މީހުން

ދައުލަތުގެ ހަޒާނާ ބެލެހެއްޓުމުގައި 27 އަހަރު

މިހާރު މިއުޅޭ ޒުވާނުން އެއް ދުވަހު ވަޒީފާ އަށް ނުކުތްނަމަ، އަނެއް ދެ ދުވަހު ހުންނާނީ ސަލާމުގަ އެވެ. ވަޒީފާގެ ޒިންމާ އަދަދެއް ނުކުރާނެ އެވެ. ދެން އޮތީ އިހުލާސްތެރިކަމާއި ތެދުވެރިކަމެވެ. ވަޒީފާ އަދާ ކުރާ ތަނަށް އިހުލާސްތެރިކަމެއް ނެތި ހިޔާނަތްތެރިވުމުން އެންމެ ފަހުން ޖެހޭނީ އެ މީހަކު ވަޒީފާ އިން ވެސް ވަކި ކުރާށެވެ. ނަމަވެސް މީގެ ޒަމާންގަނޑެއް ފަހަތަށް ދާއިރު، އޮތީ މުޅިން ތަފާތު ވާހަކަ އެކެވެ. ވަޒީފާއެއް ދީފިނަމަ ތެދުވެރިވާނެ އެވެ. ވެރިޔާ އަށް ވަފާތެރިވާނެ އެވެ. ވަޒީފާ އަށް އިހުލާސްތެރިވާނެ އެވެ. މަސައްކަތް ކުރަނީ ވެސް ހަމަ ކުރާ ހިތުންނެވެ. އެ ފަދަ އެއް މިސާލަކީ މިހާރު އުމުރުން 66 ގެ އަހަރުތައް ގުނަމުން ގެންދާ، މުހައްމަދު ހާޝިމް އެވެ.

ހާޝިމް އެންމެ ފުރަތަމަ ވަޒީފާ އަށް ނުކުންނެތީ އުމުރުން އެންމެ 18 އަހަރުގަ އެވެ. އެއީ އޭރު އޭނާގެ އެންމެ ފުރާވަރެވެ. އެއީ 1974 ވަނަ އަހަރެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ ރައްޔިތުން މަޖިލީހުގަ އެވެ. ކާތިބެއްގެ ވަޒީފާ އެވެ. އޭރު ކުރަން ޖެހޭ ކަމަކީ ރައްޔިތުން މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތައް އަކުރުން އަކުރަށް ލިއުމެވެ. ރެކޯޑު ކުރެވޭނެ ވަސީލަތެއްހާ ހިސާބުވެސް ނެތް އެ ޒަމާނުގައި ހާޝިމް އެ މަސައްކަތް ކުރެއްވީ މެންބަރުންގެ ވާހަކަތައް ވަގުތުން ވަގުތަށް ލިޔުއްވައިގެން އެވެ. މެންބަރުންގެ ވާހަކަތައް ލިޔުއްވުމަށް ފަހު، ޔައުމިއްޔާ ތައްޔާރު ކުރެއްވުމަކީ އޭރު އޭނާގެ ޒިންމާ އެވެ.

"އޭރު އެންމެ ބުރަ ކަމަކީ މެންބަރުން ވާހަކަ ދައްކާއިރު ލިޔުން. ހުރިހާ މެންބަރުން ދައްކާ ވާހަކަ ލިޔަން ޖެހޭ. އެހެންވެ މައިގަނޑު ވާހަކަތައް ލިޔަނީ. ލިޔެފައި ގުޅުވާލަނީ،" ފުރަތަމަ ވަޒީފާގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ހާޝިމް ވިދާޅުވި އެވެ.

ފައިސާ ގުނުމުގައި 27 އަހަރު

މަޖިލީހުގައި އުޅުއްވުމަށް ފަހު ބަދަލުވީ ރާއްޖޭގައި ކުރާ ކައިވެނިތަކާއި ވަރިތައް ރަޖިސްޓްރީ ކޮށްދޭ ސެކްޝަނަށެވެ. އެއަށް ފަހު އުޅުނީ އިސްލާމީ ކަންތައްތަކާ ގުޅޭ ދައުލަތުގެ އިދާރާގައިވެސް ވަޒީފާ އަދާކުރެއްވި އެވެ. ދެން އެއަށް ފަހު ވެލްފެއާ ޑިވިޝަނަށެވެ. އެ ހުރިހާ ތަޖުރިބާއަކަށް ފަހު ސަރުކާރުން ނިންމީ އޭނާ ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރާށެވެ. އެ މިނިސްޓްރީގެ ޕެންޝަނާ ބެހޭ ބަޔަށެވެ. ދެން ބަދަލު ކުރީ، މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށެވެ. އޭރު އެ ތަނުގެ ވެރި އަކަށް ހުންނެވީ މަޝްހޫރު ސިންގަޕޫރު މަނިކުފާނެވެ. މިއީ އޭނާގެ މަސައްކަތުގެ މައިދާނުގެ ބޮޑު ފެށުމެކެވެ.

