މިއުޒިކް

ރަން ޒަމާނުގެ ތަރިން "ރަންޒަމާނާ"އެކު އޮލިމްޕަހަށް

އަބްދުﷲ ރަމީޒާއި މަހްމޫދާ ޝަކީބާއި ފާތިމަތު ރައޫފާއި އަބްދުއްރައޫފާއި ޝަފީގާ އާއި އަލީ މޫސާ އާއި މުހައްމަދު މަނިކާއި މުހައްމަދު މޫސާ ދީދީ، އެކްސޭ އާތިފް، އިބްރާހިމް ހަމްދީމެން ފަދަ ތަރިންގެ ލަވަތައް މިއަދުވެސް ފަނޑުވުމެއްނެތި ވިދަ އެވެ. މިއަދުވެސް އެ ފަންނާނުން މަގުބޫލެވެ. އެ ފަންނާނުންގެ އަޑު އިވޭނެ އިރަކަށް އިންތިޒާރު ކުރެ އެވެ.

"ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއާއި، އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) ގުޅިގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ފަންނާނުންގެ ހާއްސަ ޝޯއެއް ވަނީ ބާއްވާފަ އެވެ. ގިނަ ބައެއްގެ ތަރުހީބު ލިބުނު އިރު އެ ޝޯއަށް ނުދެވި އަދި އެއް ފަހަރު ޝޯ އެއް ބޭއްވުމަށް އެދުނު މީހުންވެސް މަދެއް ނޫނެވެ. އެހެން ކަމުން "ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" އިން މިވަނީ އަނެއްކާވެސް އިތުރު ޝޯއެއް އިންތިޒާމްކޮށްފަ އެވެ.

"ރަން ޒަމާން" ނަމުގައި އެ ޝޯ ބާއްވާނީ އަންނަ މަހު ހަތެއް އަދި އަށެއް ގައި އޮލިމްޕަހުގަ އެވެ. ކުރީގެ ފަންނާނުން އަދި މިހާރުގެ ފަންނާނުންނާއެކު ޖުމްލަ 23 ފަންނާނުން އެ ޝޯގައޮ ފެނިގެންދާނެ އެވެ. ބުކިން ހެއްދުން ވެސް ވަނީ ހުޅުވާލާފަ އެވެ.

އެ ޝޯއަށް ހާއްސަކޮށް ވެބްސައިޓެއް ލޯންޗުކުރުމުގެ އިތުރުން ސްވެނިއާ ޓީޝާޓުވެސް ވިއްކާނެ އެވެ. އަދި ކުރީގެ ފަންނާނުންގެ ބަޔޯގްރަފީ މެގަޒިން އެއްވެސް ނެރެން ވަނީ ނިންމާފަ އެވެ. އެ މެގަޒިން ނެރޭނީ މި މަހު ނުވަތަ އަންނަ މަހުގެ ފަހުކޮޅެވެ. މި ޝޯއިން ލިބޭ ރެވެނިއުގެ 10 ޕަސަންޓު ހަދިޔާ ކުރަން ނިންމާފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.

ޝޯގެ ޕާޓްނަރުންނާއެކު މިހާރު ސޮއިކޮށްފި އެވެ. އެގޮތުން އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. ސައުންޑް އެންޑް ލައިޓްސް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ އިވެންޓް މޯލްޑިވްސް އެވެ. ޗެރިޓީ ޕާޓްނާ އަކަށް ކެންސާ ސޮސައިޓީ، މީޑިއާ ޕާޓްނާ (ޓީވީ) އަކަށް ރާއްޖެ ޓީވީ، ސެލޫން ޕާޓްނާ އަކަށް ސްކިން ކޭންޑީ އަދި ރެސްޓޯރެންޓް ޕާޓްނާ އަކަށް ސޮއިކޮށްފައިވަނީ ވިލެޖް ކޮފީ އެންޑް ޓީ އެވެ.