ވިޔަފާރި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 22 ބައިވެރިން ފުރިހަމަކޮށްފި

  • މިހާތަނަށް 180 އަށްވުރެ ގިނަ ކުދިން ނިންމި
  • މި ޕްރޮގްރާމުން ވަޒީފާގެ ފުރުސަތު ޔަގީންވޭ
  • ގިނަ ހުނަރުތަކެއް ދަސްކޮށްދޭ، ޕްރޮގްރާމެއް

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ، އެޕްރެންޓިސްޝިޕް ޕްރޮގްރާމު 22 ބައިވެރިން ފުރިހަމަކޮށްފި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެރިވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ/ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

ދަސްވެރިންނަށް ލިޔުން ހަވާލުކޮށްދެއްވުމަށްފަހު، މިނިސްޓަރު ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި މިއަދު ޒުވާނުންނާއި އިންޓަނެޓު ވަނީ މުހިންމު ގުޅުމަކުން ގުޅިފައިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އިނގިރޭސިވިލާތުގައި ހެދި ދިރާސާއެއް. ދުނިޔެ އިން ތަރައްގީ އަށް އެންމެ ބޭނުންވާ ހަތަރު ކަންތަކަކީ ކޮބައިހޭ؟ ހެދުމުން ވަނީ އިންޓަނެޓަކީ ދުވާލުގެ އަލިކަމަށްވުރެވެސް މުހިންމު ކަމަކަށް. ގާތްގަނޑަކަށް 60 އިންސައްތަ ވަނީ މުހިންމު އެއްޗެއް ގޮތުގައި ފާހަގަކޮށްފަ. ރާއްޖޭގައި ވެސް އިންޓަނެޓުގެ ގުޅުންތެރިކަން ތަރައްގީވެ، އިތުބާރު ހުރި ވަސީލަތަކަށް ވަނީ ވެފައި،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މިހާރު ޒުވާނުން ތަމްރީން ކުރުމުގައި ގެންގުޅެވެނީ އިންޓަނެޓު ބޭސް އެޑިއުކޭޝަނެއް ކަމަށެވެ.

"ވޮކޭޝަނަލް އެޑިއުކޭޝަންގައި 2014 ގެ ކުރިން ރާއްޖޭގައި ތަމްރީން ކުރެވުނީ 52 ކުދިން. ނަމަވެސް 2014 ގެ ފަހުން އަތޮޅުތަކާ ހަމައަށް ފޯނުކޮށްދެވިގެން އިންޓަނެޓު މެދުވެރިކޮށް އިރާދުކުރެއްވިއްޔާ މިހާރު 6،500 ކުދިންނަށް ފޯރުކޮށްދެވިފައިވަނީ. މިސާލަކަށް ފާމަސީ އެސިސްޓެންޓުގެ ގޮތުގައި ތަމްރީން ކުރެވުނު ހުރިހާ ކުދިންނަކީވެސް އެކުދިންގެ އާއިލާ ކައިރީގައި ތިބެގެން ތަމްރީން ކުރެވުނު ކުދިން،" މިނިސްޓަރި ވިދާޅުވި އެވެ.

ވޮކޭޝަނަލް އެޑިއުކޭޝަންގައި 2014 ގެ ކުރިން ރާއްޖޭގައި ތަމްރީން ކުރެވުނީ 52 ކުދިން. ނަމަވެސް 2014 ގެ ފަހުން އަތޮޅުތަކާ ހަމައަށް ފޯނުކޮށްދެވިގެން އިންޓަނެޓު މެދުވެރިކޮށް އިރާދުކުރެއްވިއްޔާ މިހާރު 6،500 ކުދިންނަށް ފޯރުކޮށްދެވިފައިވަނީ. މިސާލަކަށް ފާމަސީ އެސިސްޓެންޓުގެ ގޮތުގައި ތަމްރީން ކުރެވުނު ހުރިހާ ކުދިންނަކީ ވެސް އެކުދިންގެ އާއިލާ ކައިރީގައި ތިބެގެން ތަމްރީން ކުރެވުނު ކުދިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ އެންމެ މުހިންމު ބައި ކަމަށްވާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭ ގޮތުން، އެ ކުންފުނީގެ ސީއީއޯ/ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވިދާޅުވީ މި ޕްރޮގްރާމްއަކީ ވަރަށް ކާމިޔާބު އަދި މި ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށް ވަޒީފާގެ ފުރުސަތު 100 ޕަސެންޓް ޔަގީންވާ ޕްރޮގްރާމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމަކީ އެ ކުންފުނިން އެންމެ އިސްކަމެއްދޭ އެއް ކަންތައް ކަމަށާ، ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދިރާގު ހިއުމަން ރިސޯސް ޑިޕާޓްމަންޓް (އެޗްއާރު) މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދިރާގުގެ ހުރިހާ ޑިޕާޓްމަންޓަކުން އެހީވެދޭ. ދިރާގު ބޭރުގެ މަލްޓިނޭޝަނަލް ކުންފުނިތަކާ ވާދަކޮށް ކުރި ހޯދަނީ ދިވެހިންނާއެކު. އެހެންވެ ދިރާގުން އެންމެ އިސްކަމެއްދޭ ކަމެއް ދިވެހިން ތަމްރީން ކުރުން. ދިވެހި ޒުވާނުން ތަމްރީން ކުރުން. އެއީ ދިރާގުގެ ޕެޝަނެއްގެ ގޮތުގައި ކުރާކަމެއް،" އިސްމާއިލް ވިދާޅުވި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދިރާގުގެ ހުރިހާ ޑިޕާޓްމަންޓަކުން އެހީވެދޭ. ދިރާގު ބޭރުގެ މަލްޓިނޭޝަނަލް ކުންފުނިތަކާ ވާދަކޮށް ކުރި ހޯދަނީ ދިވެހިންނާއެކު. އެހެންވެ ދިރާގުން އެންމެ އިސްކަމެއްދޭ ކަމެއް ދިވެހިން ތަމްރީން ކުރުން. ދިވެހި ޒުވާނުން ތަމްރީން ކުރުން. އެއީ ދިރާގުގެ ޕެޝަނެއްގެ ގޮތުގައި ކުރާކަމެއް،"
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމު 22 ކުދިން ފުރިހަމަ ކުރިއިރު، މި އަހަރު 19 ކުދިންނާއެކު އާ ބެޗެއް ވަނީ މަސައްކަތް ފަށާފަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް ހާއްސަ އެލަވަންސެއް ލިބޭ ގޮތަށް، މަސައްކަތުގެ ތަޖުރިބާއާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ސެޝަންތައް ނަގައިދެނީ، ދިރާގުގެ މެނޭޖަރުންނާއި ޑިޕާޓްމަންޓުތަކުގެ ހެޑުންނެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މިހާތަނަށް 186 ކުދިން ވަނީ ފުރިހަމަކޮށްފަ އެވެ. އޭލެވަލް ތިން މާއްދާއިން ފާސްވާ އުމުރުން 18-25 އަހަރުގެ ކޮންމެ ޒުވާނަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.