"އިސްމާއިލް ފަތުހީ ވިދާޅުވީ އެމްއެމްއޭ އަށް ބަދަލުވެވިދާނެ ހޭ؟ ފުރަތަމަ ވާހަކަ ދެއްކީ ކޭޝި އަރަކަށް ބަދަލު ކުރަން. ނަމަވެސް ފަހުން ގެންދިޔައީ އެސިސްޓެންޓް ކޭޝިއަރަކަށް. ބުނީ ކޭޝިއަރަކަށް ބަދަލު ކުރާނީ ފަހުންނޭ. އަޅުގަނޑާ ހަވާލުކުރީ ފައިސާ ބެލެހެއްޓުން. އެމްއެމްއޭ އަށް ވަންނަ ފައިސާ ބަލަހައްޓަން ޖެހެނީ. އެމްއެމްއޭގައި ހުންނަ ތިޖޫރީ ބަލަހައްޓަނީ،" ހާޝިމް ވިދާޅުވި އެވެ.

އެ ވަޒީފާގައި، ހާޝިމްގެ މައިގަނޑު މަސައްކަތަކީ ކޮންމެ ދުވަހަކު މަރުކަޒީ ބޭންކަށް ވަންނަ ފައިސާ ގުނުމެވެ. އަދި އެ ފައިސާ މަރުކަޒީ ބޭންކުގެ ތިޖޫރީގައި ރައްކާ ކުރުމެވެ. އެ މަސައްކަތުގައި ހާޝިމް 27 އަހަރު ހޭދަކުރި އެވެ. މި ދުވަސްތަކުގައި ދައުލަތުގެ ހަޒާނާ އަށް ފައިސާ ގިނަވާ ދުވަސްތައް ދިޔަ އެވެ. އަދި ހަޒާނާގެ ތަޅުދަނޑި ގޭގައި ބާއްވަން ޖެހޭ ކިތަންމެ ދުވަހެއް ދިޔަ އެވެ. އެކަމަކު އޭނާގެ އިހުލާސްތެރިކަމެވެ.

ސަރުކާރަށް 47 އަހަރުގެ ހިދުމަތް

"ކުރީ ޒަމާނުގައި އެހާ ފައިސާ ގިނަ އެއް ނޫން. އެކަމަކު އޭރު ވެސް އަތްމަތީގައި 200 މިލިއަން ނޫނީ 300 މިލިއަން ރުފިޔާ ވަރު ގެންގުޅެން ޖެހޭ ދުވަސްވެސް ދޭ. އޭރަކު ކެމެރާ އެއް ނުހުންނާނެ. މަދު ވިއަސް އަޅުގަނޑު ޒިންމާ ވާން ޖެހޭނީ. އެކަމަކު ދުވަހަކު ވެސް މައްސަލައެއް ނުޖެހޭ،" އެމްއެމްއޭގެ ކޭޝިއަރެއްގެ ވަޒީފާ ވެސް އަދާ ކުރެއްވި، ހާޝިމް ވިދާޅުވި އެވެ.

އޭނާ މި ވަޒީފާގައި އުޅުއްވީ އުޅޭ ހިތުންނެވެ. ހަޔާތުގެ ގިނަ ކަންތައްތަކެއް ގުރުބާން ކުރުމަށް ފަހު އެވެ.

