަށް ތާއީދު ކުރާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އިން ބުނެފިއެވެ.

އިއްޔެ ނެރުނު ބަޔާނުގައި ސައުދީގެ ބަދަލުތަކަށް ތާއީދު ކުރުމަށް ފަހު އެމްޑީޕީން ގޮވާލާފައި ވަނީ އެގައުމުން ރާއްޖެއަށް ދިން އެހީއަށް ހިޔާނާތްތެރި ވެފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ދިނުމަށެވެ.

"... ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސް ނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށް ގެންދާ މަސައްކަތްތަށް ތާއީދު ކުރުމާ އެކު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެދެނީ ދިވެހިރާއްޖޭގެ ތަރައްގީއަށް ސައުދީ އަރަބިއްޔާއިން ދީފައިވާ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެހެންވެ ރާއްޖޭގެ އިގުތިސާދަށް ފައިދާ ކުރަނިވި ކަންކަމަށް އެފައިސާ ނުލިބިވާ ކަމަށް ކުރެވޭ ތުހުމަތުތައް ބެލުމަށެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިސްލާމީ މެދުމިނުގެ އުސޫލްތައް ގެންނަވާނެ ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާނު ކުރެއްވުމަށް ފަހު އަންހެނުންނަށް ބައެއް ކަންކަމުގައި ލުއިތައް ދީ އިތުރު ހައްގުތައް ދޭން ވަނީ ނިންމާފަ އެވެ. އެމްޑީޕީން ބުނީ އެ ނިންމުންތަކަށް ތާއީދުކުރާ ކަމަށާއި އެއީ އެމްޑީޕީގެ ވެސް ސިޔާސަތު ކަމަށެވެ.

ތެލަށް ބަރޯސާކުރާ މިންވަރު ކުޑަކޮށް އޮންނަ އިގްތިސާދު ފުޅާ ކުރަން ސައުދީން ކުރާ މަސައްކަތަށް ވެސް އެމްޑީޕީން ވަނީ މަރުހަބާ ކިޔާފައެވެ. މަސައްކަތްތައް ވެސް ފަށަން ނިންމާފައި ވާތީ އެކަމަށް ވެސް އެމްޑީޕީން މަރުހަބާ ކިޔާފައިވެ އެވެ.

ޔަމަނުގެ ހަނގުރާމަވެރިން ސައޫދީއަށް ދިން ހަމަލާ ކުށްވެރި ކުރަމުން އެމްޑީޕީން ބުނީ ސައޫދީއަށް ވެސް އަމިއްލަ ވަޒަން ދިފާއުކުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދުނިޔޭގެ ބޮޑެތި މުއްސަންދިންގެ ތެރޭގައި ގުނައިލެވޭ ޕްރިންސް ވަލީދު ބިން ތަލާލު ހިމެނޭ ގޮތުން ޝާހީ އާއިލާގެ ބައެއް މެމްބަރުން ދާދި ފަހުން ވަނީ ކޮރަޕްޝަނުގެ ތުހުމަތަށް ހައްޔަރުކޮށްފަ އެވެ.