"ތިޖޫރީގެ ހުރިހާ ތަޅުދަނޑި ތަކެއް ހުންނަނީ ހަވާލުކޮށްފަ ގޭގައި. އެހެންވެ އެއް ގަޑިއިރުން ނުދެވޭ ހިސާބަށް ވުރެ ދުރަށް ދިއުމަކީ ވެސް މަނާ ކަމެއް. އެހެންވެ ސަލާމެއް ނުބުނެވޭ. ބަލި ވިއަސް ބޭސް ކާލައިގެން ވަޒީފާ އަށް ނުކުންނަނީ. އިރާދުކުރެއްވިއްޔާ ބޮޑު ބަޔެއް ވެސް ނުވޭ. ސަލާން ބުނާނަމަ އެ ބަޖެހޭ ތިޖޫރީތަކުގެ ކޮމްބިނޭޝަން ދަސްކޮށްދޭން އެހެން މީހަކަށް. އެކަން ކުރަން ޖެހޭނެ ނުކުންނަން. އެގޮތަށް ނުކުމެއްޖެނަމަ އެ ދުވަސް އެދިޔައީ. އެހެންވެ ސަލާމެއް ވެސް ނުބުނަން. ޗުއްޓީ ނަގާނަމަ ދުރާލާ އެކަން ކުރަނީ،" ހާޝިމް ވިދާޅުވި އެވެ.

ސަލާމެއް ނުބުނެ، ގަޑިއެއް ނުޖެހެ

ހާޝިމް އެމްއެމްއޭގައި މަސައްކަތް ކުރެއްވި 27 އަހަރާއެކު ސަރުކާރަށް 47 އަހަރު ހިދުމަތް ކުރައްވާފަ އެވެ. ދެ ޕެންޝަނާއެކު ސަރުކާރުގެ ވަޒީފާ އިން މުސްކުޅި ކުރެއްވިއިރު އޭނާއަކީ އެންމެ ވަފާތެރިޔާ އެވެ. އެހެން މީހުންނަށް މިސާލު ދެއްކެވި ބޭފުޅެކެވެ. ދުވަހަކު ވެސް ގަޑި ޖެހި ފައެއް ނުވެ އެވެ.

މި ދުވަސްތަކުގައި ނުރައްކާތެރި ދުވަސްތަކާ ދިމާވި އެވެ. ރާއްޖޭގެ ފަސް ރައީސުންނާ ބައްދަލު ވެއްޖެ އެވެ. ރާއްޖޭގެ ތާރީހުގެ ހުރިހާ މުހިންމު ދުވަސްތަކުގެ ތަޖުރިބާ ކުރެއްވި އެވެ. ނަމަވެސް އެންމެ ބިރުވެރި އެއް ހާދިސާއަކީ "ބޮޑު ބުރާސްފަތި" ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމާ ދެކޮޅަށް ބަގާވަތް ކުރި އެ ދުވަހު ވެސް ހާޝިމް ވަނީ އެ ދުވަހު ކައިވެނި ކުރި މީހުންގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓާފަ އެވެ. ދެން އެންމެ ފާހަގަ ކޮށްލެވުނު ދުވަހަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަސް ކަމަށް ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވަނީ މިހާރުގެ ކުދިންނަށް ރަނގަޅު މިސާލެއް ދައްކާފަ އެވެ. އަދި އޭނާ ވަނީ މިހާރުގެ ޒުވާނުންނަށް މެސެޖެއް ވެސް ދެއްވާފަ އެވެ. އެ މެސެޖަކީ ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރުމެވެ. ހިޔާނާތްރި ނުވުމެވެ.

"ބޭކާރު ހުސް ވަގުތު ނުނަގައި ވަޒީފާއެއްގައި އުޅެން ވާނީ. އެހެން ނޫނީ ހަގީގަތުގައި އެ މީހަކަށް މުސާރަ ވެސް ހަލާލެއް ނުވާނެ. ހިޔާނާތެއް ރިޝްވަތެއް ނެތި ވަޒީފާ އަދާކުރަން ޖެހޭނީ. ގަޑިޖެހުމާއި ހުސް ވަގުތު ބޭކާރުކޮށް ނެގުމަކީ ވެސް ހަގީގަތުގައި ހިޔާނާތެއް."

މުސްކުޅި ބަހެއްގައި އޮވެ އެވެ. އަތުގައި ހޭކުނީއްޔާ އޮންނާނީ ދަތުގައިވެސް ހޭކިފަ އެވެ. އެކަމަކު ހާޝިމް ތަފާތެވެ. ދައުލަތުގެ ހަޒާނާ އޭނާގެ އަތުގައި 27 އަހަރު ހޭކުނެވެ. އެކަމަކު އޭނާގެ ދަތަކު ނުހޭކެ އެވެ. ދުވަހަކުވެސް ހިޔާނާތެއް ނުވެ އެވެ. ސަރުކާރުން 47 އަހަރު ހޭދަކޮށް ވަކިވީ އިހުލާސްތެރިކަމާއެމުގައެވެ.